ޝަރަވަކް ސްޓޭޓުގެ ވެރިރަށް ކުޗިންގެ ޝޮޕިން މޯލެއްގައި ބާރުގަދަ އެއްޗެއް ގޮވައި ލިބުނު ގެއްލުންތައް ސަލާމަތީ ފަރާތްތަކުން ބަލަނީ. --ފޮޓޯ:އޭއެފްޕީ
05 ޑިސެމްބަރ 2018 - 10:52
ކުއާލަ ލަމްޕޫރު (ޑިސެމްބަރު 5) - މެލޭޝިއާގެ ސަރަވަކް ސްޓޭޓުގެ ޝޮޕިން މޯލެއްގައި ބާރުގަދަ އެއްޗެއް އިއްޔެ ގޮވައި ތިން މީހުން މަރުވެ 24 މީހުން ޒަޚަމްވެއްޖެ އެވެ.
އަލިފާން ނިއްވާ އޮފިޝަލުން ބުނެފައި ވަނީ އެއީ ބޮމެއް ނޫން ކަމަށެވެ. ރަސްމީ ބަރްނަމާ ނިއުސް އެޖެންސީން ބުނެފައި ވަނީ އެއީ ގޭސް ޓޭންކެއް ލީކް ވެގެން ގޮވި ގޮވުމަކަށްވުން އެކަށީގެންވާ ކަމަށެވެ.
ސްޓޭޓުގެ ވެރިރަށް ކުޗިންގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ވެރިޔާ ވަން އަބްދުލް މުބީން ވިދާޅުވީ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެއީ ބޮމެއް ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި އެއީ ސިޓީގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރަވަކް ސްޓޭޓުގެ ވެރިރަށް ކުޗިންގެ ޝޮޕިން މޯލެއްގައި ބާރުގަދަ އެއްޗެއް ގޮވުމުން ޒަޚަމްވި މީހަކު މެލޭޝިއާގެ ރެސްކިއު ޓީމުން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
އޭނާ ވިދާޅުވީ އެއްޗެއް ގޮވާފައި ވަނީ ޝޮޕިން މޯލުގެ ގްރައުންޑް ފްލޯގައި ހުރި ސްޓޯރަކާ ކައިރިން ކަމަށެވެ. އަދި އެއީ މަރާމާތު ކުރަމުން ދިޔަ ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ގޮވި އަޑުފައްގަނޑު އިވުނު އިރު އަހަރެން ހުރީ ފިހާރައިގެ ކުރިމަތީ ހުރި ތަނަކުން ޕިއްޒާއެއް ގަންނަން ގޮސް. ކުއްލި އަކަށް ފިހާރައިގެ ތިބި މީހުން ނުކުންނަން ފެށި،" ޖޯޖް ސްޓިންގް، 39، ބުންޏެވެ.
ޝޮޕިން މޯލާ ކައިރީގައި އާއިލާގެ މެންބަރުންނާ އެކު އިށީނދެގެން އިން ވިނަ ސިމިއޮނީ، 46، ބުނީ ގޮވި އެއްޗެއްގެ ބާރުގަދަވުމުގެ ސަބަބުން އެ މީހުންގެ މޭޒް ވިއްސައިގެން ދިޔަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
05 December 2018
ތި ވާނީ ކުރީގެ ރައީސް ލޯންޗު ކޮޅުގައިވެސް ގޮވިކަހަލަ ގެ ބޮމަކައް މީތި ތަހުގީގު ކުރެވޭނީ ސައުދީގެ މީހުންނައް މިކަން މެލޭޝިޔާ ސިގައިން ކޮށްގެން ކަމަކުނުދާނެ