އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލައިފި

ގާޒާ (ނޮވެމްބަރު 13) - ގާޒާ ސިޓީ އަށް އިޒްރޭލުން ބޮން އަޅައި ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލައިފި އެވެ.


އިޒްރޭލުން އިއްޔެ ދިން މިސައިލް ހަމަލާއެއްގައި ވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ ޝަހީދުކޮށްލައިފަ އެވެ. އުމުރުން 42 އަހަރުގެ އަލް އަތާގެ އެޕާޓްމަންޓަށް ދިން ހަމަލާގައި އޭނާގެ އަންހެނުން ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ. ރައްދުގައި ގާޒާ އިން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއްދީފަ އެވެ. އެ ހަމަލާތަކުގެ ބަދަލު ހިފަން އިޒްރޭލުން އަނެއްކާވެސް ވަނީ ގާޒާ ސިޓީ އަށް ބޮން އަޅަން ފަށައިފަ އެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 15 މީހުން ޝަހީދުވެފައިވާ ކަމަށް ހެލްތު އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތެއްގެ ކައިރީ ފަލަސްތީނުގެ އަންހެނުންތަކެއް މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ގާޒާގައި މިހާރު ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ. ގާޒާ ވަށައިގެން 80 ކިލޯ މީޓަރު (650 މޭލު) ގެ ސަރަހައްދެއްގައި އިޒްރޭލުން މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.

އިޒްރޭލް ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ގާޒާ އަށް އަންގާރަ ދުވަހު ވަނީ 30 އަށް ވުރެ ގިނަ ވައިގެ ހަމަލާދީފައި ކަމަށެވެ.