30 އޯގަސްޓް 2019 - 09:54
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ޓްރިވެންޑްރަމް ތަމްސީލްކުރައްވާ އިދިކޮޅު ކޮންގްރެސް ޕާޓީގެ މެމްބަރު ޑރ. ޝަޝީ ތަރޫރަށް މި ވަގުތު ކުރިމަތިވެފައިވަނީ އަމިއްލަ ޕާޓީގެ ފިއްތުންތަކެވެ. ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް އޭނާ ތައުރީފްކުރެއްވި ކަމަށް ބުނެ އެހެން މެމްބަރުން މައްސަލަ ޖެއްސުމުން، ކޮންގްރެސްގެ ކެރެލާ ގޮފި، ޕްރަދޭޝް ކޮންގްރެސް ކޮމިޓީގެ ރައީސް މުލައްޕްލީ ރަމަޗަންދްރަން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އެދި ތަރޫރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
މި މައްސަލަ ދިމާވީ، ކަޝްމީރަށް ހާއްސަ ބާރުތަކެއް ލިބިދޭ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ ސަސްޕެންޑްކުރުމުން ފާޑުކިޔުން އަމާޒުވެފައިވާ މޯދީއާ މެދު އަބަދު ގޯސް ތަސައްވުރެއް ދިނުމަކުން ކަންކަމަށް ހައްލެއް ނުލިބޭނެ ކަމަށް ކޮންގްރެސްގެ ކުރީގެ ޔޫނިއަން މިނިސްޓަރު ޖައިރާމް ރަމޭޝް ވިދާޅުވުވުމުން އޭނާގެ ދިފާއުގައި ތަރޫރު ނުކުންނެވުމުންނެވެ. ތަރޫރު ވިދާޅުވީ މިދިޔަ ހަ އަހަރު އޭނާ ވަކާލާތުކުރެއްވީ، ބޮޑުވަޒީރު ރަނގަޅު ކަމެއްކޮށްފި ނަމަ ނުވަތަ ރަނގަޅު ވާހަކައެއް ދައްކަވައިފި ނަމަ ތައުރީފްކުރަން ޖެހޭނެ ކަމަށް ކަމަށާއި، އޭގެ ސަބަބުން މޯދީ ގޯސްކޮށް ކަމެއް ކުރުމުން، އެކަމަށް ފާޑުކިޔާއިރު އެ އެ ފާޑުކިޔުމެއްގައި އާރުލާނެ ކަމަށެވެ.
އެއާ އެކު ތަރޫރު ހޫނުފެނަށް ވެއްޓިވަޑައިގަތީ އެވެ. ކެރެލާ ކޮންގްރެސްގެ ރައީސް ރަމަޗަންދްރަން ވިދާޅުވީ މޯދީގެ އަމަލުތައް އެއްވެސް އިރެއްގައި ރަނގަޅު ނޫން ކަމަށާއި އޭނާ ރަނގަޅު ގޮތުގައި ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ޕީސީސީގެ ކުރީގެ ޗީފް ކޭ. މުރަލިދަރަން ވަނީ ތަރޫރު ބީޖޭޕީއާ ގުޅުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ތުރިސޫރް ތަމްސީލްކުރައްވާ ކޮންގްރެސްގެ މެމްބަރު ޓީ.އެން ޕްރަޕަތަން ވަނީ ތަރޫރާ ދެކޮޅަށް ފިޔަވަޅު އަޅަން އެދި ކޮންގްރެސްގެ ލީޑަރު ސޯނިއާ ގާންދީ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ ހުރިހާ ފާޑުކިޔުންތަކަށް ރައްދުދީ ތަރޫރު ވަނީ ރަމަޗަންދްރަން އަށް ޖަވާބުދާރީވެވަޑައިގެން ސިޓީއެއް ފޮނުވައްވައިފަ އެވެ. އޭނާ އެ ސިޓީ ލިޔުއްވީ، އޭނާގެ 19 ވަނަ ފޮތް 'ދަ ހިންދޫ ވޭ: އެން އިންޓްރޮޑަކްޝަން އޮފް ހިންދުއިޒަމް" ނިންމަވަން ރާއްޖޭގައި ހުންނަވައިފަ އެވެ. ހުރިހާ ކަމަކުން ސިކުނޑި ހުސްކުރައްވައިގެން ހުންނަވައި، އަންނަ ހަފުތާގައި ނެރޭ އެ ފޮތުގެ އެންމެ ފަހުގެ މަސައްކަތްކުރައްވަން ރާއްޖޭގެ ހިތްފަސޭހަ މާހައުލަށް