ޔަންގޮން (މެއި 13) - ލޭންޑިން ގިއަރު ފެއިލްވި މިއަންމާގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓެއްގެ ކުރީ ފުރޮޅު ނެތި އިމަޖެންސީގައި ޖައްސައިފި އެވެ.
މި ހާދިސާގައި، ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ބޯޓުގައި 89 ޕަސިންޖަރުން ތިއްބެވެ.
މިއަންމާގެ މަންޑަލޭ އެއާޕޯޓުގައި ބޯޓު ޖައްސައި، ރައްކާތެރިކަމާ އެކު އެންމެން ބޯޓުން ބާލާފައިވާތީ ޕައިލެޓަށް ވަނީ އެތައް ބަޔަކު ތައުރީފްކޮށްފަ އެވެ. މިއަންމާ ނޭޝަނަލް އެއާލައިންސްގެ ބޯޓުގެ ކެޕްޓަން މިއަޓް މޮއެ އައުންގް ވަނީ ލޭންޑިން ގިއަރު ހުރީ ރަނގަޅަށްތޯ އެއާ ޓްރެފިކް ކޮންޓްރޯލަށް ޔަގީން ކުރުމަށް ޓަކައި އެއާޕޯޓް ވަށާ ދެ ބުރު ޖަހައިފަ އެވެ. ޔަންގޮން އިން ފުރި ބޯޓުގެ ލޭންޑިން ގިއަރަށް މައްސަލަ ދިމާވީ މަންޑަލޭ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށެވެ.
ލޭންޑިން ގިއަރު މަސައްކަތް ނުކުރުމުން ޕައިލެޓް ވަނީ އިމަޖެންސީ އުސޫލްތައް ފޮލޯކޮށްފަ އެވެ. ބޯޓުގެ ބަރު ލުއިކުރުމުގެ ގޮތުން ތެޔޮ ވަނީ އަންދައިފަ އެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ފަހަތު ފުރޮޅުތައް ޖެއްސުމަށް ފަހު ކުރީކޮޅު ރަންވޭގައި ޖެހި، ރަންވޭ މަތިން 25 ސިކުންތަށް ބޯޓު ކުރިއަށް ދިޔަ އެވެ. އޭގެ ފަހުން ބޯޓު ވަނީ ހުއްޓިފަ އެވެ. ބޯޓުގައި ތިބި މީހުން ބޭލީ ކުއްލި ހާލަތުގައި އަމަލު ކުރާ އުސޫލުންނެވެ.
"ބޯޓުގެ ޕައިލެޓް ވަރަށް ކުޅަދާނަ،" މިއަންމާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިން ކާންޓް ވިދާޅުވި އެވެ.
މިއީ މިއަންމާގައި ހަފުތާއެއްގެ ތެރޭގައި ހިނގި އޭވިއޭޝަން ދެ ވަނަ ހާދިސާ އެވެ. މިދިޔަ ބުދަ ދުވަހު ވަނީ ބަންގްލަދޭޝްގެ ބިމާން އެއާލައިންސްގެ ބޯޓެއް، މޫސުން ގޯސްކޮށް އޮއްވައި، ޔަންގޮން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު ކަހާލައިގެން ގޮސްފަ އެވެ. އެ ހާދިސާގައި 17 މީހުން ޒަޚަމްވި އެވެ.