ރޮއިޓާސްގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން (ކ) ކިއޯ ސޮއެ. --ފޮޓޯ:އޭއެފްޕީ
10 އެޕްރީލް 2019 - 17:11
ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 10) - ޔުނެސްކޯ އިން ދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެވޯޑް މިއަންމާގެ ޖަލުގައި ތިބި ރޮއިޓާސްގެ ދެ ނޫސްވެރިންނަށް ދޭން ނިންމައިފި އެވެ.
ވާ ލޯން އާއި ކިއޯ ސޮއެ އޫ ޑިސެމްބަރު 2017 ގައި ޖަލުގައި ބަންދުކުރީ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގާ ޖަރީމާތައް ރިޕޯޓް ކުރުމުންނެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށް ޖަލަށްލީ ސަރުކާރުގެ ސިއްރުތަކެއް ބޭޒާރު ކުރިކަމުގެ ކުށުގަ އެވެ.
"އެ މީހުން ހައްޔަރުކޮށް ޖަލަށްލީ ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާ ރިޕޯޓް ކުރުމުން،" ޔުނެސްކޯގެ ޖޫރީ ކޮމިޓީގައި ހިމެނޭ ޕޮލެންޑުގެ ރިޕޯޓަރު ވޮޖްޗިއެޗް ޓޮޗްމަން ބުންޏެވެ.
ޕްރެސް ފްރީޑަމް އެވޯޑް ދޭނީ މެއި މަހު 2 ވަނަ ދުވަހު އިތިއޯޕިއާގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ މެއި 3 ވަނަ ދުވަހު އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއަންމާގެ ނޫސްވެރިން ޖަލަށްލީ އެ ގައުމުގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރު ދެއްކުމަށް ކަމަށެވެ.
ރޮއިޓާސްގެ ދެ ނޫސްވެރިން ހަތް އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މީހުންގެ ވަކީލުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ރޮއިޓާސް އަށް މަސައްކަތް ކުރާ މިއަންމާގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން، 32، އާއި ކިޔޯ ސޮއެ އޫ، 27، ހައްޔަރު ކުރީ ޑިސެމްބަރު 2017 ގަ އެވެ. އެ ދެ ނޫސްވެރިން ހޯދަމުން ދިޔައީ ރަކީންގެ އުތުރުން އޮންނަ ޑިން އަވަށުގައި 10 މީހުން ސެޕްޓެމްބަރު 2، 2017 ގައި މަރާލި މައްސަލައިގެ ހެކިތަކެވެ. ޑިސެމްބަރު 2، 2017 ގައި ދެ ނޫސްވެރިންނަށް ވަނީ ފުލުހުންގެ ދެ އޮފިސަރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދީފަ އެވެ. އަދި ފުލުސް ދެ އޮފިސަރުން ވަނީ ގަތުލްއާއްމާ ބެހޭ ލިޔުންތައް ދެ ނޫސްވެރިންނަށް ހަވާލުކޮށްފަ އެވެ. އެކަމަކު ކެއުމަށް ފަހު އެ ދެ ނޫސްވެރިން ރެސްޓޯރެންޓުން ނުކުމެގެން ދަނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.
ދެ ނޫސްވެރިން ވެސް ބުނެފައި ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށާއި އެއީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
ޑިމޮކްރެސީގެ ޗެމްޕިއަނެއްގެ ގޮތުގައި އެއް ދުވަސްވަރެއްގައި ގިނަ ބަޔަކު ތައުރީފް ކުރި ނަމަވެސް ރޮހިންޖާ މުސްލިމުންނާ މެދު އަމަލު ކުރި ގޮތުން މިއަންމާގެ ލީޑަރު އަން ސަން ސޫކީ އަށް ދަނީ މުޅި ދުނިޔޭގެ ނަފްރަތު އަމާޒުވަމުންނެވެ. ނޯބެލް ސުލްހައިގެ އިނާމު 1991 ވަނަ ހޯދާފައިވާ ސޫކީ އަށް ބައެއް ގައުމުތަކުން ދީފައިވާ ރަމްޒީ ޝަރަފްތައް ވެސް މިހާރު ދަނީ އަތުލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy