މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބުގެ އަނބިކަނބަލުން ރަސްމާ (މ) ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އީޕީއޭ
16 ނޮވެމްބަރ 2018 - 12:45
ކުއާލަ ލަމްޕޫރު (ނޮވެމްބަރު 16) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ކޮރަޕްޝަނުގެ ދެ ދައުވާއެއް ކޮށްފި އެވެ.
ޕްރޮސެކިއުޓަރުން ބުނީ ސަރުކާރުގެ ޕްރޮޖެކްޓެއް ކުންފުންޏަކަށް ހޯދައިދީގެން ރިޝްވަތުގެ ގޮތުގައި ރަސްމާ 189 މިލިއަން ރިންގިޓް (45.12 މިލިއަން ޑޮލަރު) ހޯދާފައިވާ ކަމަށެވެ. ރިޝްވަތު ނަގާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އިރުމަތީގެ ސަރަވަކް ސްޓޭޓުގެ ސްކޫލްތަކުގެ 1.25 ބިލިއަން ރިންގިޓް (298.4 މިލިއަން ޑޮލަރު) ގެ ސޯލާ ޕްރޮޖެކްޓަކުން ކަމަށެވެ. ރަސްމާ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ވެސް ރަސްމާގެ މައްޗަށް ވަނީ 17 ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންގެ މައްސަލަތައް ވެސް ހިމެނެ އެވެ. އެ ދައުވާތަކަށް ވެސް ރަސްމާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ނަޖީބުގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ 30 އަށް ވުރެ ގިނަ ދައުވާ އުފުލައިފަ އެވެ. އެންމެ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފައި ވަނީ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގަ އެވެ. ނަޖީބާ ގުޅުން ހުރި ތަންތަނުން ފުލުހުން ޖުލައި މަހު ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމްބޯ
16 November 2018
ރާއްޖޭގެ ރަސްމާގެ ޙާލަތު ހުންނާނެ ގޮތް ހަމަ ހިތައް އަރަނީ
bakari
16 November 2018
ފައުޑޭޝަންވެސް ބަންދުކޮއްފިޔޯ އެބަކިޔާ.