ރަޝިޔާގެ ޔުރަލް އެއާލައިންސްގެ އޭ321 ގެ ބޯޓު ޒުވާރި ދަނޑަށް ޖައްސާފައި: އިންޖީނުގައި ދޫނިތަކެއް ޖެހުމުން އިމަޖެންސީގައި ބޯޓު ޖެއްސި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވޭ. --ފޮޓޯ:އޭއެފްޕީ
17 އޯގަސްޓް 2019 - 11:31
މޮސްކޯ (އޮގަސްޓް 17) - ބޯޓުގެ އިންޖީނުގައި ދޫނިތަކެއް ޖެހުމުން ކުއްލި ހާލަތުގައި، ޒުވާރި ދަނޑަކަށް ބުރާސްފަތި ދުވަހު ބޯޓު ޖައްސައި، 233 މީހުން ސަލާމަތްކޮށްދިން ޕައިލެޓަށް ބަތަލެއްގެ ދަރަޖައިގައި އެތައް ބަޔަކު ތައުރީފްކޮށްފި އެވެ.
މޮސްކޯގެ ޒުކޮވްސްކީ އެއާޕޯޓުން ނައްޓާލިތާ މާގިނައިރެއް ނުވަނީސް އެއާބަސް ޖެޓުގައި ދޫނިތަކެއް ޖެހި ދެ އިންޖީން ވެސް ފެއިލްވި އެވެ. މޮސްކޯ އިން ކްރައިމިއާ އަށް ދަތުރުކުރި ބޯޓުގައި 226 ޕަސިންޖަރުންނާއި ހަތް ކްރޫން ތިއްބެވެ. ގިނަ ޕަސިންޖަރުންނަކީ ޗުއްޓީ އަށް ދަތުރު ކުރި މީހުންނެވެ. ޔުރަލް އެއާލައިންސްގެ ބޯޓު 77 ޓަނަށް ވުރެ ބަރެވެ.
ބޯޓުގެ ޕައިލެޓް ދަމިރް ޔުސުޕޯފް ބުނީ އެއް ޖީނުގައި ދޫންޏެއް ޖެހުނު އިރު ބޯޓު މައްޗަށް ނަގަނީ ކަމަށެވެ. ގިނައިރުތަކެއް ނުވަނީސް ދެ ވަނަ އިންޖީނުގައި ވެސް ދޫންޏެއް ޖެހުނެވެ. ކެޕްޓަން ޔުސުޕޯފް ބުނީ އެއް އިންޖީން ފެއިލްވި ނަމަވެސް އަނބުރާ އެއާޕޯޓަށް ޖެއްސޭނެ ކަމަށް އޭނާ އަށް ލަފާކުރެވުނު ކަމަށެވެ.
ޒުވާރި ދަނޑަށް ޖެއްސި ބޯޓުގެ ޕައިލެޓް ޔުސުޕޯފް: އޭނާ އަށް ދަނީ ތައުރީފް ކުރަމުން. --ފޮޓޯ:ގެޓީ އިމޭޖަސް
"ދެ ވަނަ އިންޖީނުގެ ވެސް ޕަވާ ދާން ފެށުމުން، ބޯޓު ތިރިވަން ފަށައިފި. ބޯޓު މައްޗަށް ނަގަން މަސައްކަތް ކުރި ނަމަވެސް ފްލައިޓްރާޑަރުން ދައްކަނީ ބޯޓު އޮތީ 243 މީޓަރު (797 ފޫޓު) އުހުގައި ކަމަށް،" އޭނާ ބުންޏެވެ. "އަޅުގަނޑު މަސައްކަތް ކުރީ ބޯޓު މައްޗަށް ނެގުމަށް ފަހު އިންޖީނަށް ދިމާވި މައްސަލަ ބަލަން."
އެކަމަކު ހުރިހާ ކަމެއް ނާކާމިޔާބުވުމާ އެކު ކެޕްޓަން ޔުސުޕޯފް އާއި ކޯ-ޕައިލެޓް ޖޯޖީ މުރްޒިން ނިންމީ އިންޖީނަށް ތެޔޮ ސަޕްލައި ކުރުން ހުއްޓުވައި، ގްލައިޑިންގައި ގޮސް ޒުވާރި ދަނޑަށް ބޯޓު ޖެއްސުމަށެވެ.
