އިޒްރޭލުގެ ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުގެ އިމާރާތެއް ބިމާ ހަމަކޮށްލާފައި. --ފޮޓޯ: ގެޓީ އިމޭޖަަސް
05 މެއި 2019 - 23:12
ގާޒާ (މެއި 5) - އިޒްރޭލް ސިފައިންނާއި ފަލަސްތީނުގެ ގާޒާ ސިޓީގެ ޖަމާއަތްތަކާ ދެމެދު ބަދަލު ކުރަމުން ދިޔަ ރޮކެޓް ހަމަލާތައް ވަރުގަދަކޮށްފި އެވެ.
މިއީ ފަހަކަށް އައިސް ދެ ފަރާތުން ވެސް ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރޭލް ސިފައިން ބުނީ މި ހަފުތާގެ ބަންދުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިޒްރޭލަށް އަމާޒުކޮށް 600 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭން ގިނަ ރޮކެޓްތަކަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ރޮކެޓް ހަމަލާތަކުގައި ވަނީ އިޒްރޭލް ސިފައިންގެ ތިން މީހަކު މަރުވެފަ އެވެ.
އިޒްރޭލުން ބުނެފައި ވަނީ ރައްދުގައި ގާޒާ ސްޓްރިޕްގެ 260 އަމާޒަކަށް ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އިތުރު ހަމަލާ ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ގާޒާގެ ހަމަލާތަކުގައި މިހާތަނަށް ވަނީ ދެ ފަރާތުން ވެސް މަދުވެގެން 15 މީހުން މަރުވެފަ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ގާޒާ ސްޓްރިޕްގައިވާ "ހަނގުރާމަވެރި އިލެމެންޓްތަކަށް" ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އަސްކަރިއްޔާ އަށް އަންގާފައިވާ ކަމަށެވެ.
ގާޒާގައި ރޮކެޓް ހަމަލާ ދެނީ: ފަލަސްތީނުން ބުނެފައި ވަނީ 15 މީހުން ޝަހީދުވި ކަމަށް. --ފޮޓޯ:ރޮއިޓާސް
އިޒްރޭލާއި ފަލަސްތީނާ މެދު ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިދިޔަ މަހު ގާއިމްކޮށްފައި ވަނިކޮށެވެ. އެމެރިކާ އާއި މިސްރުން ދާދި ފަހުން ވަނީ ހަމަލާ ހުއްޓާލުމުގެ ދިގު މުއްދަތުގެ އެއްބަސްވުމެއް ގާއިމްކުރެވޭތޯ މަސައްކަތް ކޮށްފަ އެވެ.
ގާޒާގައި ހަމަލާތައް ދޭން ފެށީ އެ ސިޓީ ބަންދުކޮށްފައިވާ ބޭއްވުމާ ދެކޮޅަށް ހުކުރު ދުވަހު ކުރި އިހްތިޖާޖެއްގެ ތެރޭންނެވެ. އިޒްރޭލުން ބުނެފައި ވަނީ ގާޒާ ބަންދުކޮށްފައި ބާއްވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ފޯރުވުން ހުއްޓުވުމަށްޓަކައި ކަމަށެވެ.
ފަލަސްތީނުގެ ހަތިޔާރު އަޅައިގެން ހުރި މީހަކު ވަނީ ބައުންޑަރީ ފެންސް ކައިރިން ހަމަލާދީ އިޒްރޭލް ސިފައިންގެ ތިން މީހުން ޒަޚަމްކޮށްލައިފަ އެވެ. ރައްދުގައި އިޒްރޭލުން ވަނީ ވައިގެ ހަމަލާ ދީ ފަލަސްތީނުގެ ދެ ހަނގުރާމަވެރިއަކު ޝަހީދުކޮށްލައިފަ އެވެ.
ގާޒާގައި ރޮކެޓް ހަމަލާތައް ބަދަލު ކުރަން ފެށީ އިއްޔެ ހެނދުނު އެވެ. އިޒްރޭލުން ބުނީ ފަލަސްތީނުން ފޮނުވާލި ގިނަ މިސައިލްތައް ވަނީ އެ ގައުމުގެ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް މެދުވެރިކޮށް ވައްޓާލާފައި ކަމަށެވެ. ފަލަސްތީނުން ފޮނުވާލި ރޮކެޓްތައް ވަނީ އިޒްރޭލުގެ ގިނަ އަވަށްތަކާއި ޓައުންތަކުގައިވާ ގެތަކަށް އަރައިފަ އެވެ.
ހަމާސް އިން ބޭނުން ކުރާ ކާރެއް އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ހަލާކުކޮށްލާފައި. --ފޮޓޯ:އޭއެފްޕީ
ގާޒާގެ އުތުރުން ހަ ކިލޯ މީޓަރު ދުރުގައިވާ އަޝްކެލޮން ހޮސްޕިޓަލުން ބުނީ އާއްމުންގެ 100 އަށް ވުރެ ގިނަ މީހުންނަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފަރުވާ ދީފައިވާ ކަމަށެވެ.
އިޒްރޭލުން ބުނެފައި ވަނީ އިއްޔެ އާއި މިއަދު ދިން ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް އާއި އިސްލާމިކް ޖިހާދަށް ނިސްބަތްވާ ތަންތަނަށް ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަދު ބުނެފައި ވަނީ ވައިގެ ހަމަލާތަކުގައި ހަމާސްގެ ކޮމާންޑަރެއް ކަމަށްވާ ހާމިދު ހަމްދާން އަލް ޚަދާރީ ޝަހީދުކޮށްލާފައިވާ ކަމަށެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ 15 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާބަނޑު ދެ އަންހެނުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އިޒްރޭލުން ބުނެފައި ވަނީ މި ތަނުން އެއް އަންހެނަކު ޝަހީދުވެފައި ވަނީ ފަލަސްތީނުން ދިން ރޮކެޓް ހަމަލާތަކުގައި ކަމަށެވެ.
ރޮކެޓް ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއްގެ ބައިތަކުގެ ތެރޭން ކުޑަ ކުއްޖަކު ގޮވައިގެން މީހަކު ދަނީ. --ފޮޓޯ:ރޮއިޓާސް
އިޒްރޭލުން އެންމެ ފަހުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު އެވެ. އެ ފަހަރު އިޒްރޭލުން ހަތް ހަފުތާ ވަންދެން އެއްގަމު މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2،251 މީހުން ޝަހީދުކޮށްލި އެވެ. އޭގެ ތެރޭގައި އާއްމުންގެ 1،462 މީހުން ހިމެނެ އެވެ. އިޒްރޭލް ސިފައިންގެ ތެރޭން މަރުވީ 67 މީހުންނެވެ. އިޒްރޭލުން ބުނެފައި ވަނީ އެ ފަހަރުގެ އުދުވާން ހިންގަން ޖެހުނީ އެ ގައުމުގެ ފުރާވަރުގެ ތިން ކުއްޖަކު ވަގަށް ނަގާ މަރާލުމުން ކަމަށެވެ.
އެންމެ ފަހުގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ރޮކެޓް ހަމަލާތަކުން ދިފާއުވުމުގެ ހައްގު އިޒްރޭލަށް އޮންނަން ޖެހޭނެ ކަމަށެވެ. ހަމަލާތައް ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން އިން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
06 May 2019
ޖަހޫދީން ބަލިކުރެވޭނީ މުސްލިމުން އެކަތިގަޑަކަ ވެގެން.
ހަސީން
06 May 2019
މިހާރު ތިބީ މުސްލިމު ހެދުން އަޅައިގެންތިބި ޔަހޫދީން. އެމީހުންގެ ވެރިންނަށްވެސް ތިބީ އިސްލާމީ ނަމުން ނަންކިޔާ ޔަހޫދީން. އެއްބަޔަކު ވެރިކަމުގާތިބީ އަނިޔާވެރި ރަސްރަސްކަލުންގެ ގޮތުގަ. އަނެއްބަޔަކު ވެރިކަމަށްއައީ ޑިމޮކްރަސީކިޔާ ފިތުނައެއްގެ ނިވަލުގާތިބެގެން. ދެން ބުނެބަލަ މުސްލިމުން އެކުވެރިވާނެގޮތެއް.
މުރާދުސާމިރު
06 May 2019
ކަލޯ ދިވެހިންގެތެރޭ ބަޔަކު ވެސް އެބަތިބި މި ކަމުގައި އިޒްރޭލަށް ސަޕޯޓުކުރާ
އަސްލު
06 May 2019
ޔާ ﷲ މިނުބައި އަނިޔާވެރިން ނިކަމެތި ކުރަށްވާނދޭވެ!
ބަބުރަންޖީ ހާޖީ
05 May 2019
ރޯދަޔާ ދިމާކޮށް މުސްލިމުންނަށް ތުރާކުރަނީ. މީ ކިހާ ހިތާމަހުރިކަމެއް. އިޒްރޭލުން އެކަންޏެއް ނޫނޭ. ޗައިނާއިންވެސް.
ޕަރުވީނު
05 May 2019
ތަޅާފޮޅުންތަކާ ލޭއޮހޮރުވުން އަޅެ ހުއްޓާލަބަލަ. އެޓްލީސްޓް މި ރޯދަމަހުގައި ތިޔަފަދަ ކަންތައް ނުކޮށްބަލަ
ލާމަސީލު
05 May 2019
ދުނިޔޭގެ އެކި ތަންތާނގަ ތިބި އިސްރާއިލްގެ ޔަހުދީން ނައްތާލުމަކީ ފަލަސްތީންގެ ނިކަމެތި ރައްޔިތުންނަށް ވެވޭ އެހީއެއް.
ޔާސިރު
05 May 2019
ދިވެހި ސަރުކާރު ޣާޒައަަށް ދެމުންދާ ހަމަލާ ކުއްވެރި ނުކުރަނީ އިންޑިއާ އަދި އެމެރިކާގެ ނުފޫޒް ގެ ދަށުވެގެން. އިންޑިއާ އިން ދަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތައް ނުފޫޒް ފޯރުވަމުން
ދިވެހިވެސް
05 May 2019
އަރަބިންނާއި ގުޅިގެން އިޒްރާއީލުން ހިންގާ ޖަރީމާތައް މި ހުންނަނީ! ފަލަސްތީނު މައްސަލަ ހައްލުކުރަން އަރަބިންވެސް ބޭނުމެއްނުވޭ! މިކަމާ ދެކޮޅުހެދި ހުރިހާ އަރަބި ވެރިން މިހާރުވަނީ މަރާލެވިފާ... މީ ރިއަލިޓީ...