ވަޑައިގެންނެވި ނަމަވެސް ސިކުނޑި އަށް އުނދަގޫކުރަނީ ގޯސް ތުހުމަތުތަކެކެވެ. އެކަމަކު އެ ފޮތަކީ، މޯދީ އަށް އޭނާ ތާއީދުކުރައްވާ ކަމަށް ތުހުމަތުކުރާ ފަރާތްތަކަށް ދެވޭނެ ވަރުގަދަ ރައްދަކަށް ވާނެ އެވެ. ސަބަބަކީ ބެލެވޭ ގޮތުގައި މިއީ، އިންޑިއާގައި ފަތުރަމުން އަންނަ ހިންދޫ ގައުމިއްމަތުގެ ފިކުރު ނުވަތަ ހިންދުތުވާ އަށް ފާޑުކިޔުމުގެ ނަޒަރަކުން އޭނާ ލިޔުއްވި 'ވައި އައި އޭމް އަ ހިންދޫ' ފޮތުގެ ދެ ވަނަ ބައި ކަމަށް ވުމެވެ. މޯދީގެ ބީޖޭޕީ އަކީ ހިންދުތުވާ އާލާކޮށް ދިރުވި، ކަނާތު ފިޔައިގެ ހިންދޫ ޖަމާއަތެއް ކަމަށްވާ އާރްއެސްއެސްގެ ސިޔާސީ ވިންގުގެ ގޮތުގައި އުފެދުނު ޕާޓީއެކެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ. -- ފޮޓޯ: އޭއެފްޕީ
ގުޖުރާތުގައި 2002 ވަނަ އަހަރު ހިންދޫންނާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުން ހިނގައި އެތައް މުސްލިމުންތަކެއް ކަތިލެވިގެންދިޔަ ހާދިސާގެ ޒިންމާ ނަންގަވަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކޭ އޭރު ގުޖުރާތުގެ އޭރުގެ ޗީފް މިނިސްޓަރު މޯދީ އަށް ފާޑުކިޔައި ތަރޫރު ވަނީ 'ދަ ޕެރެޑޮކްސިއަލް ޕްރައިމް މިނިސްޓާ' ގެ ނަމުގައި ފޮތެއް ވެސް ލިޔުއްވައިފަ އެވެ. އެހެންވެ މޯދީ އަށް އޭނާ ތާއީދުކުރައްވާ ކަމަށް ބުނެ ފަތުރާ ވާހަކަތަކާ މެދު ތަރޫރު ހުންނެވީ ހައިރާންވެވަޑައިގެންފަ އެވެ.
ރާއްޖޭގައި ހުންނަވައި ކެރެލާ ކޮންގްރެސް ގޮފީގެ ރައީސް ރަމަޗަންދްރަން އަށް ތަރޫރު ފޮނުއްވި ސިޓީގައި ލިޔުއްވާފައިވާ ގޮތުގައި ބޮޑުވަޒީރު މޯދީގެ އަމަލުތައް ރަނގަޅުކުރަން އޭނާ މަސައްކަތްކުރާ ކަމަށް ރަމަޗަންދްރަން ގަބޫލުކުރެއްވީތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ އެފަދަ ކަމެއް ކުރި ކަމަށް ދޭހަވާ އެންމެ ބަޔާނެއް ނަމަވެސް ދެއްކުމަށް ތަރޫރު އެދިވަޑައިގެންފައިވެ އެވެ.
އަދި ދާދި ފަހުން ނިމުނު ޕާލިމެންޓުގެ އަށް ހަފުތާގެ ސެޝަންތަކުގެ ބަހުސްތަކަށް ނަޒަރު ހިންގަވައި، ގާނޫނު އަސާސީގެ ރޫހާއި ކޮންގްރެސް ޕާޓީގެ އަސާސްތަކާ ހިލާފަށް ބީޖޭޕީން ހުށަހަޅަން މަސައްކަތްކުރި ކޮންމެ ބިލެއްގައި މޯދީގެ ސަރުކާރާ ދެކޮޅަށް ތެދުވެ އަދި އެ ބިލުތައް ދިރާސާކޮށް ބަލަން އޭނާ ކުރި މަސައްކަތުގެ 10 ޕަސެންޓް މަސައްކަތްކުރި އެހެން މެމްބަރަކު ކެރެލާ ސްޓޭޑުން ދެއްކެވުމަށް ވެސް އޭނާ އެދިވަޑައިގެންފައިވެ އެވެ.
"އަހަރެން ފަންސާހަށް ވުރެ ގިނަ ފަހަރު ދެކޮޅަށް ތެދުވިން، އަދި 17 ބިލަކާ ދެކޮޅަށް ކެރިގެން ޔަގީންކަމާ އެކު ވާހަކަދެއްކިން. ކެރެލާ އިން އަހަންނަށް ފާޑުކިޔާ އެކަކަށް ވެސް ބުނެވިދާނެތަ އެހެން އަމަލުކުރީމޭ؟،" ތަރޫރު ސުވާލުކުރެއްވި އެވެ.
