ފެންބޮޑުވުމުގައި ގެއްލުނު ލިބުނު ސައިކަލްތައް ސަލާމަތް ކުރަން ނޭޕާލުގެ ޓްރެފިކް ފުލުހުން މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ
14 ޖުލައި 2019 - 14:59
ކަތުމަންޑޫ (ޖުލައި 14) - ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ފޭބުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އޮފިޝަލުން ބުނެފި އެވެ.
ނޭޕާލުގެ އިރުމައްޗާއި ދެކުނުގެ ހިސާބުތަކަށް ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ ކުރަމުންނެވެ.
ނޭޕާލް ފުލުހުންގެ ތަރުޖަމާން ބިޝްވަރާޖް ޕޮކަރެލް ވިދާޅުވީ ފެންބޮޑުވުމުގައި 33 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި 1،100 މީހުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
"ގެއްލިފައިވާ މީހުން ހޯދުމަށް ގައުމުގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އިރުއުތުރުގެ ހިސާބުތަކަށް ވެސް މިދުވަސްވަރު ދަނީ ގަދައަށް ވިއްސާރަކުރަމުންނެވެ. އިންޑިއާގެ ކޯރުތައް ބަންޑުންވެ ފެންބޮޑުވުމުގެ ސަބަބުން 11 މީހުން ވަނީ މަރުވެފަ އެވެ. އާސާމް ސްޓޭޓުން އެކަނި ވެސް ވަނީ 20،000 މީހުން ރައްކާތެރިކަމުގެ ކޭމްޕްތަކަށް ބަދަލުކޮށްފަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ އާއްމުކޮށް ކުރަނީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރާ ދެމެދު އެވެ. މިދިޔަ އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދެކުނު އޭޝިއާގެ ގައުމުތަކުން ވަނީ 1،200 މީހުން މަރުވެފަ އެވެ. އަދި އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓަށް ވަނީ ވޭތުވެދިޔަ 100 އަހަރު ދުވަހު ނުކުރާ ވަރަށް މިދިޔަ އަހަރު ވިއްސާރަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy