އިސްތިއުފާ ދިން އިޒްރޭލުގެ ޑިފެންސް މިނިސްޓަރާ ދެކޮޅަށް ހަމާސް އިން އަޑުއުފުލަނީ. --ފޮޓޯ:އޭއެފްޕީ
15 ނޮވެމްބަރ 2018 - 11:37
ގާޒާ (ނޮވެމްބަރު 15) - އިޒްރޭލުގެ ހަރުކަށި ވިސްނުމުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން އިސްތިއުފާ ދިނުމަކީ ސިޔާސީ ގޮތުން ލިބުނު ކާމިޔާބެއް ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހުރީ ވިދާޅުވީ ލީބަމަން އިސްތިއުފާ ދިނުމަކީ ފަލަސްތީނުގެ އިހްތިޖާޖުގެ ކުރިމަތީ އިޒްރޭލް ފެއިލްވުން ކަމަށެވެ. އަދި ގާޒާގެ ހިތްވަރުގަދަ ހަރަކާތަކީ އިޒްރޭލަށް ލިބުނު ޝޮކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލީބަމަން އިސްތިއުފާ ދީފައި ވަނީ ހަމާސްގެ އަމާޒުތަކަށް ދޭ ހަމާލަތައް ހުއްޓާލަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން އެއްބަސްވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 15 މީހުން ޝަހީދުވި އިރު އިޒްރޭލުގެ ދެ މީހުން ވަނީ މަރުވެފަ އެވެ. ހަމާސް އިން ދޭ ރޮކެޓް ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ވަނީ ގާޒާގެ އެކި ތަންތަނަށް ބޮން އަޅައިފަ އެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވި އެއްބަސްވުން ދިފާއު ކުރައްވައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ސަރުކާރުން އަބަދުވެސް އަޅާނީ ރަނގަޅު ފިޔަވަޅު ކަމަށެވެ.
ލީބަމަން އިސްތިއުފާ ދިނުމަކީ ނަތަންޔާހޫގެ ކޯލިޝަނަށް ލިބުނު ހީނަރު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޙީދު
16 November 2018
ފަލަސްތީނާއި ވަށައިގެން ތިބި ޢަރަބީންނަކީ ވަރަށް ގަޅި ބައެއް.