ބޮލުން ގުޅިފައިވާ ދެބެއިން ކަމަށްވާ ސަފާ އާއި މަރުވާ އޮޕަރޭޝަންކޮށްފައި.
16 ޖުލައި 2019 - 17:08
ލަންޑަން (ޖުލައި 16) - ބޮލުން ގުޅިފައިވާ ޕާކިސްތާންގެ ދެ ބެން ކަމަށްވާ ސަފާ އާއި މަރުވާގެ ހަށިގަނޑު ވަކި ކުރަން އިނގިރޭސި ވިލާތުގެ ޑޮކްޓަރުން 50 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.
ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ޒައިނަބް ބީބީ އަށް ވަނީ ހަތް ކުދިން ލިބިފަ އެވެ. އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންކަން އެނގުމުން އޭނާ ގަސްދުކުރީ އެހެން ކުދިންނެކޭ އެއްގޮތަށް ގޭގައި ވިހާށެވެ. ނަމަވެސް އުނދަގޫތަކެއް ހުރިކަން އަލްޓްރާސައުންޑް ސްކޭނުން ދެއްކުމަށް އޭނާ އަށް އިރުޝާދު ދީފައި ވަނީ ވިހަން ހޮސްޕިޓަލަށް ދިއުމަށެވެ. މެޓާނިޓީ ޓީމުން ބުނެފައި ވަނީ ބަނޑުގައި އޮތް ދެ ކުދިން އެއް ހަށިގަނޑަކުން ގުޅިފައިވާ ކަމަށެވެ. އެ އާއިލާ އަށް އިތުރު ނުތަނަވަސް ކަމެއް ކުރިމަތިވީ ޒައިނަބު ވިހެއުމުގެ ދެ މަސް ކުރިން އޭނާގެ ފިރިމީހާ ހާޓްއެޓޭކެއްގައި މަރުވުމުންނެވެ.
އޮޕަރޭޝަނަށް ފަހު ސަފާ އާއި މަރުވާ.
ޕިޝާވަރުގެ ހަޔާތުއާބާދު ހޮސްޕިޓަލުގައި ޖެނުއަރީ 7، 2017 ގައި ދެ ކުދިން ނެގީ ސިޒޭރިއަން ހަދައިގެންނެވެ. ޒައިނަބު ގާތު ބުނެފައި ވަނީ އެއީ އަންހެން ކުދިން ކަމަށާއި ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ޒައިނަބަށް އެ ކުދިން ފެންނަވަރުވީ ފަސް ދުވަސް ފަހުންނެވެ. އެ ކުދިންނަށް ނަންދީފައި ވަނީ މައްކާގެ ސަފާ އާއި މަރުވާ ފަރުބަދައިގެ ނަމާ ގުޅުވައިގެންނެވެ.
މަހެއްހާ ދުވަސް ފަހުން ދެ ކުދިން ވެސް ހޮސްޕިޓަލުން ދޫކޮށްލި އެވެ. ޕާކިސްތާނުގެ އަސްކަރީ ހޮސްޕިޓަލަކުން ވަނީ ދެ ކުދިން ވަކިކޮށްދޭން އޮޕަރޭޝަން ކުރަން ހުށަހަޅައިފަ އެވެ. ނަމަވެސް އެތަނުން އެއް ކުއްޖަކު ސަލާމަތް ނުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އާއިލާ އިން ވަނީ އެހެން ގޮތެއް ފެނޭތޯ ބަލައިފަ އެވެ.
އޮޕަރޭޝަނަށް ފަހު ސަފާ އާއި މަރުވާ ގޮވައިގެން އެ ކުދިންގެ މަންމަ ޒައިނަބު އާއި ކާފަ.
