އިސްތިއުފާ ދެއްވި އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް. --ފޮޓޯ:އޭއެފްޕީ
26 ފެބުރުއަރީ 2019 - 11:08
ތެހެރާން (ފެބްރުއަރީ 26) - އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ވަރަށް ކުއްލި ގޮތަށް ރޭ އިސްތިއުފާ ދެއްވައިފި އެވެ.
އިންސްޓަގްރާމް މެސެޖެއްގައި އިސްތިއުފާ އިއުލާން ކުރައްވަމުން ޒަރީފް ވަނީ ޚާރިޖީ ވަޒީރުކަމުގައި އޭނާ އަށް ކޮށްނުދެވުނު ކަންތައްތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ. އީރާނުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ހިސާބުން އީރާނުގެ ހަރުކަށި ފަރާތްތަކުން ދަނީ ޒަަރީފަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އިއްޔެ އީރާނަށް ކުރެއްވި ދަތުރުގެ މަޝްވަރާތަކުގައި ޒަރީފް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އަސަދު ވަނީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލު ކުރައްވައިފަ އެވެ.
އިސްތިއުފާ ދެއްވި އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް. --ފޮޓޯ:އޭއެފްޕީ
ޒަރީފް ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އީރާން ތަމްސީލް ކުރުމަށް މުހިންމު ރޯލެއް އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު އީރާނުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން ހަގީގަތަކަށް ހެދުމަށް އޭނާ އަދާ ކުރެއްވި ރޯލު ފާހަގަ ކުރެވެ އެވެ. ނަމަވެސް އެ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަކިވުމުން އެއްބަސްވުމުގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެމެރިކާ އިން އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ދުވަސްވަރެއްގައި ޒަރީފް އިސްތިއުފާ ދެއްވުމަކީ ރައީސް ހަސަން ރޫހާނީގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. ބޭރު ދުނިޔޭގައި އީރާން ތަމްސީލު ކުރުމުގައި ޒަރީފް ވަނީ ޑިޕްލޮމެޓިކް ގޮތުން މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އުމުރުން 59 އަހަރުގެ ޒަރީފް ތައުލީމް ހާސިލް ކުރައްވާފައި ވަނީ އެމެރިކާ އިންނެވެ. ޔުނިވާސިޓީ އޮފް ޑެންވާ އިން ވަނީ އިންޓަނޭޝަނަލް ލޯ އިން ޕީއެޗްޑީ ނަންގަވައިފަ އެވެ. އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ ސަފީރުކަމުގެ މަގާމު ވެސް ޒަރީފް ވަނީ އަދާ ކުރައްވައިފަ އެވެ. ރައީސް ރޫހާނީ ވެރިކަމަށް ވަޑައިގެން ޒަރީފަށް ޚާރިޖީ ވަޒީރުކަން ދެއްވީ 2013 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
27 February 2019
ބައިނަލް އަގްވާމީ މައްސަލަތަކުގައި ވަރަށް ހީވާގި ކޮށް އުޅުއްވި ތަޖްރިބާކާރު ވަޒީރެއް.
ރަދީފް
26 February 2019
ވަރަށް ތަޖްރިބާކާރު ޑިޕްލޮމެޓެއް ޖަވާދުއެއީ.
އާއިޝަތު ޝައުނާ ނަސީމު/ޖޭޕީ
26 February 2019
ބޮޑު މޮޔައެއް މަދަންނަން / މީނާ އަކީ އަހަރުމެންގެ މި އުޅޭ ސޭޓގަނޑު ގޮތަށް ނިކަން ފަސޭހައިން ބޯކާލެވޭމީހެއް