ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
11 މެއި 2019 - 11:20
ކަރާކަސް (މެއި 11) - ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ތިން މެންބަރަކު ބޭރު ގައުމުތަކުގެ އެމްބަސީތަކުން ހިމާޔަތް ހޯދައިފި އެވެ.
އެ ތިން މެންބަރުން އެމްބަސީތަކުން ރައްކާތެރިަކަން ހޯދާފައި ވަނީ ގާނޫނު ހަދާ މަޖިލީހުން އެ މީހުންނަށް ދީފައިވާ އިމްތިޔާޒްތައް ނެގުމުންނެވެ. ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 10 މެންބަރެއްގެ އިމްތިޔާޒްތައް ނަގައިފަ އެވެ. މެމްބަރުންގެ އިމްތިޔާޒްތައް ނެގީ އެ އެމްބަރުން ބަޣާވަތް ކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
ދެ މެންބަރަކު ތިބީ އިޓަލީ އެމްބަސީގަ އެވެ. އަނެއް މެންބަރު ހުރީ އާޖެންޓީނާ އެމްބަސީގަ އެވެ. ސްޕޭނުން ބުނެފައި ވަނީ ވެނެޒުއެލާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ނުރައްކަލެއް އޮތް ނަމަ އެ ގައުމުގެ އެމްބަސީން ވެސް ހިމާޔަތް ދޭނެ ކަމަށެވެ.
ވެނެޒުއެލާގެ އިިދިކޮޅު ލީޑަރު ހުއަން ގުއައިޑޯ ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފުތާގައި ވަނީ އަސްކަރީ ބަޣާވާތެއް ގެންނަން މަސައްކަތް ކޮށްފަ އެވެ. އިދިކޮޅު ލީޑަރުގެ ނައިބް މިހާރު ވެސް ހުރީ ޖަލުގަ އެވެ.
އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ނޭޝަނަލް އެސެމްބްލީގެ ރައީސްކަން ކުރައްވާ ގުއައިޑޯ ޖެނުއަރީ މަހު ވަނީ އޭނާ އަކީ ގައުމުގެ ވަގުތީ ރައީސްކަމަށް އިއުލާންކޮށްފަ އެވެ. ފަންސާހަށް ވުރެ ގިނަ ގައުމުން ވަނީ ގުއައިޑޯ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ގެންދަވަނީ އެ ގައުމުގެ ސިފައިން ކޮންޓްރޯލް ކުރައްވަމުންނެވެ. އިދިކޮޅު ލީޑަރު ގުއައިޑޯ ވަނީ މަދޫރޯގެ ވެރިކަން ވައްޓާލުމުގައި އެމެރިކާގެ އަސްކަރީ އެހީ އަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy