ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ. --ފޮޓޯ:އޭއެފްޕީ
04 ޖުލައި 2019 - 16:13
ޑާކާ (ޖުލައި 4) - ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން މީގެ 25 އަހަރު ކުރިން ހަމަލާ ދޭން އުޅުނު ނުވަ މީހަކަށް މަރުގެ އަދަބު ދިނުުމަށް އެ ގައުމުގެ ކޯޓަކުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
ސަރުކާރުގެ ވަކީލް ވިދާޅުވީ އިތުރު 25 މީހަކު އުމުރަށް ޖަލަށްލާން ވެސް ހުކުމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 13 މީހަކަށް ވަނީ 10 އަހަރުގެ ޖަލު ހުކުމް އިއްވައިފަ އެވެ. އެ މީހުންގެ ވަކީލުން ބުނެފައި ވަނީ އެ މައްސަލަތައް އިސްތިއުނާފް ކުރާނެ ކަމަށެވެ.
ޝެއިޚް ހަސީނާ އަވަހާރަކޮށްލަން 1994 ވަނަ އަހަރު ހަމަލާ ދޭން އުޅުނީ އެކަމަނާ އިންނެވި ރޭލަކަށެވެ. އެ ދުވަސްރު ހަސީނާ އަކީ އިދިކޮޅު ލީޑަރެވެ. އޭރުގެ ބޮޑު ވަޒީރަކީ ހަސީނާގެ ވާދަވެރިޔާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޚާލިދާ ޒިޔާ އެވެ. މިހާރު އެކަމަނާ އަކީ އިދިކޮޅު ލީޑަރެވެ.
"ހަސީނާ އަވަހާރަކޮށްލަން އެ މީހުން ވަނީ ރޭލުގައި އެކަމަނާ އިންނެވި ކޯޗަށް ބޮން އުކައި ބަޑިން ހަމަލާ ދީފައި،" ޕްރޮސެކިއުޓާ އަމީނުލް އިސްލާމް ވިދާޅުވި އެވެ.
އިދިކޮޅު ބީއެންޕީގެ ސަޕޯޓަރުންނާ ދެކޮޅަށް ކަންކަން ކުރާ ކަމަށް ހަސީނާގެ ސަރުކާރުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. އިދިކޮޅު ލީޑަރު ޒިއާ މިހާރު ވެސް ހުންނެވީ ޖަލުގަ އެވެ.
ހަސީނާ އަށް އަމާޒުކޮށް، ޑާކާގައި އޮތް އެއްވުމެއްގައި 2004 ވަނަ އަހަރު ވެސް ވަނީ އަތުބޮމުގެ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި 24 މީހުން މަރުވެ 500 މީހުން ޒަޚަމްވި އެވެ. އެ ހަމަލާއާާ ގުޅިގެން މިދިޔަ އަހަރު ވަނީ 19 މީހަކު މަރަން ހުކުމްކޮށްފަ އެވެ. އަދި 19 މީހަކު ވަނީ އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނދި އަނދިރިން
04 July 2019
ވެރިކަމާ ހެދި "ޝަހީދު" ވަނީއެވެ. މިހާރު ދިވެހި ރާއްޖެ ވެސް މިވަރެވެ. ބަޑި އާއި ބޮން ނެތް ކަމުން ސަލާމަތް ވަނީ އެވެ.ފާޑުފާޑުގެ އަނިޔާ ކުރުމަށް މިވަރެއް ނެތެވެ.ރަހުމު ކުޑަކަން އިންތިހާއެވެ.