ދެ ކުދިންނަށް ތިން މަސްވީ އިރު އެ އާއިލާ އަށް ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުޑަ ކުދިންގެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ލަންޑަނުގެ ގްރޭޓް އޯމަންޑް ސްޓްރީޑް ހޮސްޕިޓަލްގެ ޕިޑިއެޓްރިކް ނިއުރޯސާޖަންއާ ގުޅިފަ އެވެ. ސްކޭންތައް ބެލުމަށް ފަހު ޑރ. އޮވާސީ ޖާލާނީ އަށް ވަނީ އެއީ ވަކި ކުރެވިދާނެ ދެ ކުދިން ކަމަށް ގަބޫލް ކުރެވިފަ އެވެ. އެކަމަކު އެ ކުދިންނަށް އެއް އަހަރުވުމުގެ ކުރިން އޮޕަރޭޝަން ކުރުން މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ބޮލުން ގުޅިފައިވާ ދެބެއިން ކަމަށްވާ ސަފާ އާއި މަރުވާ.
ދެ ކުދިންނާއި އާއިލާ އިނގިރޭސި ވިލާތަށް ދިއުމަށް އޮގަސްޓް 2018 ގައި ވިސާ ހަމަޖެހުނު ނަމަވެސް ފަންޑް ހަމަޖެހިފައެއް ނުވެ އެވެ. އެކަމަކު ޑޮކްޓަރު ޖީލާނީ ވަނީ އެ މީހުން އިނގިރޭސި ވިލާތަށް ދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި ޑޮކްޓަރުގެ މަސައްކަތުން ޕާކިސްތާނުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ އެހީ ލިބޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. ވިޔަފާރިވެރިޔާ ބުނީ އޭނާ އެކަން ކޮށްދިނީ ދެ ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގެ އުއްމީދުގައި ކަމަށެވެ.
ދެ ކުދިން ވަކިކުރަން މައިގަނޑު ތިންް އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. ފުރަތަމަ އޮޕަރޭޝަން ކުރީ އެ ކުދިންގެ އުމުރުން 19 މަހުގައި އޮކްޓޯބަރު 2018 ގަ އެވެ. ދެ ކުދިން ވަކިކުރި އޮޕަރޭޝަން ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. ފައިނަލް އޮޕަރޭޝަނުގައި ވަނީ އެ ކުދިންގެ ކަށި ބޭނުންކޮށްގެން ބޮލުގެ ނާށިގަނޑެއް އުފައްދައިފަ އެވެ.
ބޮލުން ގުޅިފައިވާ ދެބެއިން ކަމަށްވާ ސަފާ އާއި މަރުވާ.
ގްރޭޓް އޯމަންޑް ސްޓްރީޑް ހޮސްޕިޓަލުން މީގެ ކުރިން 2006 އަދި 2011 ވަނަ އަހަރު ވެސް ވަނީ، ބޮލުން ގުޅިފައިވާ ދެ ކުދިން ވަކިކޮށްފަ އެވެ.
ދެ ކުދިން ވަކިކުރުމުގެ އޮޕަރޭޝަނަށް ވަނީ 50 ގަޑިއިރު ހޭދަވެފަ އެވެ. އެ އޮޕަރޭޝަނުގައި ވަނީ ގްރޭޓް އޯމަންޑް ސްޓްރީޑް ހޮސްޕިޓަލްގެ 100 އަށް ވުރެ ގިނަ ސްޓާފުން ހަރަކާތްތެރިވެފަ އެވެ.
ދެ ކުދިންގެ މަންމަ ޒައިނަބު ބުނީ އެ ހޮސްޕިޓަލަށް އާއިލާ އިން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
ދެ ކުދިން ހޮސްޕިޓަލުން ދޫކޮށްލީ މި މަހު 1 ވަނަ ދުވަހު އެވެ. އެ ކުދިން މިހާރު ގެންދަނީ ކޮންމެ ދުވަހަކު ވެސް ފިޒިއޮތެރަޕީ ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ހެޔޮ ހިތުން
16 July 2019
ﷲަ އަށް ހަމްދު، ޝަނާ ދަންނަވަ މެވެ.ޑަކްޓަރ އަށާއި އޮޕަރޭޝަނަށް ޚަރަދު ކުރި މަހްޖަނު އަށް ޝުކުރު އަދާ ކުރަމެވެ