ކެޕްޓަން ޔުސުޕޯފް ބުނީ އިމަޖެންސީގައި ބޯޓު ޖައްސަން އޭނާ ފަރިތަކޮށްފައިވާ ކަމަށެވެ.
ބޮޑު އެކްސިޑެންޓަކުން ބޯޓު ސަލާމަތްކޮށްދިނުމުން އެތައް ބަޔަކު ތައުރީފް ކުރި ނަމަވެސް ކެޕްޓަން ޔުސުޕޯފް ބުނީ އޭނާ އަކީ ބަތަލެއް ކަމަށް އިހްސާސް ނުވާ ކަމަށާއި އޭނާ ކުރީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް އޮތީ ޕަސިންޖަރުންނާއި ކްރޫން އަދި ބޯޓު ސަލާމަތް ކުރުން،" ޕައިލެޓް ބުންޏެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވީ ބޯޓުގެ ދެ ޕައިލެޓުންނަށް ގައުމީ ފެންވަރުގެ އެވޯޑެއް ދޭނެ ކަމަށެވެ. ރަޝިޔާގެ ބޮޑު ވަޒީރު ދިމިތުރީ ޕެސްކޯފް ވިދާޅުވީ ބަތަލުންތަކެއް ފަދަ ޕައިލެޓުންނަށް ގައުމުގެ އެންމެ މަތީ އިނާމު ހައްގުވާ ކަމަށެވެ. އޭނާ ވަނީ ގައުމީ ފެންވަރުގެ އެވޯޑެއް ޕައިލެޓުންނަށް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގަވައިފަ އެވެ.
ރަޝިޔާގެ އެންމެ ކުޅަދާނަ އެއް ޕައިލެޓް ކަމަށްވާ ޔޫރީ ސިޓްނިކް ބުނީ ޔުސުޕޯފް ކަންތައް ކުރީ އެ ހާލަތުގައި ކަންތައް ކުރެވޭނެ އެންމެ ރަނގަޅަށް ކަމަށެވެ.
ކުއްލި ހާލަތުގައި ދަނޑަކަށް ޖެއްސުމުގެ ތެރޭގައި 70 ވަރަކަށް ޕަސިންޖަރުންނަށް ކުދިކުދި އަނިޔާތައް ލިބުނެވެ. ހޮސްޕިޓަލުގައި ބާއްވަން ޖެހުނީ 69 އަހަރުގެ އަންހެނެއް އެކަންޏެވެ.
އިމަޖެންސީގައި ޒުވާރި ދަނޑަށް ޖެއްސި އެއާބަސް އޭ321 ގެ ބޯޓު ކައިރީގައި ރެސްކިއު ޓީމުތައް ހަރަކާތްތެރި ވަނީ. --ފޮޓޯ:ރޮއިޓާސް
ބައެއް ތަޖްރިބާކާރުން ބުނި ގޮތުގައި ޒުވާރި ދަނޑަކަށް ބޯޓު ޖެއްސޭ ގޮތްވުމަކީ ވަރަށް ބޮޑު ރަނގަޅެކެވެ. އެއީ ޒުވާރި ގަސްތައް ކަޝަންއެއް ގޮތަށް މަސައްކަތްކުރި އިރު ވާރޭ ވެހުމުން ބިންގަނޑު ވެސް އޮތީ ތެމި، ޗަކަވެފަ އެވެ. އެހެންވެ އިންޖީނުން އަލިފާން ކަނި ކެނޑިފައެއް ވެސް ނުވެ އެވެ.
އެއާލައިނުގެ ތަރުޖަމާނަކު ބުނީ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ބޯޓު ދަތުރުތަކުގައި ދެން ބޭނުން ނުކުރާނެ ކަމަށެވެ.
ބޯޓުން ދަތުރުކުރި ސްވެޓްލަނާ ބަބިނާ ކިޔާ ޕަސިންޖަރަކު ބުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދިމާވި ހާދިސާއެއްގައި އެހާ އޮމާންކޮށް ބޯޓު ޖެއްސީތީ ޕައިލެޓުންނަށް ތައުރީފް ކުރާ ކަމަށެވެ.
