ސްޓްރޯބެރީން ތިނޯސް ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ވަނީ ކަންބޮޑުވުން އިތުރުވެފައި.
20 ސެޕްޓެމްބަރ 2018 - 19:57
ސިޑްނީ (ސެޕްޓެމްބަރު 20) - ސްޓްރޯބެރީ އަށް ތިނޯސް ލައިގެން އާއްމު ރައްޔިތުން ނުރައްކަލުގެ ތެރެއަށްލީ ބަޔަކު އެނގިއްޖެ ނަމަ އެ ބައެއްގެ އަދަބަކީ 15 އަހަރަށް ޖަލަށްލުން ކަމަށް އޮސްޓްރޭލިއާ އިން މިއަދު ބުނެފި އެވެ.
ކާބޯތަކެއްޗަށް ނުރައްކާވާދަ ގޮތްގޮތް ހަދާ މީހުންނަށް ކުރިން ދޭ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް އެ ގައުމުގެ ޕާލަމެންޓުން އެ އަދަބު މިއަދު ވަނީ 15 އަހަރަށް ބަދަލު ކުރަން ފާސްކޮށްފަ އެވެ. ސްޓްރޯބެރީ ހައްދާ ފަރާތްތަކުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
ގާތްގަނޑަކަށް 116 މިލިއަން ޑޮލަރުގެ އަގުހުރި އިންޑަސްޓްރީ އަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވަނީ މިއީ ޓެރަރިޒަމާ އެއްފަދަ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ފުލުހުން ބުނީ ސްޓްރޯބެރީން ތިނޯސް ފެނުނު 100 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ސްޓްރޯބެރީ ކެއުމުގެ ކުރިން ރަނގަޅަށް ޗެކް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ތިނޯހެއް އޮތް ސްޓްރޯބެރީއެއް ކެވުނު މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.
ސްޓްރޯބެރީން ތިނޯސް ފެންނަ މައްސަލަ މިދިޔަ ހަފުތާގައި ފުރަތަމަ ފާހަގަވެފައި ވަނީ ކްއީންސްލޭންޑުންނެވެ. އޭގެ ފަހުން ނިއު ސައުތު ވޭލްސް، ވިކްޓޯރިއާ، ދި އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ އަދި ސައުތު އޮސްޓްރޭލިއާ އާއި ޓެސްމޭނިއާ އިން ވެސް ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy