ދުނިޔެ / ހާމިދު ކަރުޒާއީ

ނިކަމެެއްޗަކަށްވީތީ އެހީވި، ރައީސަކަށް ވީތީ ދިނީ ފުރަގަސް!

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ވާހަކަފުޅުދައްކަވަނީ. --ފޮޓޯ: އޭއެފްޕީ

ދަނާލުން ނުކުމެވަޑައިގެން ހިޔާލެއް ފިކުރެއް ނެތި އޭނާ ހިންގަވަމުން ގެންދެވީ ކޮލެޖާ ދިމާލަށެވެ. އިންޑިއާގެ ޝިމްލާގައި ކިޔަވާވިދާޅުވަމުން ގެންދެވި އަފްޣާނިސްތާނުގެ އެ ދަރިވަރުގެ ހިނގުމަށް ހުއްޓުން އެރީ ކައިރިންލާފައި ދިޔަ ދެ އަންހެން ކުދިން ދައްކަމުން ދިޔަ ވާހަކަ ކަންފަތުގައި ޖެހުމާ އެކު އެވެ. "ސޯވިއެޓް ޔޫނިއަނުން އަފްޣާނިސްތާން ހިފައިފި!" އޭ ބުނި އަޑު އިވުމާ އެކު، ޝިމްލާގެ އެ ފިނި މާހައުލުގައި ގަނޑުވެފައި އޮތް އޭނާގެ ހިތް ތެޅެން ފަށައި، ހަށިގަނޑުގައި ވަތަނީ ލޭ ކެކެން ފެށި އެވެ. އުމުރުން 22 އަހަރުގެ އެ ޒުވާނާ އަށް އިހުސާސްކުރެވެން ފެށީ އޭނާގެ ޝަރަފާއި ފަހުރު ވެއްޔާ މޮޑެވެނީ ކަމެވެ. ނިންމެވީ ވަގުތުން އެނބުރި ގައުމަށް ވަޑައިގަތުމަށެވެ.

އެއީ އަފްޣާނިސްތާނުގެ ރައީސްކަން 2001 އިން 2014 އަށް ކުރެއްވި ހާމިދު ކަރްޒާއީގެ އިންގިލާބީ އަދި ސިޔާސީ ހަޔާތްޕުޅުގެ ފެށުމެވެ. އެނބުރި ގައުމަށް ވަޑައިގެން އެންމެ ފުރަތަމަ ރެފިއުޖީންނަށް އެހީވުން ފަދަ ކަންކަމުގައި އުޅުއްވި ނަމަވެސް، ސޯވިއެޓުންނާ ދެކޮޅަށް އަފްޣާނިސްތާނުގައި އުފެދުނު މުޖާހިދީންގެ ހަރަކާތްތަކާ ރަސްމީކޮށް ގުޅިވަޑައިގަތެވެ. އެމެރިކާގެ މަދަދު ލިބިގެން ކޮމިއުނިޒަމާ ދެކޮޅަށް ކުރެވުނު ސޯވިއެޓް-އަފްޣާން ހަނގުރާމައިގައި އޭނާ ކުޅުއްވީ އަސްކަރީ ރޯލަކަށް ވުރެ ބޮޑަށް ސިޔާސީ ރޯލެކެވެ. ނަތީޖާއަކަށްވީ ސޯވިއެޓުންގެ ބާރުކެނޑި، 1992 ވަނަ އަހަރު އުފެދުނު މުޖާހިދީންގެ ފުރަތަމަ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ނައިބުގެ މަގާމަށް އޭނާ އައްޔަންކުރެއްވުމެވެ.

