ސޫދާނުގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ހަމަޖެއްސި ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހު އަބްދުއްރަހުމާން ބުރްހާން. --ފޮޓޯ:ގެޓީ އީޕީއޭ
15 އެޕްރީލް 2019 - 11:27
ޚަރްތޫމް (އެޕްރީލް 15) - ސޫދާންގެ ކުރީ ސަރުކާރުގެ މެމްބަރުން އެ ގައުމުގެ މިލިޓަރީ ކައުންސިލުން ހައްޔަރު ކުރަން ފަށައިފި އެވެ.
ސޫދާންގެ ކުރީގެ ރައީސް އުމަރު ބަޝީރުގެ 30 އަހަރުގެ ވެރިކަން ވައްޓާލީ ސިފައިން ގެނައި އަސްކަރީ ބަޣާވާތެއްގަ އެވެ. އުމަރު ބަޝީރުގެ ވެރިކަން ވައްޓާލުމާ ގުޅިގެން އެތައް ބަޔަކު ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. ސޫދާންގައި މިހާރު ވެރިކަން ހިންގާ އަސްކަރީ ކައުންސިލުން ވަނީ މުޒާހަރާ އަށް ނުކުމެ ތިބި މީހުން ގަދަބާރުން ފޮނުވާ ނުލާނެ ކަމަށް ބުނެފަ އެވެ. އަދި އާ ބޮޑު ވަޒީރަކު ހޮވުމުގައި އިދިކޮޅު ފަރާތްތަކަށް ފެންނަ ނަމެއް ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.
އަސްކަރީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ ޖެނެރަލް ޝަމްސުއްދީން ޝަންތޯ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ވެސް އެއްބަސްވާ މަދަނީ ސަރުކާރެއް ގާއިމް ކުރަން އަސްކަރީ ކައުންސިލުން އެއްބަސްވާ ކަމަށެވެ.
ސޫދާނަށް ބަޣާވާތް ގެނައި ފަހުން ހުއްޓާނުލައި ދަނީ މުޒާހަރާތައް ކުރަމުން. --ފޮޓޯ:އޭއެފްޕީ
"އަޅުގަނޑުމެން ބޮޑު ވަޒީރަކު ނުހޮވާނަން. އެ މީހުން ހޮވާނީ،" އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ތަރުޖަމާން ވިދާޅުވި އެވެ.
ޖެނެރަލް ޝަންތޯ ވިދާޅުވީ ސޫދާންގައި ގާއިމްކުރާ އިންތިގާލީ ސަރުކާރުގައި ކުރީގެ ސަރުކާރުގެ އެއްވެސް މީހަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ނަމަވެސް ދެން ބާއްވާ އިންތިޚާބެއްގައި އެ މީހުންނަށް ވެސް ވާދަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ސޫދާނަށް ބަޣާވާތް ގެނައުމުގައި އެންމެ އިސްކޮށް ހުންނެވި ޑިފެންސް މިނިސްޓަރު އަވާދު އިބްން އައޫފް ވަނީ އިންތިގާލީ ސަރުކާރެއްގެ ގޮތުގައި ދެ އަހަރު ސިފައިން ވެރިކަން ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތިން މަސް ދުވަހަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އައޫފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މިލިޓަރީ ކައުންސިލްގެ ވެރިއެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައި ވަނީ ސިފައިންގެ އިސް ވެރިއެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހު އަބްދުއްރަހްމާން ބުރްހާން އެވެ.
ސޫދާންގެ ޕޮލިސް ހެޑްކުއާޓަރުގެ ބޭރުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
ގައުމާ މުޚާތަބް ކުރައްވައި ދެއްވި ބަޔާނެއްގައި ބުރްހާން ވަނީ ކުރީގެ ސަރުކާރުގެ ހުރިހާ މުލެއް ލުހެލާނެ ކަމަށް ވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ވެސް ދަނީ އުމަރު ބަޝީރު ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.
ވެރިކަމުން ދުރުކުރި ފަހުން އުމަރު ބަޝީރު ވީތަނެއް ނޭނގެ އެވެ. ނަމަވެސް ސިފައިން ބަޣާވާތް ގެނައި ލީޑަރުން ބުނަމުން ދަނީ އުމަރު ބަޝީރު ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށެވެ.
ދެކުނު ސާދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އުމަރު ބަޝީރުގެ މައްސަލަތައް ވަނީ ބައިނަލްއަގުވާނީ ޖިނާއީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ސޫދާންގެ އަސްކަރީ ކައުންސިލުން ބުނީ އުމަރު ބަޝީރު އެހެން ގައުމަކާ ހަވާލު ނުކުރާނެ ކަމަށެވެ. އަދި އޭނާގެ ޝަރީއަތް ކުރިއަށް ގެންދާނީ ސޫދާނުގައި ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެއްތަ ވީ
15 April 2019
"ފޮނިޓައްޕު ހަސަނު" ހާދަ ލޯކަލް ޕޮލިޓިކްސް އާ މިހާރު ދުރުވެއްޖޭ! ބްރޭކެއް ނެގީތަ؟
ސަންޕަ އަހަންމަދު
15 April 2019
ބަޝީރު އެބަޖެހޭ ބައިނަލްއަގުވާމީ ކޯޓަށް ފޮނުވަން. އެއީ ދަރުފޫރުގާ ހިންގި ޖަރީމާތައް ބަލަން.
ފޮނިޓައްޕު ހަސަނު
15 April 2019
ބާޝީރު އެކަނި ތަ ފޮނުވަން ޖެހެނީ. ކޮބާ ނަތަންޔާހޫ، ކޮބާ މިއަންމާގެ ސޫކީ، ކޮބާ ޖޯޖު ބުޝް.
ބަބުރުކަލޯ
15 April 2019
އަދި ޓޯނީބުލެޔައާއި ބައްޝާރުލް އަސަދުވެސް.