ދުނިޔެ / އުސާމާ ބިން ލާދިން

ބިން ލާދިން ހޯދަން އެހީވި ޕާކިސްތާނުގެ ޑޮކްޓަރުގެ އިސްތިއުނާފުގެ މައްްސަލަ ބަލަނީ

09 އޮކްޓޯބަރ 2019 - 11:05

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ޕާކިސްތާނުގައި ފިލައިގެން އުޅުނު ތަން ދެނެގަތުމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް އެހީތެރިވި ޕާކިސްތާނުގެ ޑޮކްޓަރު ޝަކީލް އަލް އަފްރީދީ މިނިވަންކޮށްދޭން އެދި އޭނާ ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއްް މިއަދަށް ތާވަލްކޮށްފި އެވެ.

ޕާކިސްތާނުގެ ޕިޝާވަރުގެ ހައި ކޯޓުގައި އަފްރީދީ އިސްތިއުނާފުކޮށްފައި ވަނީ ބިން ލާދިން މަރައިލި ހަމަލާއަށް ފަހު އޭނާ ހައްޔަރުކޮށް އިއްވާފައިވާ 33 އަަހަރުގެ ޖަލު ހުކުމެވެ. އެ ހުކުމް ފަހުން ވަނީ 23 އަހަރަށް ކުޑަކޮށްފަ އެވެ.

އޭނާއަށް ޕާކިސްތާނުގެ ރަށްފުށު ހިސާބެއްގެ ކޯޓަކުން އޭރު ހުކުމް އިއްވީ ލަޝްކަރޭ އިސްލާމް ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތަކަށް ހަރަދުކުރި ކަމުގެ ކުށުގަ އެވެ.

އެކަމަކު ޕާކިސްތާނުން އަފްރީދީ ހައްޔަރުކުރީ ބިން ލާދިން މަރައިލުމަށް އެމެރިކާ އިން ދިން ހަމަލާއަށް ބޭނުންވާ މައުލޫމާތު ދީ ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެތުހުމަތާ އެއްގޮތަށް އޭނާއަށް ދައުވާކޮށްފައެއް ނުވެ އެވެ.

އަފްރީދީ ސީއައިއޭއަށް އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ ކަމަށް ޕާކިސްތާނު އޮފިޝަލުން އޭރު ބުނެފައިވެ އެވެ.

ޝަކީލް އަފްރީދީ އަކީ ކާކު؟

ޕާކިސްތާނުގެ ގަބީލާތަކުގެ ބާރު ގަދަ އަދި ވަކި ވަރަކަށް އަމިއްލަ މިނިވަންކަން އޮންނަ ޚައިބަރު ސަރަހައްދުގެ ސިއްހީ ހިދުމަތުގެ އިސް ވެރިޔަކީ ކުރިން އޭނާ އެވެ. އޭރު އޭނާ ވަނީ އެމެރިކާއިން ހަރަދުކޮށްގެން އެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ.

އުސާމާ ބިން ލާދިން އެންމެ ފަހުން ދިރިއުޅުނު އެބޮޓްއަބާދުގައި ވެސް އެގޮތުން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހިންގި އެވެ. އެމެރިކާގެ ޕްލޭނަކީ ކުޑަކުދިންގެ ޑީއެންއޭ ހޯދައި، ބިންލާދިންގެ ޑީއެންއޭ ދިމާވޭތޯ ބެލުމެވެ. އެކަމަކު ބިން ލާދިން އުޅުނު ތަން ކަށަވަރުކުރީ އެގޮތުން ހޯދި ޑީއެންއޭ ސާމްޕަލް ބޭނުންކޮށްގެން ކަމެއް ސީދާ ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ބިން ލާދިން މަރާލުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއެއްގައި ދައްކާ ގޮތުން، ވެކްސިން ދޭން ބަޔަކު ވަނުމުން، އެގޭގެ ސެކިއުރިޓީ ގާޑުން ވަނީ އެ އެންމެން ގަދަކަމުން ނެރެފަ އެވެ.

ޕާކިސްތާނުން އަފްރީދީ ހައްޔަރުކުރީ ބިން ލާދިން މަރައިލިތާ 20 ދުވަސް ފަހުން، މޭ 23، 2011 ގަ އެވެ.

އަފްރީދީ ހައްޔަރުކުރި ފަހުން އޭނާގެ އާއިލާ އުޅެނީ ފިލައިގެންނެވެ. އަލް- ގައިދާގެ ހަނގުރާމަވެރިން އެމީހުންގެ ފަހަތުން އުޅެދާނެކަމުގެ ބިރު ބޮޑެވެ.

އަފްރީދީ މިނިވަންކުރަން އެމެރިކާއިން އަބަދުވެސް އަންނަނީ ޕާކިސްތާނު ސަރުކާރަށް ބާރު އަޅަމުންނެވެ. އެގޮތުން ޕާކިސްތާނަށް އެމެރިކާއިން ކޮންމެ އަހަރަކު ދޭ 33 މިލިޔަން ޑޮލަރުގެ އެހީ ވަނީ އެކަމާ ގުޅުވއިގެން ކުޑަކޮށްފަ އެވެ. އެމެރިކާ އިން ނިންމާފައި ވަނީ އަފްރީދީ މިނިވަން ނުވެ ހުންނަ ކޮންމެ އަހަރަކު އެ އެހީގެ ތެރެއިން އެއް މިލިޔަން ޑޮލަރު އުނިކުރާށެވެ.

އެމެރިކާގެ ރައީސްް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންނެވީ އޭނާއަށް ރައީސްކަން ލިބިވަޑައިގަންނަވާތާ "ދެ މިިނެޓް ތެރޭފައި އަފްރީދީ މިނިވަންކުރާނެ" ކަމަށެެވެ.

މުރާސިލުން ބުނާ ގޮތުގައި އަފްރީދީ ހުށަހެޅި އިސްތިއުނާފްގެ މައްސަލައިގެ އަޑު އެހުމެއް މިއަދު ފުރަތަމަ ފަހަރަށް ބާއްވާ އިރު އެ މައްސަލަ ނިމޭ ގޮތަކުން އޭނާ މިނިވަން ވުމުގެ ފުރުސަތު އެބަ އޮތެވެ. ނުވަތަ އޭނާގެ ހުކުމް އިތުރަށް ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454