އިންޑިއާގެ ޖައިޕޫރުގައި ބާއްވާ ލިޓްރޭޗާ ފެސްޓިވަލަށް މެހެމާނެއްގެ ގޮތުގައި ވަޑައިގެން އޭނާ އެ ހުރިހާ ވާހަކަތަކެއް ހިއްސާކުރައްވަމުން ގެންދެވީ އޭނާގެ ޒުވާން ދުވަސްވަރާ އިންޑިއާއާ އޮތް ގުޅުން ސިފަކޮށްދެއްވަމުންނެވެ. މިއަދު ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވި ކަރްޒާއީ އެ ހަވީރީ އެއްވުމުގައި އޭނާގެ ސިޔާސީ ހަޔާތްޕުޅުގެ ވަރަށް ގިނަ ތަޖުރިބާތައް ހިއްސާކުރެއްވި އެވެ. އޭގެ ތެރެއިން ވެސް، ކަރްޒާއީއާ އިންޓަވިއުކުރައްވަމުން ގެންދެވި ސްކޮޓްލެންޑުގެ ތާރީޚީ އިލްމުވެރިޔާ އަދި ލިޔުންތެރިޔާ ވިލިއަމް ޑަލްރިމްޕަލް އެންމެ ބޮޑަށް ޝައުގުވެރިވީ، ރައީސަށް ވީތީވެ ކަރްޒާއީ އަށް ސަމާލުކަމެއް ނުދެއްވި މީހެއްގެ ވާހަކައަށެވެ. އެ އާދަޔާޚިލާފު ހާދިސާއާ ހަމަޔަށް ކަރްޒާއީ ގެންދެވީ އޭނާގެ ހިއްސާ އޮވެ އުފެދުނު އެ ސަރުކާރުގައި ރެނދުލައި ފަހުން، އަނެއްކާ ވެސް ސިޔާސީ ބާރުވެރިކަން ހޯއްދަވަން ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ ދައްކަވަމުންނެވެ.

އޭރު އަފްޣާނިސްތާނުގެ މުޖާހިދީންގެ ތެރޭގައި ބައިބައިވުން އުފެދި އޭގެ ތެރެއިން އެއް ޖަމާއަތް ކަމަށްވާ ތާލިބާނުންގެ ވެރިކަމެއް އޮތީ ފެށިފަ އެވެ. އަފްޣާނިސްތާނުގެ ވަރަށް ގިނަ ބަޔެކޭ އެއްގޮތަށް ކަރްޒާއީ ވެސް ތާލިބާނުންނަށް ތާއީދުކުރެއްވި އެވެ. އެކަމަކު އަފްޣާނިސްތާނުގެ ސަގާފަތާއި އުސޫލުތަކާއި އެއްބައިވަންތަކަން ނަގާލަން ތާލިބާނުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، ތާލިބާނުންނާ ދުރުވެވަޑައިގަތެވެ.

އަދި ގައުމު ހަމަޔަކަށް އެޅުއްވުމަށްޓަކައި، ޕާކިސްތާނުގައި ރެފިއުޖީއެއްގެ ގޮތުގައި ހުންނަވައިގެން މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ. އޭރު އޭނާ އޮތީ ތާލިބާނުންނާ ދެކޮޅު މީހެއްގެ ގޮތުގައި ލޭބަލްކުރެވިފަ އެވެ. ނަތީޖާއަކަށްވީ، ދުޝްމަނުންގެ ހަމަލާއެއްގައި ކަރްޒާއީގެ ބައްޕާފުޅު އަބްދުލްއަހަދު ކަރްޒާއީ އަވަހާރަކޮށްލުމެވެ. އެކަމަކު އިސްލާހީ މަސައްކަތްޕުޅު އޭނާ ފެއްޓެވީ، އެކަމުގެ ނުރައްކާ އެނގިވަޑައިގެން ކަމަށްވާތީ، އެއީ އޭނާ ހުއްޓުވާލެވުނު ކަމަކަށް ނުވި އެވެ. އަދި ބައްޕާފުޅު އަމިއްލަފުޅު ވަޒަނުގައި ފަސްދާނުލެއްވުމަށްޓަކައި ގަބުރު އަފްޣާނިސްތާނަށް ގެންދެވި އެވެ. އޭނާ އަށް ވެސް ހަމަލައެއް އަތުވެދާނެ ކަމަށް ބުނެ އެ ގައުމަށް ދަތުރުނުކުރުމަށް އެތައް ބަޔަކު އެދުނު ނަމަވެސް އެކަން ކުރެއްވި އެވެ.

އޭގެ ފަހުން ދެ ވަނަ ފަހަރަށް އޭނާ އަފްޣާނިސްތާނަށް ވަދެވަޑައިގަތީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާ އަށް ދިޔަ ޓެރަރިސްޓް ހަމަލާއަށް ފަހު އެމެރިކާ އިން އަފްޣާނިސްތާނަށް އަރަން ތައްޔާރުވެފައިވަނިކޮށެވެ. ޑަލްރިމްޕަލް ސިފަކުރެއްވި ގޮތުގައި ކަރުޒާއީ އަފްޣާނިސްތާނަށް ދެ ވަނަ ފަހަރަށް ވަޑައިގަތަކީ މި ޒަމާނުގެ ތާރީހު ދުށް އެންމެ ހަލަބޮލި ވަގުތު އެވެ. އެކަމަކު ކަރްޒާއީ އެކުރެއްވި "މޮޔަ" ކަންތައް ސިފަކުރެއްވީ ޒުވާންކަމުގެ ޖޯޝުގައި ކުރެއްވި ކަމެއްގެ ގޮތުގަ އެވެ.

"ޒުވާން ދުވަސްވަރު ހިތްވަރު ހުންނާނެ. އުމުރުން ދުވަސްވާވަރަކަށް ސަމާލުވެގެން އުޅޭނީ. ކަލޭމެން ސާޅީސް އަހަރަށް ޒުވާން ކިޔަންޏާ އަހަރެން އޭރު ޒުވާން،" ކަރްޒާއީ ސަމާސާކޮށްލެވި އެވެ.

ޖައިޕޫރު ލިޓްރޭޗާ ފެސްޓިވަލުގައި ކަރްޒާއީ (ކ) އާ ޑަލްރީމްޕަލް އިންޓަވިއުކުރައްވަނީ. -- ފޮޓޯ: ސަންތޯސް ޝަރްމާ

އެފަދަ ސަމާސާ ވާހަކަތައް ބޭނުންކުރައްވައިގެން ކަރްޒާއީ ގެންދެވީ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ގެންދެވޭތޯ އެވެ. އެކަމަކު ޑަލްރިމްޕަލް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ސުވާލުކުރަމުން ގޮސް އެއްކަލަ މީހާގެ ވާހަކަ އެހި އެވެ.

"ކަލޭ އަށް ޔަގީންތަ މިތާ މިތިބަ ޒުވާނުން އެފަދަ ހިތާމަވެރި ވާހަކަ އަޑުއަހާ ހިތްވާނެކަން؟" ކަރްޒާއީ ސުވާލުކުރެއްވި އެވެ. އެކަމަކު އެ ތަނަށް އެއްވެ ތިބި އިންޑިއާގެ ޒުވާނުން އެދުނީ އެ ވާހަކަ ވިދާޅުވެ ދެއްވުމަށެވެ.

އެއީ ސެޕްޓެމްބަރު 11 އަށް ފަހު އަފްޣާނިސްތާނަށް ސިއްރު ސިއްރުން ވެދެވަޑައިގެން އުޅުއްވި ދުވަސްވަރެވެ. އޭނާ 150 މީހުންގެ "ފައުޖަ"ކާ އެކު ފަރުބަތަކުގެ ތެރޭގައި ހުންނަވަނިކޮށް ތާލިބާނުން ހަމަލާ ދިނީ އެވެ. އެކަމަކު ރައްދު ހަމަލާ ދޭން ބޭނުންނުވުމުން، އެހެން ދިމާލަކަށް މިސްރާބު ޖެއްސެވި އެވެ. އެހިސާބުން އެކުގައި ތިބި ގިނަ މީހުން ވެސް އަނބުރާ ގެޔަށް ފޮނުވާލެއްވި އެވެ. އަދި 11 މީހުންނާ އެކު 80 ކިލޯމީޓަރުގެ ރާސްތާއެއް ފައިމަގުގައި ކަޑައްތުކުރެއްވި އެވެ. އެހިސާބުން ދިމާވި މީހެކެވެ. އެކަހެރި ހިސާބެއްގައި ދިރިއުޅުނު ނަމަވެސް ރޭޑިއޯ އަޑުއަހާތީ، ކަރްޒާއީމެންނަކީ ކޮން ބައެއްކަން އެ މީހާ ދެނެގަތެވެ. އަދި އެގެއިން މެހެމާންދާރީ އަދާކުރި އެވެ. އެއަށް ފަހު އަނެއްކާ ވެސް ކަރްޒާއީ އެހެން ދިމާލަށް މިސްރާބު ޖެއްސެވި ނަމަވެސް ދިޔަ އަވަށުން ރޭގަނޑު ނިދާނެ ތަނެއް ނުލިބުމުން މަޖުބޫރުވެވަޑައިގަތީ އަނބުރާ އެ މީހާގެ އެހީ ހޯއްދެވުމަށެވެ. މި ފަހަރު ވެސް ކާންދީ މެހެމާންދާރީ އަދާކުރި އެވެ. އަދި ތާލިބާނުގެ އަތުނުވާނެ ގޮތަކަށް ދާނެ މިސްރާބު ކިޔައިދީ ދަތުރުމަތީގައި ކާނެ ބަދަނާއި ބަނަސް ވެސް ދިނެވެ.