ޕައިލެޓް ޔުސުޕޯފްގެ އުފަން ޓައުންގެ ގަވަރުނަރު ވިދާޅުވީ ޔޫރަލް އެއާލައިންސްގެ ބޯޓުގެ ކްރޫން ދައްކުވައިދީފައި ވަނީ އާދަޔާޚިލާފު ހުނަރުވެރިކަމެއް ކަމަށާއި އެއީ ހަމަ ބަތަލުން ކަމަށެވެ.
މި ހާދިސާ ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. މޮސްކޯގެ އެއާޕޯޓްތަކާ ކައިރީގައި ދޫނި އުޅޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ބައެއް މީހުން ބުނަނީ ދޫނި ގިނަވަނީ އެ ސަރަހައްދަށް ކުނި އަޅާތީ ކަމަށެވެ. އޭވިއޭޝަން އޮފިޝަލުން ބުނަނީ މިއީ ބޯޓުތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ.
ޖެނުއަރީ 2009 ގައި ހިނގި ހާދިސާގައި ޔޫއެސް އެއާވޭސްގެ ބޯޓު ހުޑްސަން ކޯރުގައި. --ފޮޓޯ:ގެޓީ އިމޭޖަސް
ބައެއް މީހުން ބުނި ގޮތުގައި މިއީ 2009 ވަނަ އަހަރު ނިއު ޔޯކުން ނައްޓާލި ބޯޓެއްގެ އިންޖީނުގައި ދޫނިތަކެއް ޖެހުމުން ނިއު ޔޯކުގެ ހުޑްސަން ކޯރަށް ޔޫއެސް އެއާވޭސްގެ ބޯޓެއް ޖެއްސި ހާދިސާގެ ހަނދާންތައް އާކޮށްދިން ކަމެއް ކަމަށެވެ. އެ ފަހަރުގެ އެކްސިޑެންޓުގައި ވެސް ބޯޓުގައި ތިބި 155 މީހުން ސަލާމަތްކުރި އެވެ. އެ ހާދިސާ އަށް ވަނީ ފިލްމެއް ވެސް ހަދައިފަ އެވެ.
ރަޝިޔާގެ އޭ321 ޖެޓުގެ 33 އަހަރުގެ ޕައިލެޓް ޔުސުޕޯފްގެ ތަޖްރިބާ މަދު ނަމަވެސް ހުޑްސަން ކޯރަށް ޖެއްސި 57 އަހަރުގެ ޕައިލެޓަކީ ބޯޓު ދުއްވުމުގެ 30 އަހަރުގެ ތަޖުރިބާ ހުރި މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސް
19 August 2019
މިޙާދިސާއަކީ ދޫނިތަކެއްގެ ސަބަބުން ދިމާވި ޙާދިސާއެއްކަމަށް ބުނެފައިވޭ...އަދި ބޮޑު ސިންގާ ދޫންޏެއް ފުލައިޓާއި ދިމާލުން މަތީގައި އުދުހޭކަމީ ދޫނިބޭނުންކޮށްގެން މީހުން މިހާރު އުދުހެންވެއްޖެކަމަށް ދޫނިތައް ދީފައިވާ ބާރުގަދަ މެސެޖެއް. މިދޫނިތަކުގެ އަޑު އަހަންޖެހޭ.
ަައެލެން
19 August 2019
އެންމެ ފަހުން އައްޑޫގެ ޓްރެއިނިންގް ސްކޫލްއިން އިންޖިން ފެއިލް ވެގެން ޖެއްސި މަތިންދާބޯޓުގަ އިން އިންސްޓްރަކްޓަރުގެ މޮޅުވާހަކަ ވެސް ދައްކަބަލަ.
މުހައްމަދު މާޖިދު
18 August 2019
މިއީ ވަރަށްދެރަކަމެއް. ދަނޑުވެރިޔާގެ ހައްގުތައް ކޮބާ. މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން
ނޫރު
18 August 2019
މުޙައްމަދު މާޖިދު ތީކިހިނެތް ވެގަ ހުރި މީހެއް.. ސަތޭކަ ޒުވާރިދަނޑަށްވުރެ އެ ހުރިހާ މީހުންގެ ފުރާނަ މުހިއްމު.. އެމީހާގެ ހައްގު އެމީހާއަށް ލިބޭނެ .. އުފާވަނީ އެންމެން ސަލާމަތްވީތީ..