ތަރޫރު ވިދާޅުވީ ކޮންގްރެސްގެ ޕާލިމެންޓް މެމްބަރެއްގެ މަސައްކަތުގެ އިތުރުން މޯދީގެ ސަރުކާރުގެ ފުރަތަމަ ދައުރަށް އެންމެ ފުރިހަމަ ފާޑެއްކީ ފޮތް ލިޔަން އޭނާގެ ގަލަމުގެ ބާރާއި، ލިޔުންތެރިއެއްގެ ގޮތުގައި އޭނާ އަށް ލިބިފައިވާ އިތުބާރުގެ ބޭނުންކޮށްފައިވާނެ ކަމަށެވެ.
"އެއީ އެއްވެސް ގޮތަކަށް މޯދީގެ އަމަލުތައް ހަމަޖައްސަން މަސައްކަތްކުރާ މީހަކު ކުރާނެ މަސައްކަތެއް ނޫން،" 'ދަ ޕްރެޑޮކްސިއަލް ޕްރައިމް މިނިސްޓާ' ފޮތަށް އިޝާރާތްކުރައްވައި ތަރޫރު ލިޔުއްވާފައިވެ އެވެ. "މި ހުރިހާ ކަމެއް އެނގިލައްވަމެއްނޫންތޯ؟ އެހެންވީމާ މިއީ ކޮން ހަޅުލާތެއްތޯ؟ މިކަން ބިނާވެފައި އޮތީ، ޕާޓީގެ ލީޑަރުންހާ ވަރުގަދަ ޖައިރަމް ރަމޭޝާއި އަބިޝެކް ސިންގްވީގެ ވާހަކަތަކަކަށް ތާއީދުކޮށް އަހަރެން ކުރި އެންމެ ޓްވީޓެއް ޓްވިސްޓްކޮށްގެން ރިޕޯޓްކުރުމުން އެކަމުގައި ޖަޒުބާތުގައި ޖެހުމުން."
ތަރޫރު އޭނާ ލިޔުއްވި 'ދަ ޕެރެޑޮކްސިއަލް ޕްރައިމް މިނިސްޓާ' ފޮތް ދައްކަވާލައްވަނީ.
ތަރޫރް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މޯދީ ކުރައްވާފައިވަނީ ތައުރީފް ހައްގު މަދު ކަމެއް ކަމަށާއި އެކަމަކު ވޯޓް ނިސްބަތް މުޅި އިންޑިއާގައި މަތިކުރަން މޯދީ މަސައްކަތްކޮށްފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން 2014 ގައި ލިބުނު 31 ޕަސެންޓް ވޯޓުގެ ނިސްބަތް މި އަހަރު އޭނާ 37 ޕަސެންޓަށް އިތުރުކުރެއްވި ކަމަށެވެ. އެހެންވެ އެ ދެ އިންތިހާބުގައި ވެސް ވޯޓުގެ ނިސްބަތް 19 ޕަސެންޓުގައި އުޅުނު ޕާޓީއެއްގެ ހައިސިއްޔަތުން ކޮންގްރެސް އިން ކުރަންވީ ކަމަކީ އޭގެ ސަބަބު ހޯދުން ކަމަށް ތަރޫރު ވިދާޅުވެފައިވެ އެވެ.
މި ހުރިހާ މައްސަލަތަކެއް ދިމާވެފައިވަނިކޮށް ތަރޫރު އިއްޔެ ވަނީ ކަޝްމީރު މައްސަލައިގައި އިންޑިއާ އަށް ކުރިމަތިވަމުން އަންނަ ބައިނަލްއަގްވާމީ ފިއްތުންތަކުގައި، ކޮންގްރެސް އޮތީ ސަރުކާރާ އެއްކޮޅުގައި ކަމަށް ދޭހަވާ މޭރުމަކުން ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ކުރެއްވި ޓްވީޓަކަށް ތާއީދުކުރައްވައިފަ އެވެ. އެ ޓްވީޓުގައި ރާހުލް ވިދާޅުވެފައިވަނީ ސަރުކާރާ ވަރަށް ގިނަ ކަންކަމުގައި ދެކޮޅު ކަމަށާއި އެކަމަކު ކަޝްމީރަކީ އިންޑިއާގެ އެތެރޭގެ މައްސަލައެއް ކަމަށާއި ޕާކިސްތާނަށް ވިޔަސް އަދި އެހެން ގައުމަކަށް ވެސް މި މައްސަލައިގެ ތެރެއަށް ވަނުމަށް ޖާގައެއް ނެތް ކަމަށެވެ.
