ޑުޓާޓެ އަވަހާރަފުޅު ލެއްޕެވޭލެއް ގިނަވުމުން ބައްދަލުވުންތައް ކަޓައިފި

ސިންގަޕޫރު (ނޮވެމްބަރު 15) - މިހާރު ކުރިއަށްދާ ސަރަހައްދީ ގައުމުތަކުގެ ބައްދަލުވުމުގައި ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަވަހާރަފުޅު ލެއްޕޭލެއް ގިނަވުމުން ބައެއް ބައްދަލުވުންތައް ކަޓައިފި އެވެ.


ފިލިޕީންސްގެ ރައީސްގެ ތަރުޖަމާނަކު ވިދާޅުވީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ ބައްދަލުވުމުގައި ބުދަ ދުވަހުގެ ބައެއް އިވެންޓުތަކުގައި ޑުޓާޓެ އަށް ބައިވެރިވެވަޑައި ނުގެންނެވުނީ އަވަހާރަފުޅުގައި އޮންނެވުމުގެ ސަބަބުން ކަމަށެވެ.

އެކަމަކު އަވަހާރަފުޅުގައި އޮންނެވުމުން ބައެއް އިވެންޓްތައް ކެޓުން ދިފާއު ކުރައްވައި 73 އަހަރުގެ ޑުޓާޓެ ވަނީ "އެކަމުގައި އޮތް މައްސަލައަކީ ކޮބައިތޯ" ސުވާލު ކުރައްވައިފަ އެވެ.

ޑުޓާޓެ މީގެ ކުރިން ވެސް ވަނީ ބައިނަލްއަގުވާމީ ބައެއް ސަމިޓްތަކާއި ފިލިޕީންސްގައި އޮތް ބައެއް އިވެންޓްތައް ވެސް ކަޓުވާލައިފަ އެވެ.

ޑުޓާޓެގެ ތަރުޖަމާން ވިދާޅުވީ އާސިއަން ސަމިޓުގެ ބައެއް އިވެންޓްތައް ކެޓީ ޑުޓާޓެ ވަރަށް ލަސްކޮށް މަސައްކަތް ކުރެއްވުމަށް ފަހު އަވަހާރަފުޅުލެއްޕެވީ ތިން ގަޑިއިރަށް ކަމަށްވާތީ ކަމަށެވެ. ޑުޓާޓެ ރަނގަޅަށް އަރާމު ކުރެއްވިތޯ ސުވާލު ކުރެއްވުމުން ތަރުޖަމާން ވިދާޅުވީ ނިދި ފުރިހަމައަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ ޑުޓާޓެގެ ސިއްހީ މައްސަލައެއް ނެތް ކަމަށާއި ހަމައެކަނި މައްސަލައަކީ ބުރަކޮށް އުޅުއްވުން ކަމަށެވެ. ޑުޓާޓެ ވެސް ވަނީ މަސައްކަތުގެ ސަބަބުން އޭނާ އަށް ވަރުބަލިކަން އިހްސާސް ކުރެވިއްޖެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.