ކޮރަޕްޝަނުގެ ތުހުމަތާ ނަޖީބު ދެކޮޅު ހައްދަވައިފި

ކުއާލަ ލަމްޕޫރު (އެޕްރީލް 3) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ މަލްޓި-ބިލިއަން ޑޮލަރުގެ ދައުވާ އަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.


ސަރުކާރުގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ ލޫޓްވާލި މައްސަލައިގައި ނަޖީބުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ އެތައް ދައުވާއެއްގެ ތެރޭން މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި 1އެމްޑީބީގެ ދަށުން ހިންގާ އެސްއާރުސީ އިންޓަނޭޝަނަލް އިން 42 ބިލިއަން ޑޮލަރު (10.3 މިލިއަން ޑޮލަރު) ގެ ޚިޔާނާތުގައި ބައިވެރިނުވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.

މެލޭޝިއާގެ ތަރައްގީ އަށް އުފެއްދި ބޭންކުން އިންވެސްޓްމަންޓަށް ހޭދަކުރުމުގެ ބަދަލުގައި ނަޖީބު އާއި އޭނާގެ އެކުވެރިން ވަނީ އެ ކުންފުނީގެ ފައިސާ އަމިއްލަ ކަންކަމަށް ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި އަގު ބޮޑު ލަގްޒަރީ އިމާރާތްތަކާއި ލަގްޒަރީ ޔޮޓްތައް 1އެމްޑީބީގެ ފައިސާ އިން ވަނީ ގަނެފަ އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި 1އެމްޑީބީގެ ޚިޔާނާތުގެ އަގު 4.5 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

1އެމްޑީބީގެ ޚިޔާނާތުގެ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ. 1އެމްޑީބީ ޚިޔާނާތާ ގުޅޭ 42 މައްސަލައެއްގައި ނަޖީބުގެ މައްޗަށް ދައުވާ ކުރެ އެވެ.

މިދިޔަ އަހަރު މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބުގެ ވެރިކަން ވެއްޓުނު މައިގަނޑު ސަބަބަކީ ވެސް ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ބޮޑުވުމެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.