މައިންގައި މީހުން ތާށިވީ ޑިސެމްބަރު 13 ވަނަ ދުވަހު. --ފޮޓޯ:ރޮއިޓާސް
17 ޖެނުއަރީ 2019 - 13:30
މެގަލަޔާ (ޖެނުއަރީ 17) - އިންޑިއާގެ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ މެގަލަޔާގައި މައިން ނަގާ ވަޅެއްގައި ތާށިވި 15 މީހުންގެ ތެރޭން އެކެއްގެ ހަށިގަނޑު އިންޑިއާގެ ކަނޑުގެ ސިފައިންގެ ޑައިވަރުން 35 ދުވަސް ފަހުން ހޯދައިފި އެވެ.
ގަވާއިދާޚިލާފަށް ހަދާފައި ހުންނަ މައިން ނުވަތަ "މީދާ ހޮރު" ތަކަށް މައިން ނަގާ މީހުން ވަދެފައި ވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެކަމަކު ކައިރީގައިވާ ކޯރެއް ބަންޑުންވެގެން މައިން ތެރެއަށް ފެން ވަދެ އެ މީހުން ވަނީ މައިންގައި ތާށިވެފަ އެވެ.
އިންޑިއާ ސިފައިން ބުނީ މައިނަށް ފޭބި މީހުންގެ ތެރޭން އެކެއްގެ ހަށިގަނޑު ފެނިފައި ވަނީ 160 ފޫޓް (48 މީޓަރު) އަޑިން ކަމަށެވެ. ހަށިގަނޑު ހޯދީ އަންޑަވޯޓާ ވެހިކަލެއް ބޭނުންކޮށްގެންނެވެ. ބާކީ ތިބި 14 މީހުންނާ ބެހޭ މައުލޫމާތެއް އަދި ނޭނގެ އެވެ. އެ މީހުން ދިރިތިބި ކަމެއް ވެސް ނޭނގެ އެވެ. މީގެ ކުރިން ވަނީ ތިން މީހެއްގެ ހެލްމެޓް ފެނިފަ އެވެ. މައިންގެ ފުން މިނުގައި 370 ފޫޓް (112 މީޓަރު) ހުރެ އެވެ.
#MeghalayaMineTragedy #Flash One body detected by Indian Navy Divers using Underwater ROV at a depth of approx 60 feet and 210 feet inside a rat-hole mine @SpokespersonMoD @DefenceMinIndia @nsitharaman @PMOIndia pic.twitter.com/sP1sv6ikRn
— SpokespersonNavy (@indiannavy) January 17, 2019
އިންޑިއާގެ ނޭވީގެ ޓްވީޓް
ސިފައިން ބުނީ ހަށިގަނޑު މައިނުން ނެރޭނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.
މައިންގައި ތާށިވި މީހުން ސަލާމަތް ކުރުމުގައި 200 ވަރަކަށް މީހުން ހަރަކާތްތެރިވި އެވެ. މައިން ނަގާ މީހުން ސަލާމަތް ކުރުމަށް އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) އާއި ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެސްޑީއާރްއެފް) އަށް ހުރަސް އެޅިފައި ވަނީ އެކަށީގެންވާ ސާމާނު ނެތުމުން ކަމަށް ވަނީ ބުނެފަ އެވެ. މީގެ ކުރިން މައިން އިން ފެން ހިއްކަމުން ދިޔައީ ދެ ޕަމްޕް ބޭނުންކޮށްގެންނެވެ.
ރެޓް ހޯލް ނުވަތަ މީދާ ހޮރުގެ ނަމުން މަޝްހޫރު މައިންތައް ހަދާފައި ހުންނަނީ ބޯޓު ދެލި ނެގުމުގެ ބޭނުމުގައި އެކި މީހުން ގަވާއިދާޚިލާފަށް ކޮނެގެންނެވެ. މި ގޮތަށް ވަޅު ކޮނެ އޮނުން ހަރުގަނޑު ހަދައިގެން މައިނަށް ފައިބައިގެން ބޯޓު ދެލި ނަގަ އެވެ. މި ގޮތަށް ކޮނެފައި ހުންނަ މައިންތަކުގައި ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގަ އެވެ.
މައިންގައި ތާށިވި މީހުން ސަލާމަތް ކުރުމަށް އިންޑިއާގެ ނޭވީން ވަނީ ވަރަށް މަސައްކަތް ކޮށްފައި. --ފޮޓޯ:ރޮއިޓާސް
މިގޮތަށް ކޮނެފައި ހުންނަ މައިންތައް 2014 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މައިން ނަގާ މީހުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.
އިންޑިއާ އަކީ ތިން ވަނަ އަށް އެންމެ ގިނައިން ބޯޓު ދެލި އުފައްދާ ގައުމެވެ. އިންޑިއާ އަށް ބޭނުންވާ ހަކަތައިގެ 60 ޕަސެންޓް އުފައްދަނީ ބޯޓު ދެލިންނެވެ.
މެގަލަޔާ ސްޓޭޓްގެ ބޯޓު ދެލީގެ ރިޒާވް 576 މިލިއަން މެޓްރިކް ޓަނަށް އަރާ ކަމަށްވެ އެވެ.
މެގަލަޔާ ސްޓޭޓްގެ "މީދާ ހޮރު" މައިނެއްގައި 2012 ވަނަ އަހަރު ތާށިވި 15 މީހަކު ވަނީ މަރުވެފަ އެވެ. އެ މީހުންގެ ހަށިތައް މައިނުން ނެރެވިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިބްރުސްތާން
17 January 2019
ބޭރު ބައެއްގެ އެހީއާއެކު މިކަން ކުރަން އުޅުނުނަމަ މީހުން ސަލާމަތް ކުރެވުނީސް ކަންނޭގޭ އެހެނަސް އިންޑިއާއަކީ ވަރަށް ކިބުރުވެރި ފޮނިބަޔަކަށްވާތީ ނުވާވަރު ކަންވެސް އަމިއްލައަށް ކުރަން އުޅެން ހަދައިގެން އެންމެ މުހިއްމު ވަގުތުތައް ބާކާރުވެ ގެއްލިގެން މިދިޔާއީ.