އެ ޓްވީޓް ކުއޯޓްކުރައްވައި ތަރޫރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮންގްރެސް އިން ދެކޭ ގޮތުގައި ޖައްމޫ ކަޝްމީރަކީ އިންޑިއާގެ މުހިއްމު ބައެއް ކަމަށެވެ. އަދި މާއްދާ 370 ސަސްޕެންޑްކުރި ގޮތާ ދެކޮޅަށް ވާހަކަ ދެއްކީ، ސަރުކާރުން އެ މާއްދާ ސަސްޕެންޑްކުރުމުގައި އަމަލުކުރި ގޮތުން ގާނޫނު އަސާސީ އަށާއި ޑިމޮކްރިޓިކް އަސާސްތަކަށް ލޮޅުން އެރުމުން ކަމަށެވެ. އެކަމަކު އިންޑިއާގެ ނިންމުމުން ޕާކިސްތާނަށް އެއްވެސް މަންފާއެއް ނެގޭނެ ސަބަބެއް ނެތް ކަމަށް ތަރޫރު ވިދާޅުވެފައިވެ އެވެ.
އިންޓަނޭޝަނަލް ޑިޕްލޮމޭޓެއްގެ ގޮތުން އ.ދ ގައި، ރެފިއުޖީންގެ ކަންކަން ހައްލުކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ތަރޫރު ވަނީ ކޯފީ އަނާންގެ ޖެނެރަލް ސެކްރެޓަރީ ކަމުގައި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީކަން ކުރައްވައިފަ އެވެ. އަނާންގެ ދައުރު ހަމަވުމުން 2007 ގައި ތަރޫރު އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވި ނަމަވެސް ދެކުނު ކޮރެއާގެ ބަންކީ މޫންއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތީ އެވެ. އެއާ އެކު އ.ދ އިން އިސްތިއުފާ ދެއްވައި އެނބުރި ގައުމަށް ވަޑައިގެން ސިޔާސީ ދާއިރާއާ ގުޅިވަޑައިގަތީ އެވެ.
ވޮޝިންޓަން ޕޯސްޓުގެ ހާރިޖީ ދާއިރާގެ ހަބަރުތައް ކަވަރުކުރައްވާ ސީނިއާ ނޫސްވެރިޔާ އިޝާން ތަރޫރުގެ ބައްޕަ، ޝަޝީ ތަރޫރަކީ އިލްމީ ބޭފުޅެކެވެ. 'ދަ ގްރޭޓް އިންޑިއަން ނޮވެލް' ގެ ނަމުގައި 1989 ވަނަ އަހަރު ލިޔުއްވި ނާވިލާ އެކު ފެއްޓެވި އަދަބީ މަސައްކަތުގައި އޭނާ ފިކްޝަން އަދި ނޮން-ފިކްޝަން އެއްކޮށް ޖުމްލަ 19 ފޮތް ލިޔުއްވައިފަ އެވެ.
ދެން އަންނަ އިންތިހާބެއްގައި ކޮންގްރެސްގެ ޕްރައިމް މިނިސްޓީރިއަލް ކެންޑިޑޭޓަޑަކަށް އޭނާ ނެރެފާނެ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ. އެކަމަކު ހުރަސްތަކެއް ވެސް އެބަހުއްޓެވެ. އެއީ އަނބިކަނބަލުން ސުނާންދާ ޕުޝްކާރް 2014 ވަނަ އަހަރު އަމިއްލަ އަށް މަރުވި ހާދިސާއާ ގުޅިގެން ކުރެވޭ ތުހުމަތުތަކެވެ. އޭނާ އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ. އެކަމަކު މި ވަގުތު އޭނާ ކުރައްވަން ޖެހިފައިވާ އެންމެ ބޮޑު ކަމަކީ ކެރެލާ ސްޓޭޓުގެ ސިޔާސީ މަޝްހަރުން ކުރިމަތިވެފައިވާ ކޮޅިގަނޑުން ސަލާމަތްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހގލ
30 August 2019
ތަރޫރަކީ މުސްލިމުންނާ ދެކޮޅު މީހެއް
ހޮޓްކިންގ
30 August 2019
ޝަޝީ ތަރޫރުއަކީ ތަންކޮޅެއް ރަނގަޅު ބޭފުޅެއް.
ކަޝްމީރު
30 August 2019
ރާއްޖެ އަކީ އިންޑިއާގެ ސިޔާސީ "ހިންދުތުވާ" ޒުވާބު ކުރާ ޕްލެޓްފޯމް އަކަށް ބަދަލު ވާތީ ހިތާމަ ކުރަމެވެ.