ގެތަކުގައި ވަރުގަދައަށް އަލިފާން ރޯވި ސަބަބެއް ނޭނގޭ. --ފޮޓޯ:އޭއެފްޕީ
18 އޯގަސްޓް 2019 - 12:12
ޑާކާ (އޮގަސްޓް 18) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ފަގީރު ހިސާބުގަނޑެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15،000 ގެ އެނދުމުން ބައި ލައްކައެއްހާ މީހުން ހާލުގައި ޖެހިއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ވަނީ ޒަޚަމްވެފަ އެވެ. އަލިފާން ރޯވި ގިނަ ތަންތަނުގެ ފުރާޅު ހުރީ ސަތަރިން ހަދައިފަ އެވެ. އޮފިޝަލުން ބުނި ގޮތުގައި އަލިފާން އެހާ ފަސޭހައިން ފެތުރުނީ އެހެންވެ އެވެ.
ގެތަކުގައި ވަރުގަދައަށް އަލިފާން ހިފި ނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުުވޭ. --ފޮޓޯ:ރޮއިޓާސް
އަލިފާނުގެ ހާދިސާ ހިނގި އިރު ގިނަ މީހުން ވަނީ އީދު ޗުއްޓީ އަށް އެކި ދިމަދިމާއަށް ގޮހެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. އަލިފާން ނިއްވާލަން ހަ ގަޑިއިރު ހޭދަވި ކަމަށް އޮފިޝަލުން ބުނެ އެވެ.
އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ޑާކާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 80 މީހުން މަރުވެފަ އެވެ. ޗިޓަގަންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ ނުވަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
18 August 2019
މާތްﷲ އެބައިމީހުންނަށް އެލިބުނު ގެއްލުމުގެ ބަދަލު ދެއްވާށި.
ބަބުރަންޖީ ހާޖީ
18 August 2019
ބަނގުލަދޭޝް ފަގީރު ވީމާ ތައުޒިޔާގެ މެސެޖުގަނޑެއްޖަހާލާނެ މީހަކުވެސް ނުވާނެ.