"އަހަރެމެން އެގެއިން ދިޔަތާ ފަސް ވަރަކަށް ގަޑިއިރު ފަހުން (ތާލިބާނުންނަށް އެނގިގެން) އެ ގެއަށް ގޮސް އޭނާ އަށް ވަރަށް އަނިޔާކުރި. އެކަމަކު އޭނާ ހަމަ ހިލާ އަހަރެމެން އެ ގެ އަށް ދިޔަކަމެއް އެއްބަހެއް ނުވި އަދި އަހަރެމެންނަކީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށް ބުނި،" ކަރްޒާއީ ވިދާޅުވި އެވެ.

އޭނާގެ އެ ހިތްވަރުގަދަ އަމަލު ވެގެންދިޔައީ ތާލިބާނުންގެ އަތްދަށުނުވެ ކަރުޒާއީ ސަލާމަތްވެވަޑައިގަތުމަށް މެދުވެރިވި ސަބަބަށެވެ. ނަތީޖާއަކަށްވީ އޭގެ މަހެއްހާ ދުވަސް ފަހުން އުފެދުނު އާ ސަރުކާރުގެ ރައީސްގެ މަގާމް ފުރުއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. އެއާ އެކު އެއްކަލަ މީހާގެ އަގު އަދާކުރުމުގެ ގޮތުން ކަރްޒާއީ އޭނާ ކާބުލަށް އައުމަށް މެސެޖެއް ފޮނުވި އެވެ.

"އެކަމަކު އޭނާ އަޅާނުލި. ބުނި ކަލޭތީ މިހާރު ރަސްގެފަނޭ އަހަރެން ބޭނުމެއް ނޫނޭ ތިޔަ ތަނަކަށް ދާކަށް،" ކަރްޒާއީ ވިދާޅުވި އެވެ.

އޭގެ އަހަރެއް ފަހުން ކަރުޒާއީ އޭނާގެ ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅެއްގައި އަނެއްކާ ވެސް ދައުވަތު ދެއްވި އެވެ. މިހާރު ތިމަންނާ މިހިރީ ކަލޭގެ އަވަށުގައޭ ދެން އަންނާށޭ ވިދާޅުވުމުން ހެނދުނުގެ ސަޔަކަށް އައެވެ.

"އައިސް ވަރަށް ފަރުވާ ކުޑަކަށް ގޮތަށް އަހަރެން ގާތު އަހާލި ކަލޭގެ ހާލު ކިހިނެއްހޭ؟،" އެ ވާހަކަ ވިދާޅުވަމުން ކަރްޒާއީ ހިނިފުޅުވެޑުވި ގޮތުން، އެ މީހާއާ މެދުގައި ހިތްޕުޅުގައި އޮތް ލޯތްބާއި އިހުތިރާމް ވަރަށް ބޮޑަށް ފާޅުވި އެވެ. "ވަރަށް ލޯބިވެތި މީހެއް އެއީ،"

އެ މީހާ ކަރްޒާއީ އަށް އެހީވީ އަދި ދެން ވެސް އެހީވާން ބޭނުންވީ ކަރްޒާއީ ނިކަމެތިވެ ހާލުގައި ޖެހުނު ދުވަހެވެ. ކަރްޒާއީ އަށް ވެރިކަން ލިބުނު ދުވަހު އޭގެ ފޮނި މީރުކަން އެ މީހާ ބޭނުމެއް ނުވި އެވެ. ގަނޑުވަރަށް ދިއުމަށް، ރައީސާ ބައްދަލުކުރުމަށް ޝައުގުވެރިއެއް ނުވެ އެވެ. ކަރްޒާއީގެ ހަޔާތްޕުޅުގައި ދިމާވި އެފަދަ ހާދިސާތަކުގެ ތެރެއިން ވެސް، ޑަލްރީމްޕަލް އެންމެ ޝައުގުވެރިވީ ވާހަކައަށް އެ ވާހަކަވީ އެއީ އާރާއި ބާރާއި ފައިސާގެ ދަހިވެތިކަމުގައި އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައިވާ މިފަދަ ޒަމާނެއްގައި ޔޯލަކޮށް ވެސް ކިޔާތީ އަޑުނާހާ ޒާތުގެ ވާހަކައަކަށްވާތީކަން ޔަގީނެވެ.

18 ކޮމެންޓް, 141 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 4%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުއްޅަބޭގެ ބަފާ

27 December 2018

އިންޑިޔާގެ އަޅުވެތިކަމަށް ވެއްޓުނު މިދިވެހި ގައުމު ސަލާމަތްކުރެވޭނީ ގާސިމްށް ނުވަތަ ޔާމީނަށް!

The name is already taken The name is available. Register?

އާންމު އާދުމީ

27 December 2018

މިތާ ކޮމެންޓުކުރާ ކުދިން ކިތަންމެ ދޮގެއްކުރަން އުޅުނަސް، ހިތް ނޭދުނަސް ތާރީޚެއް ބަދަލެއް ނުކުރެވޭނެ. އަފްޣާނިސްތާނުގެ ހާމިދު ކަރްޒާއީ ވެރިކަމަށް އައީ އެމެރިކަން ޕަޕެޓެއްގެ ގޮތުގަ. ދެން ފަހުން ގައުމުދެކެ ވީލޯތްބެއްގެ ސަބަބުން އެމެރިކާއާ އިދިކޮޅުވި. ޚުދު އެމެރިކާއިން މިކަންކަމަށް އެއްބަސްވާއިރުވެސް އަދި މީގައި އޮޅުވާލެވޭނެ ކަމެއް ނެތަސް ދިވެހިން ހަމަ އާޓިކަލެއް ކިޔާލާފަ އެހުރީ ހިތު ލޯބި ޖައްސުވާފަ. ޕަޕެޓެއްގެވެސް އިބުރަތްތެރި ތަޖުރިބާހުރެދާނެތާ.

The name is already taken The name is available. Register?

ދޮންމޫސަ

26 December 2018

މީއީމުސްލިމްޤައުމެއް ސަތޭކަޕަސެންޓް ނަމަވެސް ހިތާމަޔަކީ މިފަދަމީހުން މި ޤައުމުގަމަދުކަން ކޮންމެ މީހަކުވެސް އަމިއްލައެދުމައް

The name is already taken The name is available. Register?

ރަދީފް

26 December 2018

ހާމިދް ކަރްޒާއީ އަދި އަބްދުﷲ އަބްދުﷲ އެއީ ފަހުގެ ތާރީހެއްގަ އަފްއާނިސްތާނުން އުފެދުން ހިތްވަރުގަދަ 02 ލީޑަރުން.

The name is already taken The name is available. Register?

ޤައްޒާފީ

26 December 2018

ޝަޚްސިއްޔަތެއް .ލެޖެންޑެއް..

The name is already taken The name is available. Register?

