ގުދުސް (ޖުލައި 24) - ގުދުސްގެ ދެކުނުގައި އިމާރާތްކޮށްފައި ހުރި ފަލަސްތީން މީހުންގެ ގެތައް ތަޅާލުމަކީ އިޒްރޭލުން ހިންގި ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.
ފަލަސްތީން މީހުންގެ ގެތައް އިޒްރޭލުގެ ބުލްޑޯޒަރުތަކުން ތަޅާލާ މަންޒަރުގެ ފޮޓޯތައް ހިއްޕަވައިގެން ހުންނަވައި، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި މަންސޫރު ވިދާޅުވީ އެއީ ހިތްހަލާކުވާ ފަދަ މަންޒަރުތަކެއް ކަމަށެވެ.
"ހޯމަ ދުވަހު ފަތިހު ފަލަސްތީނުގެ ރައްޔިތުންތަކެއް ނިދާފައި ތިއްބާ ގަދަ ބާރުން އެ މީހުން ގެތަކުން ނެރެ، ޑައިނަމައިޓް އަޅައިގެން ގެތައް ގޮއްވާލައި، ބުލްޑޯޒަރުން ގެތައް ވަނީ ސުންނާފަތިކޮށްފައި. އެއީ ހަނގުރާމައިގެ ޖަރީމާއެއް. އެކަން ތަހުގީގު ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މަންސޫރު ވިދާޅުވީ ފަލަސްތީން މީހުންގެ 10 އެޕާޓްމަންޓެއް ތަޅާލިއިރު ގިނަ ތަންތަން ދަނީ އިމާރާތް ކުރަމުން ކަމަށެވެ. އަދި ގެތައް ތަޅާލުމުން 17 އާއިލާ ވަންނާނެ ތަނެއް ނެތި މަގުމަތިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލުން ބުނެފައި ވަނީ ގެތައް ތަޅާލީ އެއީ ގަވާއިދާޚިލާފަށް އިމާރާތްކޮށްފައިވާ ތަންތަނަށްވާތީ ކަމަށާއި އެއީ އިޒްރޭލުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ގެތައް ތަޅާލުމުގެ ހުއްދަ އިޒްރޭލުގެ ސުޕްރީމް ކޯޓުން ވެސް ވަނީ ދީފަ އެވެ.
"އިޒްރޭލަކީ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ގައުމެއް. ހުއްދަ ނުނަގައި ގެއެއް ހަދައިފި ނަމަ އެތަންތަން ތަޅާލާނެ،" ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން އިޒްރޭލުގެ ސަފީރު ޑެނީ ޑެނޮން ވިދާޅުވި އެވެ.