އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ކެމްޕޭނުގައި. --ފޮޓޯ:ރޮއިޓާސް
07 އެޕްރީލް 2019 - 16:13
ތެލް އަވީވް (އެޕްރީލް 7) - ބޮޑު ވަޒީރު ކަމަށް އިންތިޚާބުވެއްޖެ ނަމަ ޔަހޫދީން ދިރިއުޅޭ ސަރަހައްދުތަކަކީ ހުޅަނގު އައްސޭރީގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ އާއްމު އިންތިޚާބު އޮންނާނީ އަންގާރަ ދުވަހު އެވެ. ނަތަންޔާހޫއާ ދެކޮޅަށް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ގެންދަނީ ޔަހޫދީ އާބާދީތައް ހުޅަނގު އައްސޭރީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަޕޯޓް ކުރަމުންނެވެ. ސީރިއާގެ އަތްދަށުން 1967 ވަނަ އަހަރު ހިފި ގޯލާންގެ އުސް ބިންތަކަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި އެމެރިކާ އިން މިދިޔަ މަހު ވަނީ ބަލައިގެންފަ އެވެ.
އިޒްރޭލް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ ޔަހޫދީ އާބާދީ އޮތް ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގެ އިޒްރޭލުގެ ތަންތަނުގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ.
ފަލަސްތީނުގެ ސީނިއާ އޮފިޝަލް ސާއިބް އުރައިގާތު ވިދާޅުވީ ނަތަންޔާހޫ ދައްކަވާ އެބާވަތުގެ ވާހަކަތަކަކީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"ބައިނަލްއަގުވާމީ މުޖްތަމައުން އިޒްރޭލަށް އިމްތިޔާޒް ހޭދާހާ ހިނދު އެ ގައުމުން ދާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވަމުން،" އުރައިގާތު ވިދާޅުވި އެވެ. "ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ހުރިހާ އަމަލެއް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ގެންދަނީ އެންޑޯޒް ކުރަމުން."
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ވިދާޅުވީ އިޒްރޭލުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހަގީގަތް ބަދަލު ނުވާނެ ކަމަށާއި ޔަހޫދީން އާބާދު ކުރުމަކީ އިޒްރޭލުން ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ 400،000 ޔަހޫދީން އާބާދު ކުރުވައިފަ އެވެ. އިތުރު 200،000 ޔަހޫދީން އިރުމަތީ ގުދުސްގައި ދިރިއުޅެ އެވެ. ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 2.5 މިލިއަން މީހުން ދިރިއުޅެ އެވެ. ފަލަސްތީނުން ބޭނުން ވަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ގާޒާ ސްޓްރިޕްގައި އެ މީހުންގެ ވެރިކަމެއް އޮތުމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވުމަކީ އިޒްރޭލް- ފަލަސްތީނުގެ އެންމެ ބޮޑު މައްސަލަ އެވެ. އިޒްރޭލުން ބުނަމުން ދަނީ ފަލަސްތީނުން ޔަހޫދީ އާބާދީތަކުގެ މައްސަލަ ނަގަނީ ސުލްހައިގެ ވާހަކަތަކުގައި ބައިެވރިވުމަށް އުޒުރެއްގެ ގޮތުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
08 April 2019
ވަރަށް ރަގަޅު ވާނެ ކަމަށް ފެނޭ ރާއްޖެއިންވެސް ބައެއް އެމީހުންނަށް ދޭން އޭރުން މިތަނަވެސް ނޫ އިޤްތިޟާދު އަންނާނެ
ސްޓްރެޓް
07 April 2019
ގޯލާން ނެގީމަވެސް އެއްޗެއް ބުނެލަން ކެރޭވަރު އަރަބި ގައުމެއްވެސް ނެތީތަ؟ މިދާ ރޭޓުގަ ގްރޭޓާ އިޒްރާއީލް ޕްރޮޖެކްޓް ހަމަ އަސްލުވެސް ހަގީގަތަކަށް ހަދާނެ ތިމީހުން.
ރަދީފް
07 April 2019
އިންތިހާބުން ނަތަންޔާހޫއަށް ބޮޑު ނާކާމިޔާބީއެއް މިންވަރުކުރައްވާށި.އާމީން.
dhanbi
07 April 2019
ފަލަސްޠީނީންނަކަށް އެއްވެސް ތަފާތެއް ނާންނާނެ ނަތަންޔާހޫ ބަލިވިޔަސް. ދެންވެސް އަންނާނީ ހަމަ އަނެއް "ނަތަންޔާހޫ"
ރައްދުދީފް
08 April 2019
ނަތަންޔާހޫ ބަލިވެގެން ދެން ހުރި މީހާ އަތުވެއްޖެނަމަ މުޅި ހުޅަނގު އައްސޭއި އިސްރާއީލުގެ ތަނަކަށް ހަދާނެ....
އަޑު
17 April 2019
ދެންތިބި މީހުން ތެރޭ އެބަތިބި ޔަހޫދީ ހަރުކަށި ފިކުރު މީހުންވެސް. އެމީހުން މާ ބޮޑަށް ތިކަން ކުރިއށް ގެންދާނެ. މިސާލަކަށް އެއް ބަޔަކު ވަކާލާތު އެބޮކުރޭ މުސްލިމްވާ މީހުން މަރާލަންވެސް. ދީނީގޮތުން ހުއްޖަތް ދައްކާ ދީން ދޫކޮށްލައިފިއްޔާ މަރާލާން ޖެހޭނެ ކަމަށް އެބޮބުނޭ. އެތަނުގެ ޔަޙޫދީ ދީނީ ޕާޓީތކުން ސަޕޯޓް ކުރާ ވެރިކަމއެް އައިސްއްޔާ މިފަދަ ކަނަ ތަންފީޒް ކުރާނެ. އަދި ބުނާނެ ދާހިލީ ކަންކަމޭ. މުސްލިމުންނަށް މާ އަނިޔާވެރިވެދާނެ ނެތަންޔާހޫއަށްވުރެ