ސަރުކާރެއް އުފައްދަން ދިން މުހުލަތުގައި ގާންޒަށް ވަނީ އެކަން ނުކުރެވި، ފެއިލްވެފައި. --ފޮޓޯ:އޭއެފްޕީ
21 ނޮވެމްބަރ 2019 - 14:47
ތެލް އަވީވް (ނޮވެމްބަރު 21) - އިޒްރޭލުގައި ސަރުކާރެއް އުފައްދަން ލިބުނު މުއްދަތުގައި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސިޔާސީ ވާދަވެރިޔާ ބެނީ ގާންޒަށް އެކަން ނުކުރެވި ފެއިލްވުމާ ގުޅިގެން އަހަރެއްގެ ތެރޭގައި ތިން ވަނަ އިންތިޚާބާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.
ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުން އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވި ނަތަންޔާހޫގެ ލިކޫޑް ޕާޓީ އަށް 32 ގޮނޑި ލިބުނު އިރު އޭނާގެ ސިޔާސީ ވާދަވެރިޔާ ބެނީ ގާންޒްގެ ބްލޫ އެންޑް ވައިޓް ޕާޓީ އަށް އަށް ލިބިފައި ވަނީ 33 ގޮނޑި އެވެ.
އެކަމަކު ސަރުކާރެއް އުފެއްދުމުގެ ފުރުސަތު އެންމެ ބޮޑީ ނަތަންޔާހޫ އަށް ކަމަށް ބަލައި ރައީސް ރެއުވެން ރިވިލިން އެ ފުރުސަތު ދެއްވީ ލިކޫޑް ޕާޓީގެ ނަތަންޔާހޫއަށެވެ. ނަމަވެސް ސަރުކާރުގައި ބައިވެރިވުމަށް ގާންޒުގެ ޕާޓީ ގެނައުމަށް ނަތަންޔާހޫ ކުރެއްވި މަސައްކަތް އޮކްޓޯބަރު މަހު ވަނީ ފެއިލްވެފަ އެވެ. އެހެންވެ ސަރުކާރެއް އުފެއްދުމަށް ގާންޒަށް ވަނީ 28 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ގާންޒް ވިދާޅުވީ ސަރުކާރެއް އުފެއްދުމަށްޓަކައި ވޭތުވެދިަޔ 28 ދުވަހު ތެރޭ ނުފޮރޮޅާ އެންމެ ގަލެއް ވެސް ނޯންނާނެ ކަމަށާއި އެކަމަކު އެ މުއްދަތުގައި އޭނާ އަށް އެކަން ނުވި ކަމަށެވެ.
ނަތަންޔާހޫ އަދި ގާންޒަށް ވެސް ސަރުކާރެއް އުފެއްދިފައި ނުވާތީ ގާނޫނު ހަދާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް 21 ދުވަހުގެ މުހުލަތު ލިބިފަ އެވެ. އެ މުއްދަތުގައި އެކަން ނުކުރެވިއްޖެ ނަމަ 90 ދުވަސް ތެރޭ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ސަރުކާރު އުފައްދަން 120 މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy