ތޫފާންގައި އިންޑިއާގެ އިރުމަތީގެ އޮޑިޝާ އިން ބައެއް ގަސްތައް ވެއްޓިފައި. --ފޮޓޯ:އޭއެފްޕީ
11 އޮކްޓޯބަރ 2018 - 14:57
ނިއު ދިއްލީ (އޮކްޓޯބަރު 11) - ބާރުގަދަ ތޫފާނެއް އިންޑިއާގެ އިރުމަތީގެ ހިސާބުތަކަށް މިއަދު އަރައިފި އެވެ.
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން "ޓިޓްލީ" އިންޑިއާގެ އިރުމަތީގެ ހިސާބުތަކަށް އެރި އިރު ވައިޖެހެމުން ދަނީ ގަޑިއަކު 150 ކިލޯ މީޓަރު (95 މޭލު) ގެ ބާރު މިނުގަ އެވެ. ތޫފާނުގައި އިންޑިއާ އިން ދެ މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ތޫފާން އަރާތީ އިންޑިއާގެ އިރުމަތީގެ އައްސޭރީގެ ހިސާބުތަކުން ތިން ލައްކަ މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
ތޫފާން އަރާތީ އިންޑިއާގެ އިރުމަތީގެ އޮޑިޝާގެ މަސްވެރިންތަކެއް މަސްވެރި އުޅަނދެއް އެއްގަން ކުރަނީ. --ފޮޓޯ:އޭއެފްޕީ
އިންޑިއާގެ އޮޑިޝާ ސްޓޭޓް ސަރުކާރުން ބުނީ ތިން ލައްކަ މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ގެންގޮސްފައި ވަނީ ފަސް ސަރަހައްދަކުން ކަމަށެވެ. އޮޑިޝާގެ ސްކޫލްތަކާއި ކޮލެޖްތައް އަދި ޗައިލްޑްކެއާ ސެންޓަރުތައް ބަންދުކޮށް މަސްވެރިން މަހަށް ނުފުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ބަންގްލަދޭޝްގެ އޮފިޝަލުން ވެސް ބުނެފައި ވަނީ ތޫފާން އަރައިފާނެތީ ކޮކްސް ބާޒާރު ސަރަހައްދު ސަލާމަތީ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. ބޮކްސް ބާޒާރުގައި ދަނީ މިއަންމާ އިން ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ މިލިއަނެއްހާ މީހުން ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy