ލަންކާގެ ބޮޑު ވަޒީރުގެ ގެކޮޅުން އެސްޓީއެފްގެ ސިފައިންގެ ގްރޫޕެއް ނުކުންނަނީ: ބޮޑު ވަޒީރުގެ ގެކޮޅުގައި ފޯރިއަށް ހުރި އެސްޓީއެފްގެ ކޮމާންޑޯއަކު މިއަދު ވަނީ އަމިއްލަ އަށް މަރުވެފައި. --ފޮޓޯ:އޭއެފްޕީ
04 އެޕްރީލް 2019 - 13:27
ކޮލަމްބޯ (އެޕްރީލް 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ރަސްމީ ގެކޮޅުގެ ގޭޓުގައި ފޯރިއަށް ހުރި ޕޮލިސް ކޮމާންޑޯއަކު އަމިއްލަ ގަޔަށް ބަޑި ޖަހައިގެން މިއަދު މަރުވެއްޖެ އެވެ.
ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް)ގެ މެންބަރުގެ އޮޓޮމެޓިކް ރައިފަލުން އަމިއްލަ ގަޔަށް ވަޒަން ޖެހި އިރު ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީސްގައި ބޮޑު ވަޒީރު ރަނިލް ވެސް އުޅުއްވި އެވެ. ކޮމާންޑޯ އަމިއްލަ އަށް މަރުވީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
ޕާލަމެންޓުގެ މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު މެންބަރަކު ވަނީ ބޮޑު ވަޒީރުގެ ގެކޮޅުގައި ކޮމާންޑޯއަކު އަމިއްލަ އަށް މަރުވި މައްސަލަ ނަގައިފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ލަންކާގެ ވެރިންނާއި އެ ގައުމަށް ޒިޔާރަތް ކުރާ ބޭރުގެ އިއްޒަތްތެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެސްޓީއެފް އިންނެވެ. އެއީ ސަލާމަތީ ގޮތުން ޚާއްސަ ތަމްރީނުތަކެއް ހަދައިގެން ތިބޭ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy