ސޫދާނުގެ ހަމަނުޖެހުން، ލޭއޮހޮރުވުމާ އެކު، އަދިވެސް ކުރިއަށް

ސޫދާނަށް ޑިމޮކްރެޓިކް އިސްލާހުތައް ގެންނަން އަޑުއުފުލަމުން އަންނަ އާންމުންނާ ދެކޮޅަށް ސިފައިން ފެށި ލޭއޮހޮރުވުން ނުހުއްޓި ކުރިއަށް ދާތީ އެ ގައުމުގެ ހަމަނުޖެހުން މައިިތިރިކުރަން ބައިނަލްއަގުވާމީ މުޖުތަމައުން އިތުރު މަސައްކަތްތަކެއް ފަށައިފި އެވެ.


ހުދުމުހުތާރު ވެރިއެއްގެ އަތްދަށުގައި 30 އަހަރު އޮތް ސޫދާނުގެ ސަރުކާރު ބަދަލުވުމާ އެކު ސިފައިން ވެރިކަމާ ހަވާލުވެ ވީ ވައުދާ އެއްގޮތަށް އަމަލްނުކުރާތީ އާންމުން ފެށި މުޒާހަރާތައް ހުއްޓުވަން ބަޑި ޖެހުމުގެ ސަބަބުން ޖޫން 3 ގައި 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިހާރު ސޫދާނުގައި ވަނީ މަސައްކަތްތެރިންގެ ހަޅުތާލުތައް ވެސް ފަށައިފަ އެވެ. އަދި ސަލާމަތީ ބާރުތަކުން އިއްޔެ ބަޑި ޖެހުމުގެ ސަބަބުން މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް، މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ވެރިރަށް ހަރުތޫމްގައި އިއްޔެ އޮތީ ހަމަހިމޭންކަމެވެ. ގިނަ ފިހާރަތަކާއި ބޭންކްތަކާއި އެހެން ވިޔަފާރިތައް ބަންދެވެ. މަސައްކަތްތެރިން އެގޮތަށް އަމަލްކުރީ ޑިމޮކްރަސީ ގެންނަން އަޑުއުފުލަމުން އަންނަ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ސޫދާނީސް ޕްރޮފެޝަނަލް އެސޯސިއޭޝަން (އެސްޕީއޭ) ގެ ގޮވާލުމަށެވެ.

އެސްޕީއޭ އިން ބުނާ ގޮތުގައި އަސްކަރީ ސަރުކާރު އުވި، މަދަނީ ވެރިކަމެއް އިއުލާންކުރަންދެން ހަޅުތާލު ކުރިއަށް ދާނެ އެވެ.

ސޫދާނުގެ ރައީސްކަމުގައި 30 އަހަރު ހޭދަކުރެއްވި އުމަރު އަލް-ބަޝީރު އެޕްރީލް މަހު ވެރިކަމުން ދުރުކުރުވީ ސިފައިންނެވެ. އެގޮތަށް ސިފައިން ފިޔަވަޅު އެޅީ އޭނާއާ ދެކޮޅު މުޒާހަރާތައް އެތައް މަހެއް ވީ އިރު ވެސް ހުއްޓުމަކަށް ނައުމުންނެވެ. އޭރު ސިފައިން ވެރިކަމާ ހަވާލުވީ ގައުމު ހިންގަން މަދަނީ ސަރުކާރަކާ ވަރަށް އަވަހަށް ހަވާލުކުރާ ގޮތަށެވެ.

ސޫދާނުގެ ވެރިރަށުގައ ފިހާރަތައް ބަންދުކޮށްފައި: ސިފައިން ބަޑި ޖެހުމުން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.

އެކަމަކު މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރަން ގޮވާލަމުން ދިޔަ ރައްޔިތުންގެ ގަޔަށް ސަލާމަތީ ބާރުތަކުން ބަޑިޖަހާ އެތައް ބަޔަކު މަރާލުމުން، އަސްކަރީ ވެރިންނަށް މިހާރު އިތުބާރު ނުކުރާ ކަމަށް، އާންމުން ބުނެ އެވެ. އަދި ސުލްހައިގެ އެއްވެސް ވާހަކައެއް ސިފައިންނާ ނުދައްކާނެ ކަމަށް ވެސް، އިދިކޮޅު ފަރާތްތަކުން ވަނީ އިއުލާންކޮށްފަ އެވެ.

އެކަމަކު ރޮއިޓާސް ނިއުސް އެޖެންސީން ބުނީ އިގުތިސާދީ މާހިރެއް އިސްކޮށް ހުންނަވައިގެން މަދަނީ ސަރުކާރެއް ގާއިމްކުރުމުގެ ޕްލޭންތައް އިދިކޮޅު ފަރާތްތަކުން އެކުލަވާލައިފައިވާ ކަމަށެވެ. އިންތިގާލީ ބޮޑުވަޒީރަކަށް ގެންނަނީ އެފްރިކާއަށް ކަނޑައަޅާފައިވާ ޔޫއެން އިކޮނޮމިކް ކޮމިޝަންގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ އަބްދުﷲ ހަމްދޫކް ކަމަށް، އިދިކޮޅު ފަރާތްތަކާ ހަވާލާދީ، ރޮއިޓާސް އިން ބުންޏެވެ.

އޭނާގެ އިތުރުން އިންތިގާލީ ކައުންސިލަށް އިތުރު އަށް ބޭފުޅަކު ހަމަޖައްސަ އެވެ. އޭގެ ތެރޭގައި ތިން އަންހެން ބޭފުޅުން ހިމެނެ އެވެ.

ސޫދާނުގެ ހަމަނުޖެހުންތައް ހުއްޓުވަން ބައިނަލްއަގުވާމީ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އެމެރިކާ އިން ވެސް ވަނީ ވަދެފަ އެވެ. އެގޮތުން އެފްރިކާއަށް ކަނޑައަޅާފައި ހުންނަވާ އެންމެ އިސް މަންދޫބު ޓިބޯ ނަގީ މި ހަފުތާގައި ސޫދާނަށް ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި އާންމުންނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާލަން އޭނާ ގޮވާލައްވާނެ އެވެ.