އެންޓަނަނަރީވޯ، މަޑަގަސްކަރަ (އޮގަަސްޓް 8) - ދަތުރު ކުރަމުން ދިޔަ ކުޑަ މަތިންދާ ބޯޓެއްގެ ދޮރު ހުޅުވުމަށް ފަހު ފުންމާލި އިނގިރޭސި ވިލާތުގެ ދަރިވަރުގެ ހަށިގަނޑުގެ ބައިތައް މަޑަގަސްކަރައިގެ އެކި އަވަހަށްތަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކެމްބްރިޖް ޔުނިވާސިޓީގެ އުމުރުން 19 އަހަރުގެ ދަރިވަރު އެލާނާ ކަޓްލޭންޑް މަޑަގަސްކަރަށް އަށް ދިޔައީ ރިސާޗް ދަތުރެއްގަ އެވެ. މަޑަގަސްކަރައިގެ ހުޅަނގު އުތުރުގެ އެއާޕޯޓަކުން ކުޑަ މަތިންދާ ބޯޓު ނައްޓާލިތާ މާގިނައިރެއް ނުވެ އެ ކުއްޖާ ވަނީ ބޯޓުން ފުންމާލައިފަ އެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް މަހަޑްރޮޑްރޮކާ ޖަންގަލިން އަންގާރަ ދުވަހު ފެނިފައިވާ ކަމަށެވެ. ޗީފް އިންވެސްޓިގޭޓަރު ސްޕިނޮލާ އެޑްވިން ނޮމެންޖަނަހަރީ ވިދާޅުވީ ބޯޓުން ފުންމާލި ދަރިވަރުގެ ހަށިގަނޑުގެ ބައިތައް އަވަށްތަކުގެ މީހުން ވެސް ހޯދާފައިވާ ކަމަށެވެ.
ބޯޓުގެ ޕައިލެޓާއި އެހެން ޕަސެންޖަރަކު ތަހުގީގުގައި ބުނެފައި ވަނީ ކުއްޖާ ހުއްޓުވަން އުޅެ ވެސް ކާމިޔާބުނުވި ކަމަށެވެ. ކުއްޖާ ފުންމާލަން އުޅުނު ސަބަބެއް ނޭނގެ އެވެ.
ނޭޗަރަލް ސައެންސްގެ ދަރިވަރު މަޑަގަސްކަރައިގައި 45 ދުވަހު މަޑުކުރާ ގޮތަށް އޮތީ ޕްލޭންކޮށްފަ އެވެ. ކުއްޖާގެ އާއިލާއާ ހަވާލާދީ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ބުނެފައި ވަނީ އެއީ ތޫނުފިލި ދަރިވަރެއް ކަމަށެވެ.