ތެލް އަވީވް (އޮކްޓޯބަރު 14) - ހަމާސް އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.
"ހަމާސް އަށް އަދިވެސް މެސެޖް ނުވިސްނޭ. ހަމާސް އިން ދޭ ހަމަލާތައް ނުހުއްޓުވައިފި ނަމަ، އެހެން ގޮތަކުން ނަމަވެސް އެ މީހުން ހުއްޓުވާނަން. އެއީ ވަރުގަދަ ހަމަލާތަކަށް ވެސް ވެދާނެ،" ހަފުތާއަކު އެއް ފަހަރު ބާއްވާ ކެބިނެޓުގެ ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވި އެވެ.
ގާޒާ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި ހުކުރު ދުވަހު ވަނީ ފަލަސްތީނުގެ ހަތް މީހުން ޝަހީދުކޮށްލައިފަ އެވެ. ގާޒާގައި ހިންގާ ހަމަނުޖެހުންތަކުގެ ތުހުމަތު އިޒްރޭލުން އަޅުވަނީ ހަމާސްގެ ބޮލުގަ އެވެ. އެ ހަމަނުޖެހުންތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން ހުއްޓާލައިފަ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ވިދާޅުވީ ގާޒާ ސްޓްރިޕަށް އަލުން ތެޔޮ ސަޕްލައި ކުރަން ފަށާނީ ހަމަނުޖެހުންތައް ހުއްޓާލުމުން ކަމަށެވެ.
މާޗް 30 ވަނަ ދުވަހުން ފެށިގެން ގާޒާ ބޯޑަރުގައި ހިންގާ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 205 މީހުން ޝަހީދުކޮށްލައިފަ އެވެ.