ތެލް އަވީވް (ޑިސެމްބަރު 5) - ގެވެށި އަނިޔާއާ ދެކޮޅަށް އިޒްރޭލުގެ ގިނަ އަދަދެއްގެ އަންހެނުން މުޅި ގައުމުގައި އިއްޔެ މުޒާހަރާ ކޮށްފި އެވެ.
އިޒްރޭލުގައި މި މުޒާހަރާ ކޮށްފައި ވަނީ މިދިޔަ ހަފުތާގައި ދެ އަންހެން ކުއްޖަކު މަރާލި ހާދިސާ އަށް ފަހު އެވެ. އިޒްރޭލުގެ މީޑިއާތަކުން ބުނި ގޮތުގައި މި އަހަރު ތެރޭ އެ ގައުމުގައި މަރާލި އަންހެނުންގެ އަދަދު 24 އަށް އަރަ އެވެ.
އިޒްރޭލުގެ ގިނަ އަންހެނުން އިއްޔެ ވަޒީފާއަކަށް ނުދެ އެވެ. ގިނަ ސިޓީތަކެއްގައި އެ މީހުން ވަނީ ބޯޑުތައް ހިފައިގެން ނުކުމެ މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާ އަށް ނުކުތް މީހުން ވަނީ މަރާލި 24 އަންހެނުންގެ ހަނދާނުގައި ސްކޫތެއް ގެނެސްފަ އެވެ.
މުޒާހަރާ އަށް ނުކުތް މީހުން ވަނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އިޝާރާތްކޮށް "ލެއަކީ އަގެއް ނެތް އެއްޗެއް ނޫން ކަމަށް" ގޮވައިފަ އެވެ. ބައެއް މަގުތަކުގައި ރަތް ދަވާދު ލުމަށް ފަހު ވަނީ އެއީ މަރުވި މީހުންގެ ލޭގެ ރަމްޒެއް ކަމަށް ދައްކައިފަ އެވެ.
އަންހެނުން ތިބޭ މަރުކަޒަކަށް ދާދި ފަހުން ޒިޔާރަތް ކުރެއްވުމަށް ފަހު ނަތަންޔާހޫ ވަނީ ގެވެށި އަނިޔާއާ ދެކޮޅަށް ސަރުކާރުގެ ކޮމިޓީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.