ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު. --ފޮޓޯ: އަލް ޖަޒީރާ
24 އޮކްޓޯބަރ 2019 - 11:58
ރިޔާޒް (އޮކްޓޯބަރު 24) - ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރުގެ މަގާމަށް އަނެއްކާވެސް އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.
އިބްރާހިމް އައް އައްސާފަށް ފޮރިން މިނިސްޓަރުކަން ދިންތާ އަހަރެއް ނުވަނީސް އޭނާގެ ބަދަލުގައި އާ ފޮރިން މިނިސްޓަރުގެ މަގާމަށް ރަސްގެފާން ސަލްމާން ބިލް އަބްދުލް އަޒީޒް ހަމަޖައްސާފައި ވަނީ ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު އެވެ. އޭނާއަކީ ކުރިން ޖަރުމަނުގެ ސަފީރެވެ. އުމުރުން 45 އަހަރުގެ ފަރުހާން ވަނީ ވޮޝިންޓަނުގައި ހުންނަ ސައުދީ އެމްބަސީގެ އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އައްސާފް ވަނީ މިނިސްޓަ އޮފް ސްޓޭޓުގެ މަގާމަށް ދަށްކޮށްފަ އެވެ. އައްސާފަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރުގެ މަގާމު ދިނީ އާދިލް އަލް ޖުބައިރުގެ ބަދަލުގަ އެވެ. އަލް ޖުބައިރު ވެސް އެ ފަހަރު ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ދަށްކޮށްފަ އެވެ.
ސައުދީގައި 2017 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި މީހުން ހައްޔަރުކުރި އިރު އައްސާފު ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް ދެ މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އަދި ފަހުން ވަނީ ސައުދީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ބޯޑު މެންބަރުކަމަށާއި ރަސްގެފާނުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފަ އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެއް އަދާކުރެއްވި އަލް އައްސާފަކީ އިންޓަނޭޝަނަލް ޑިޕްލޮމެސީގައި ތަޖްރިބާ މަދު ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
25 October 2019
ދެއިރުކާ ބޭހެންހެން މިނިސްޓަރު ބަދަލުކުރިޔަސް ތިކަމެއް ނުވާނެ.