އަބްދުއްލަބެ

26 December 2018

ގިނަ މީހުން މި ކޮމެންޓް ކުރަނީ ލިޔުން ނުކިޔާ ދޮތަ؟ މި ލިޔުމަކު ނެތް ކަރުޒާއީ މޮޅުކޮށްފައެއް. މީގައި އޮތީ އޭނާއާ ދިމާވި މީހެއްގެ ކިބާއިން ފެނުނު އާދަޔާހިލާފު ކަމެއްގެ ވާހަކަ. އަޅެ ފަހެ މީހަކު އަންތަރީސް ނުވާނެތަ.

The name is already taken The name is available. Register?

1952

26 December 2018

ނަމޫނާ މީހެއް ހިތްތިރި އޯގާތެރި މިނިވަނެއް ލިބިގަންނަން ރަނގަޅު ފިލާވަޅެއް.

The name is already taken The name is available. Register?

ދޯޕައްޓާ

26 December 2018

ކަރުޒާއީއަށް ވެރިކަން ލިބުނުގޮތަށް އެރަށު ކުޑަކުއްޖަކަށް ނޯބެލް ޕީސް ޕްރައިޒްވެސް ލިބުނު. ނަތިން އިންޓަރެސްޓިން ހިއަރ.

The name is already taken The name is available. Register?

އަބްދުﷲ

26 December 2018

އަހަރެމެން ދިވެހިން އަފްއާނިސްތާނާ ޕާކިސްތާން ރަނގަޅަށް ދަސްކުރަން ޖެހޭ. ހުޅަނގުގެ މީޑިޔާއާ އެހެންވެސް މީޑިޔާތަކުން އެތަން ސިފަކޮށްދީފައޮތީ ރަނގަޅަކަށްނޫން. އެތަންތާގަވެސް ހަމަޖެހުމާ އިންސާފަަށް ލޯބިކުރާ ހަރުކަށި ފިކުރާ ދެކޮޅު ކިތައްމެ ބައެއް އުޅޭ. ޕާކިސްތާނަކީ އަފްއާނިސްތާނަކީވެސް ރިސޯސްގިނަ ކުރިއަރާދިއުމުގެ ފުރުސަތު ބޮޑު ދެގައުމަށްވީމަ އަދުއްވުން އެދެގައުމު ހިންދެމިލިޔަ ނުދެނީ. އެހެނަސް އިރާދަކުރެއްވިއްޔާ މިކަންވެސް އަދި މާޒީއަށް ވާނެ.

The name is already taken The name is available. Register?

ފެއިލިއާ

26 December 2018

މިތާ ޕަޕެޓޭ ކިޔާ ކޮމެންޓު ކުރާ މީހުންނަށް މިލިޔުމުގައިވާ އެއްޗެއް ދޭހަ ނުވާކަން ހާމަވޭ.

The name is already taken The name is available. Register?

ނައިންޓީ

26 December 2018

ހާމިދު ކަރުޒާއީއަކީ އަފްޣާނިސްތާނުގައި ވެރިކަން ކުރި އެމެރިކާގެ ޕަޕެޓެއް. އެއީ ދިވެހިރާއްޖެއަށް ރ.ނަޝީދު ހުޅަނގުގެ ޕަޕެޓަކަށް ވީފަދަ ގައުމުދެކެ ލޯބިވާނަމުގައި ގައުމުން އެހެނބަޔަކަށް ފައިދާ ކޮށްދޭ ބައެއް. އެއީ ރަނގަޅުބައެއް ނޫން. އެމީހުން އަބަދު ގެންގުޅޭނީ ސިޔާސީ ވާދަވެރިކަމާ ސިޔާސީ ހަނގުރާމަވެރިކަން.

The name is already taken The name is available. Register?

؟؟؟؟؟؟

26 December 2018

ކަރުޒާއީ އާ ނަޝީދު އަޅާނުކިޔާ

The name is already taken The name is available. Register?

ކަރަންފޫ

27 December 2018

ކަރުޒާއީ އެއްމެ ކުޑަމިނުން އޭނަގެ ގައުމުދެކެ ލޯބިވޭ. ނަޝީދުގޮތަށް ބޭރުސިފައިންނަށް ގޮވާ އިޤްތިސާދު ހަލާކުކޮށްފައެއްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454