ހަލްސްޓެޓް (އޮގަސްޓް 11) - އޮސްޓްރިއާގެ ކުޑަ ޓައުނެއް ކަމަށްވާ ހަލްސްޓެޓްގެ އާބާދީ އަކީ ގާތްގަނޑަކަށް 800 އެވެ. އެކަމަކު ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެ ޓައުނަށް އަހަރަކު އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.
ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ހަލްސްޓެޓް އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. ހަލްސްޓެޓް އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރަނީ ޗައިނާ އިންނެވެ. އެ ޓައުން ޗައިނާގައި ވަރަށް މަޝްހޫރެވެ. ޗައިނާ އިން 2012 ވަނަ އަހަރު ވަނީ އެ ޓައުނާ އެއްގޮތް ނަމޫނާ ތަނެއް ވެސް ހަދައިފަ އެވެ.
ޓޫރިސްޓުންގެ އަދަދު އިތުރު ވާތީ ހަލްސްޓެޓްގެ މީހުން އުޅެނީ މުއްސަނދިކޮށެވެ. އެކަމަކު މާގިނައިން މީހުން ޒިޔާރަތް ކުރުމަކީ އެ ޓައުނުގެ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ؛ އެ ތަނުގެ ހިތްގައިމުކަމާއި ގުދުރަތީ ވެށި ހަލާކުވެގެން ހިނގައިދާނެތީ އެވެ.
"އެންމެ ބޮޑު ފައިދާ އަކީ އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަކީ މިނިވަން ބަޔަކަށްވުން. މިއީ އެއްދުވަސްވަރެއްގައި ދޫކޮށްލެވިފައި އޮތް ތަނެއް. މިހާރު އެކަން ބަދަލުވެއްޖެ. މިހާރު އަޅުގަނޑުމެންނަށް އަމިއްލަ މަޝްރޫއުތައް ހިންގޭނެ. އަދި މިތަނުގައި އުޅޭ މީހުންނަށް އެތައް ކަމެއް ކޮށްދެވޭނެ،" ހަލްސްޓެޓްގެ މޭޔަރު އެލެގްޒެންޑާ ޝޫޒް ވިދާޅުވި އެވެ.