ޚާލިދާ ޒިޔާގެ ދަރިކަލުން އުމުރަށް ޖަލަށްލާން ހުކުމް އިއްވައިފި

ޑާކާ (އޮކްޓޯބަރު 10) - ބަންގްލަދޭޝްގެ މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން 2004 ވަނަ އަހަރު ދިން ހަމަލާގައި ބައިވެރިވި ކަމަށް ބުނެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގު ރަހުމާނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.


ޚާލިދާ ޒިޔާ ވެސް މިހާރު ހުންނެވީ ކޮރަޕްޝަނުގެ ކުށުގައި ޖަލުގަ އެވެ. އެކަމަނާގެ ސިއްހީ މައްސަލަތައް ބޮޑުވުމުން މިހާރު ވަނީ ޑާކާގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. ޚާލިދާ ޒިޔާގެ ދަރިކަލުންނަށް ހުކުމް އިއްވި އިރު އޭނާ ހުރީ ލަންޑަނުގަ އެވެ. ޚާލިދާ ޒިޔާ ޖަލުގައި ހުންނަވާތީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވަގުތީ ޗެއާމަންކަން ކުރައްވަނީ ރަހުމާން އެވެ. ރަހުމާންގެ މައްޗަށް ކުރިން ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ބީއެންޕީގެ ސީނިއާ ލީޑަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ސްޓޭޓް މިނިސްޓަރު ލުތުފުއްޒަމާން ބާބަރު އަދި ކުރީގެ ޑިޕިއުޓީ މިނިސްޓަރު އޮފް އެޑިއުކޭޝަން އަބްދުއްސަލާމް ޕިންތޫގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.

ހަސީނާ ބައިވެރިވެވަޑައިގެންނެވި އަވާމީ ލީގުގެ އެއްވުމަކަށް އަތު ބޮމުގެ ހަމަލާ ދިނީ އޮގަސްޓް 21، 2004 ގަ އެވެ. އޭރު ހަސީނާ އަކީ އިދިކޮޅު ލީޑަރެވެ. އެ ހަމަލާ އިން ހަސީނާ ސަލާމަތްވީ ޕާޓީގެ ބައެއް ލީޑަރުން އެކަމަނާ އަށް ހިމާޔަތް ދިނުމުންނެވެ. ހަމަލާގައި 20 މީހުން މަރުވި އެވެ. އޭގެ ތެރޭގައި އަވާމީ ލީގުގެ ލީޑަރެއް ކަމަށްވާ އިވީ ރަހުމާން ވެސް ހިމެނެ އެވެ.