ޑާކާގެ 19 ބުރީގެ އިމާރާތުގައި އަލިފާން ރޯވެފައި. --ފޮޓޯ:އޭޕީ
28 މާޗް 2019 - 15:37
ޑާކާ (މާޗް 28) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ 19 ބުރީގެ އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.
"އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އަލިފާން ނިއްވާ 19 ޔުނިޓުން ދަނީ ހަރަކާތްތެރިވަމުން. އަލިފާން ނިއްވުމުގައި ބަންގްލަދޭޝްގެ އެއްގަމާއި ކަނޑުގެ ސިފައިން ވެސް ދަނީ ބައިވެރިވަމުން،" ޑާކާގެ ސެންޓްރަލް ފަޔާ ސާވިސްގެ ޑިޕިއުޓީ އޮފިސަރު މުހައްމަދު ރަސެލް ވިދާޅުވި އެވެ.
ޑާކާގެ ބަނާނީ އޭރިއާގައި ހުރި ވިޔަފާރީގެ ބޭނުންތަކަށް ބޭނުން ކުރާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނޭނގެ އެވެ. ނަމަވެސް އެތައް ބަޔަކު އިމާރާތުގައި ތާށިވެފައިވާނެ ކަމަށް ބެލެވެ އެވެ. އަލިފާން ރޯވެފައިވާ އިމާރާތަށް ހެލިކޮޕްޓަރުން ދަނީ ފެން ޖަހަމުންނެވެ. އިމާރާތުން ބޯކޮށް ދުން އަރަމުންދާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ހިއްސާކޮށްފަ އެވެ.
އަލް ޖަޒީރާގެ ރިޕޯޓަރަކު ބުނި ގޮތުގައި އަލިފާން ރޯވެފައިވާ އިމާރާތުން ހަ މީހަކު ވަނީ ފުންމާލައިފަ އެވެ. އަލިފާން ރޯވީ އިމާރާތުގެ ނުވަ ވަނަ ބުރީގަ އެވެ.
ޑާކާގެ އިމާރާތެއްގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 70 މީހުން މަރުވެ 50 އަށް ގިނަ މީހުން ޒަޚަމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy