އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރަކީ ބޮރިސް ޖޯންސަން

ލަންޑަން (ޖުލައި 23) - ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގަތުމާ އެކު އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރުގެ މަގާމު ބޮރިސް ޖޯންސަން ކަށަވަރު ކުރައްވައިފި އެވެ.


ޕާޓީގެ ލީޑަރަކު ހޮވުމަށް މެންބަރުންގެ މެދުގައި ނެގި ވޯޓުން ޖޯންސަން އަށް ވަނީ 92،153 ވޯޓު ލިބިވަޑައިގެންފަ އެވެ. ލަންޑަނުގެ ކުރީގެ މޭޔަރު ބޮޑު ވަޒީރުކަމުގެ ހުވާ ކުރައްވާނީ މާދަމާ އެވެ. ޖޯންސަންއާ ވާދަކުރެއްވި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓަށް ލިބިވަޑައިގެންނެވީ 46،656 ވޯޓެވެ.

ކާމިޔާބީ އަށް ފަހު މެދުތެރޭ ލަންޑަނުގައި ވާހަކަ ދައްކަވަމުން 55 އަހަރުގެ ޖޯންސަން ވިދާޅުވީ އިނގިރޭސި ވިލާތަކީ ހަކަތަ ހުރި ގައުމަކަށް ހައްދަވާނެ ކަމަށެވެ. އަދި އިނގިރޭސިން ޔޫރަޕިއަން ޔޫނިއަނުން ވަކިވުމުން ހަގީގަތަކަށް ހައްދަވައި އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އީޔޫއިން އިނގިރޭސި ވިލާތް ވަކިވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 31 ގަ އެވެ.

ޕާޓީގެ ލީޑަރަކު ހޮވުމަށް ވޯޓުލުމުގެ ހައްގު ކޮންޒަވެޓިވް ޕާޓީގެ ގާތްގަނޑަކަށް 160،000 މެންބަރުންނަށް ލިބިފައިވެ އެވެ. ވޯޓުގައި ވަނީ 87.4 ޕަސެންޓް މީހުން ބައިވެރިވެފަ އެވެ.