ނަޖީބުގެ އަނބިކަނބަލުންނަށް ކޮރަޕްޝަނުގެ އާ ދައުވާއެއް

ކުއާލަ ލަމްޕޫރު (އެޕްރީލް 10) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ކޮރަޕްޝަނުގެ އާ ދައުވާއެއް އުފުލައިފި އެވެ.


ރަސްމާގެ މައްޗަށް އެންމެ ފަހުން ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ ސޯލާ ޕަވާ ޕްރޮޖެކްޓަކާ ގުޅިގެން ފަސް މިލިއަން ރިންގިޓް (1.2 މިލިއަން ޑޮލަރު) ގެ ރިޝްވަތު ނެންގެވި ކަމަށެވެ. މިއީ ފިރިކަލުންގެ ވެރިކަން މިިދޔަ މެއި މަހު ވެއްޓުނު ފަހުން ރަސްމާގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަނުގެ 20 ވަނަ މައްސަލަ އެވެ.

ސޯލާ ޕަވާ ޕްރޮޖެކްޓެއް ކުންފުންޏަކަށް ހޯދައިދޭ މަތިން އެ ކުންފުނިން ރިޝްވަތު ނެންގެވި ކަމަށް ރަސްމާގެ މައްޗަށް ކޮށްފައިވާ ތުހުމަތާ އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ކޯޓުން ނުކުމެވަޑައިގެން ކުއާލަ ލަމްޕޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަސްމާ މިއަދު ވިދާޅުވީ އެކަމަނާ އާއި ފިރިކަލުންގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތު ރައްޔިތުން މިހާރު ގަބޫލް ނުކުރާ ކަމަށެވެ.

ނަޖީބު ރައްޒާގުގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އަށް ވަނީ ބިލިއަން ޑޮލަރުން ޚިޔާނާތްތެރިވެފަ އެވެ. އަނބިކަނބަލުން ރަސްމާގެ އަގު ބޮޑު ދިރިއުޅުއްވުމަށް މެލޭޝިއާގެ އެތައް ބައެއްގެ ނަފްރަތު އަމާޒުވި އެވެ. ނަޖީބަށް އިންތިޚާބު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އޭނާގެ ވެރިކަމުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ބޮޑުވުމެވެ.

1އެމްޑީބީގެ ޚިޔާނާތުގެ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ. 1އެމްޑީބީ ޚިޔާނާތާ ގުޅޭ 42 މައްސަލައެއްގައި ނަޖީބުގެ މައްޗަށް ދައުވާ ކުރެ އެވެ. ނަޖީބުގެ ކޮރަޕްޝަނުގެ ޝަރީއަތް މި މަހު 3 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި 1އެމްޑީބީގެ ޚިޔާނާތުގެ އަގު 4.5 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.