"ކޮރަޕްޝަނުގެ ރަސްގެފާން" ނޫން ކަމަށް ދެކުނު އެފްރިކާގެ ޒޫމާ ވިދާޅުވެއްޖެ

ޕްރިޓޯރިއާ (ޖުލައި 16) - އޭނާއާ ދެކޯޅަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތަކީ ބަޔަކު ރާވައިގެން ސިޔާސީ މައިދާނުން ފުހެލުމަށް ހިންގާ ކަމެއް ކަމަށާއި އޭނާ އަކީ "ކޮރަޕްޝަނުގެ ރަސްގެފާން" ނޫން ކަމަށް ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ ވިދާޅުވެއްޖެ އެވެ.


ޒޫމާގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަން ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒޫމާ ވިދާޅުވީ އޭނާ އަށް ލައްކަ ތުހުމަތުކޮށްފައިވާ ކަމަށާއި "ކޮރަޕްޝަނުގެ ރަސްގެފާނުގެ" ލަގަބު ވެސް ދީފައިވާ ކަމަށެވެ.

ޒޫމާ 77، އަށް ފިއްތުންތައް ކުރިމަތިކުރުމުން މަޖްބޫރުވެގެން އެންމެ ފަހުން އިސްތިއުފާ ދީފައި ވަނީ ފެބްރުއަރީ 2018 ގަ އެވެ. ޒޫމާގެ ބަދަލުގައި ވެރިކަމަށް ވަޑައިގެންނެވި ސިރިލް ރަމަފޯސާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ. ރަމަފޯސާ ވިދާޅުވެފައި ވަނީ ޒޫމާގެ ނުވަ އަހަރުގެ ވެރިކަމަކީ "ބޭކާރު ދުވަސްތަކެއް" ކަމަށެވެ.

ޒޫމާ ވިދާޅުވީ އޭނާއާ ދެކޮޅަށް ކަންކަން ރޭވުމުގައި އިސްކޮށް ހުންނެވީ ކުރީގެ މިނިސްޓަރެއް ކަމަށެވެ. އަދި ބޭރުގެ އެޖެންޓުން ވެސް ވަނީ އޭނާއާ ދެކޮޅަށް މަސައްކަތްކޮށްފައި ކަމަށް ވިދާޅުވި އެވެ.

ޒޫމާގެ ވެރިކަމުގެ ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް ގުޅިފައި ވަނީ އިންޑިއާ އުފަން ގުޕްތާ އާއިލާއާ އެވެ. ނަމަވެސް ޒޫމާ ވިދާޅުވީ އެ އާއިލާ އަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.