އަލިފާން ރޯވި އިމާރާތް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ
31 މާޗް 2019 - 12:32
ޑާކާ (މާޗް 31) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަލިފާން ރޯވި އޮފީސް އިމާރާތުގެ ވެރިން ހައްޔަރުކޮށްފި އެވެ.
ޑާކާގެ ބަނާނީ އޭރިއާގައި ހުންނަ 22 ބުރީގެ އެފްއާރް ޑަވަރުގައި ރޯވި އަލިފާނުގެ ހާދިސާގައި 26 މީހުން ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިމާރާތުގެ ވެރިންގެ ގޮތުގައި ބެލެވޭ އެ ދެ މީހުންނަކީ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޑިސްޓްރިކްޓް ލީޑަރުންނެވެ. އެ ދެ މީހުންގެ މައްޗަށް ވަނީ އިހުމާލުވުމުގެ ޖިނާއީ ދައުވާކޮށްފަ އެވެ. ފުލުހުން ބުނީ އެފްއާރް ޓަވަރު އިމާރާތް ކުރި ކުންފުނީގެ ވެރިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
އަލިފާން ރޯވި އިމާރާތުގައި ގިނަ ބަޔަކު ތާށިވީ އިމަޖެންސީ ދޮރުތައް ވެސް ތަޅުލާފައި ހުރުމުންނެވެ. އަލިފާނުން ސަލާމަތްވުމަށް ބައެއް މީހުން ވަނީ އިމާރާތުގެ ކުޑަ ދޮރުތަކުން ބޭރަށް ފުންމާލައިފަ އެވެ. ފުންމާލި މީހުންގެ ތެރޭން ހަ މީހަކު ވަނީ މަރުވެފަ އެވެ.
ބަންގްލަދޭޝްގެ ހައުސިން މިނިސްޓަރު ރިޒާއުލް ކަރީމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހުކުރު ދުވަހު ވިދާޅުވީ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ބަޔަކު ހިންގި ޖިނާއީ އަމަލެއް ކަމަށެވެ.
"އެއީ މީހުން މެރުމުގެ އަމަލެއް. އެއީ އެކްސިޑެންޓެއް ނޫން. ގާނޫނަކުން އެކަކު ވެސް ސަލާމަތެއް ނުވާނެ،" ރިޒާއުލް ކަރީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy