ގާހިރާ (އޮކްޓޯބަރު 17) - މިސްރުގެ ސިޓީއެއް ކަމަށްވާ އަލް އަގްސަރާ ކައިރި ސަރަހައްދަކުން، ވަރަށް އާދަޔާޚިލާފު ޑިޒައިނަކަށް ހަދާފައިވާ ގަދީމީ ސަންދޯއްތަކެއް ފެނިއްޖެ އެވެ.
މިސްރުގެ ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ ނީލަ ކޯރުގެ ހުޅަނގު ފަޅިން ފެނުނު ސަންދޯއްތަކުގައި އަޅާފައިވާ ކުރެހުންތައް ވެސް ފެންނަން ހުރި ކަމަށެވެ. ގަދީމީ 20 ސަންދޯއް ވަނީ ފެނިފަ އެވެ. މިނިސްޓްރީން ސިފަކުރަނީ މިއީ ފަހުގެ ތާރީޚެއްގައި ފެނުނު "އެންމެ ބޮޑު އެއް ގަދީމީ ހޯދުމުގެ" ގޮތުގަ އެވެ.
މިސްރުން ފެނުނު ސަންދޯއްތައް ބޮޑަށް ސިފަ ވަނީ އިންސާނެއްގެ ސޫރައާ އެވެ. ލަކުޑީގެ ސަންދޯއްތައް ޑިޒައިންކޮށްފައި ވަނީ މޫނާއި ދެފައި ވެސް ފެންނަ ގޮތަށެވެ.
މިސްރުގެ ތަރިކައާ ބެހޭ މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ އަލް އަގްސަރުގެ ހުޅަނގު ވާދީން ގަދީމީ "ސިނާއީ ސަރަހައްދެއް" ފެނިފައިވާ ކަމަށް ވެސް ބުނެފަ އެވެ.