ތައިލެންޑުގެ ރަސްގެފާނުގެ ބޮޑީގާޑް ކުއްލި ގޮތަކަށް ރާނީއަކަށް

ބެންކޮކް (މެއި 2) - ތައިލެންޑުގެ ރަސްގެފާން މަހާ ވަޖިރަލޮންގްކޯންގެ ޒަމާންވީ އަންހެން ބޮޑީގާޑާ ކުއްލި ގޮތަކަށް ކައިވެނި ބައްލަވައިގެން އެކަމަނާ އަކީ އެ ގައުމުގެ ރާނީ އަށް ހައްދަވައިފި އެވެ.


ރަސްގެފާން ވަޖިރަލޮންގްކޯން، 66، އަށް ރަސްކަން ލިބިވަޑައިގެންނެވީ ބައްޕާފުޅު 2016 ވަނަ އަހަރު އަވަހާރާވުމާ ގުޅިގެންނެވެ.

ތައިލެންޑުގެ ރަސްގެފާން ވައިޖިރަލޯންގްކޯންގެ ކައިވެނީގެ ރަސްމިއްޔާތުގައި އަނބިކަނބަލުން ސުތިދާގެ ބޮލަށް ފެން އަޅުއްވަނީ. --ފޮޓޯ:އީޕީއޭ

ޝާހީ ބަޔާނެއްގައި ބުނެފައި ވަނީ ރަސްގެފާން ވަޖިރަލޮންގްކޯން ވަނީ ޖެނެރަލް ސުތިދާ ވަޖިރަލޮންގްކޯން ނާ އަޔުދިޔާ އަކީ ރަސްގެފާންގެ އަނބިކަނބަލުންނަށް ހައްދަވައިފައި ކަމަށެވެ. އެހެން ކަމުން އެކަމަނާ އަށް ދެން މުޚާތަބް ކުރާނީ ރާނީ ސުތިދާގެ ނަމުންނެވެ.

ރާނީ ސުތިދާ އަކީ ރަސްގެފާން ވަޖިރަލޮންގްކޯންގެ ޒަމާންވީ ބައިވެރިއެކެވެ. އަދި ރަސްގެފާން ފެންނަ އާއްމު ކޮންމެ ބައްދަލުވުމެއްގައި ސުތިދާ ހުންނަވަ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ތައިލެންޑުގެ ރަސްގެފާން ވައިޖިރަލޯންގްކޯންގެ އަނބިކަނބަލުން ސުތިދާގެ ކައިވެނީގެ ލިޔުމުގައި ސޮއި ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރަސްގެފާނާއި ބޮޑީގާޑުގެ ކައިވެނީގެ މަންޒަރުތައް ތައިލެންޑުގެ ޓީވީ ޗެނަލްތަކުން ދައްކާފައިވެ އެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ޝާހީ އާއިލާގެ މެންބަރުންނާއި ގަނޑުވަރުގެ އެޑްވައިޒަރުން ބައިވެރިވި އެވެ. ކައިވެނީގެ ހަފުލާގައި ރަސްގެފާން ވަނީ ސުތިދާގެ ބޮލަށް "ބަރަކާތް އެކުލެވޭ ފެން" އަޅުއްވައިފަ އެވެ. އޭގެ ފަހުން ދެ ބޭފުޅުން ވަނީ ކައިވެނީގެ ރަޖިސްޓްރީގައި ސޮއިކުރައްވައިފަ އެވެ.

ތައިލެންޑުގެ ރަސްގެފާން ވައިޖިރަލޯންގްކޯން އާއި ބޮޑީގާޑް ސުތިދާގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަނީ. --ފޮޓޯ:އޭއެފްޕީ

ތައި އެއާވޭސްގެ ކުރީގެ ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ސުތިދާ، ވަޖިރަލޮންގްކޯން ބޮޑީގާޑް ޔުނިޓުގެ ޑިޕިއުޓީ ކޮމާންޑަރަށް ބަދަލު ކުރީ 2014 ވަނަ އަހަރު އެވެ. ސިފައިންގެ ފުލް ޖެނެރަލަކަށް ސުތިދާ ޕްރޮމޯޓްކޮށްފައި ވަނީ ޑިސެމްބަރު 2016 ގަ އެވެ.

ރަސްގެފާން ވަޖިރަލޮންގްކޯން މީގެ ކުރިން ވަނީ ތިން ކައިވެންޏެއް ކުރައްވައިފަ އެވެ. އަދި ތިން ކައިވެންޏަށް ހަތް ކުދިން ލިބިފައިވެ އެވެ.

ވަޖިރަލޮންގްކޯންގެ ބައްޕާފުޅު ބުމިބޯލް އަދުލްޔަދޭޖް ތައިލެންޑުގައި 70 އަހަރު ރަސްކަން ކުރެއްވި އެވެ. އަދި އެއީ ދުނިޔޭގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ބޭފުޅާ ވެސް މެ އެވެ.

ތައިލެންޑުގެ ރަސްގެފާން ވައިޖިރަލޯންގްކޯން އާއި ބޮޑީގާޑް ސުތިދާގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަނީ. --ފޮޓޯ:އޭއެފްޕީ