ބުއްދީގެ ހަމަ
17 August 2019
ފުލައިން ސްކޫލްގެ މަތިންދާ ބޯޓެއް އިންޖީން ފެއިލްވުމުން ކަނޑަށް ޖެއްސުމުން ދިވެހި ހަބަރުތަކުގައި ހުރީ ބޯޓު ވެއްޓުނީ ކަމަަށް.. އެކަމު މިހަބަރުގައި އޮތް ގޮތަށް އިންޖީން ފެއިލް ވެގެން ޒުވާރި ދަނޑަށް އަދި 2009 ގައި ކޯރަށް ޖެއްސި ބޯޓު ވެސް ވެއްޓުނީ އެކޭ ނެތް ލިޔެފައެއް.. މިއީ ވިސްނުމުގެ މައްސަލައެއް.. އިންޖީން ފެއިލް ވުމުން އެންމެ ރައްކާތެރި ތަނަކަށް ބޯޓު ޖެއްސުމަކީ ބޯޓް ވެއްޓުމެއް ނޫން.. އެވާނީ ބޯޓް ޖެއްސީކަމަށް.. ލޭންޑިން އަކަށް..
މުހައްމަދު މާޖިދު
18 August 2019
އިންޖީނު ފެއިލްވެގެން ތަނެއްގަ ޖެހެންދެން ތިރިއަށް އަންނަ އައުމަށް ދިވެހިބަހުން ކިޔަނީ ވެއްޓުން. ޖެއްސުން ކިޔަނީ އޭގެ އަމިއްލް ބާރުގަ އައިސް ތަނެއްގަ ޖެއްސުމަށް
ޖަވު
18 August 2019
ކެޕްޓަން ޔުސުޕޯފް އާއި ކޯ-ޕައިލެޓް ޖޯޖީ މުރްޒިން ނިންމީ އިންޖީނަށް ތެޔޮ ސަޕްލައި ކުރުން ހުއްޓުވައި، ގްލައިޑިންގައި ގޮސް ޒުވާރި ދަނޑަށް ބޯޓު ޖެއްސުމަށެވެ. މިއީ ވައިގެތެރޭގަ އޮތްބޯޓު ތިރިވަމުން ދިޔައިރު ކޮންޓުރޯލްކޮއްގެން ޖެއްސިކަން އެގޭ ބަހެއް ދެވަނައީ ކޮންޓުރޯލް ނެތްނަމަ ފުރާނަތަކެއް ގެއްލިދިޔައީސްކަން. ވީމާ ދިވެހިބަހުން ވެއްޓުން މިހާދިސާއައް ނުކިޔޭނެ.
ނޫރު
18 August 2019
މި މުޙައްމަދު މާޖިދަކީ ވަރަށް ބޮޑު ގަމާރެއްކަމަށް ފަހަގަ ކުރެވޭ.. ބަލަ އެޔަށް ކިޔަނީ ކޮންޓްރޯލް ލޭންޑިންގް .. އެއްވެސް ކޮންޓްރޯލެއް ނެތިގެން ވެއްޓޭނީ.. މި ކޮންމެ ހާދިސާއެއްގައިވެސް މީހުން ސަލާމަތް ވީކަމަށްޓަކައި ﷲ އަށް ހަމްދުކޮށް ޝުކުރުކުރަންޖެހޭ.. މުދަލަކީ ފަހުން ވެސް ލިބޭނެއެއްޗެއް. މީހެއްގެ ފުރާނަ ދިޔައިމަ ދެން އެމީހާ އެއް ނުލިބޭނެ..
ދިވެހިން
17 August 2019
ވަރަށް ދެރަ
ރަދީފް
17 August 2019
ގެއްލުމެއް ލިބުނުނަމަ ބަވާނީވެސް ޕައިލެޓަށް.
ދިވެހިން.
17 August 2019
ތިބޭ ކާގަޅާގެން ކޮމެންޓުކުރަން..
ރޫސީރެހަ
17 August 2019
އެހެންވީމަތާ ސަލާމަތްވީމް ތައުރީފުކުރީވެސް ގައުމީ އެންމެމަތީޝަރަފާއިއެކު
ކިއްލިބާޝާ
17 August 2019
ރަޝިޔާމީހުން ގަދަވާނެ.