ސޫދާނަށް ގެނައި ބަޣާވާތާ ގުޅިގެން އެތައް ބަޔަކު ދަނީ އިހްތިޖާޖް ކުރަމުން. --ފޮޓޯ:ރޮއިޓާސް
14 އެޕްރީލް 2019 - 16:46
ޚަރްތޫމް (އެޕްރީލް 14) - ސޫދާންގެ ރައީސް އުމަރު ބަޝީރުގެ 30 އަހަރުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމާ ގުޅިގެން އިހްތިޖާޖަށް ނުކުތް އިދިކޮޅު ފަރާތްތަކުގެ ޑިމާންޑްތައް ސިފައިންނަށް ހުށަހަޅައިފި އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސް ފޯ ފްރީޑަމް އެންޑް ޗޭންޖް އިން ބުނީ 10 މެންބަރުންގެ ވަފުދަކުން އަސްކަރިއްޔާ އަށް ހުށަހެޅި ޑިމާންޑްތަކުގެ ތެރޭގައި މަދަނީ ސަރުކާރެއް ގާއިމްކުރުން ހިމެނެ އެވެ. އިދިކޮޅު އިސް ލީޑަރެއް ކަމަށްވާ އުމަރު އަލްދިގައިރް ވިދާޅުވީ އެ މީހުން ބޭނުން ވަނީ ނޭޝަނަލް އިންޓަލިޖެންސް އެންޑް ސެކިއުރިޓީ ސާވިސް އަލުން ތަރުތީބު ކުރަން ކަމަށެވެ. ސިފައިން ކުރިން ބުނަމުން ދިޔައީ 10 އަހަރު ވެރިކަމުގައި ތިބޭނެ ކަމަށެވެ.
"ޑިމާންޑްތައް ހާސިލްވަންދެން މި އިހްތިޖާޖް ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
ސިފައިންގެ ބަޣާޥާތަކުން ވެރިކަން ވައްޓާލި ފަހުން އެތައް ހާސް ބަޔަކު ވަނީ ސިފައިންގެ ހެޑްކުއާޓަރުގެ ބޭރުގައި ކޭމްޕް ޖަހައިފަ އެވެ. ސޫދާނަށް ބަޣާވަތް ގެނައުމުގައި އެންމެ އިސްކޮށް ހުރި ލީޑަރު މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ.
ރައީސް އުމަރު ބަޝީރާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މުޒާހަރާތައް ކުރަން ފަށާފައި ވަނީ ތަކެތީގެ އަގު ބޮޑުވަމުންދާތީ އެވެ. ދެކުނު ސާދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އުމަރު ބަޝީރުގެ މައްސަލަތައް ވަނީ ބައިނަލްއަގުވާނީ ޖިނާއީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy