ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް އިޒްރޭލުން 6،000 ގެ އަޅަނީ

ހުޅަނގު އައްސޭރި (އޮގަސްޓް 1) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅުމަށް 6،000 ގެ އެޅުމަށް އިޒްރޭލުން ހުއްދަ ދީފި އެވެ.


އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުންނަށް ވެސް 700 ގެ އަޅައިދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ފަލަސްތީން މީހުންނަށް އިޒްރޭލުން ގެ އަޅައިދިނުމަކީ ނާދިރު ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދިން ވަޒަންވެރި ކުރުވަމުން ގެންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށެވެ. އެކަމަކު އިޒްރޭލުން އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ.

އިޒްރޭލުގެ ނިންމުމާ ފަލަސްތީނުން ވަނީ ދެކޮޅު ހަދައިފަ އެވެ. ފަލަސްތީނުން ބުނެފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް އެއްވެސް އިމާރާތެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން އެކަން ކުރަމުން ދަނީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް 400،000 ގެ ހަދައިދީފަ އެވެ. ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 2.5 މިލިއަން މީހުން ދިރިއުޅެ އެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް ގެއަޅާނެކަން އިޒްރޭލުން އިއުލާންކޮށްފައި ވަނީ އެމެރިކާގެ މަންދޫބު އަދި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރަޑް ކުޝްނާ މެދުއިރުމައްޗަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ޓްރަމްޕް ވަނީ 2017 ވަނަ އަހަރު އިއުލާން ކުރައްވައިފަ އެވެ. އަދި އެމެރިކާގެ އެމްބަސީ ވަނީ ގުދުސް އަށް ބަދަލުކޮށްފަ އެވެ.