ޑާކާގެ ކެފޭ ހަމަލާ: ހަތް މީހުންނަށް މަރުގެ އަދަބު

ޑާކާ (ނޮވެމްބަރު 27) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއެއްގައި 2016 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ހަތް މީހަކަށް މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.


ހަމަލާގައި 22 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 18 މީހަކު ވެސް ހިމެނެ އެވެ.

އެންޓި-ޓެރަރިޒަމް ޚާއްސަ ކޯޓަކުން މިއަދު ހުކުމް އިއްވަވަމުން ފަނޑިޔާރު މުޖީބުއްރަހްމާން ވިދާޅުވީ ހަމަލާ ދިން މީހުން ބޭނުންވީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސަމާލުކަން ހޯދައި އާއްމުންގެ ރައްކާތެރިކަން ނުރައްކަލަކަށް ދޫކޮށްލަން ކަމަށެވެ.

ޑާކާގެ މަޝްހޫރު ގުލްޝަން އޭރިއާގެ އާޓިސަން ބޭކަރީ ކެފޭ އަށް ފަސް މީހަކު ރައިފަލުން ހަމަލާދީ އެތައް ބަޔަކު ވަނީ ރަހީނުކޮށްފަ އެވެ. ހަމަލާ ރޭވުމާއި ހަމަލާ ދިން މީހުންނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކުށުގައި އަށް މީހަކަށް ދައުވާ ކުރި އެވެ. ނަމަވެސް އޭގެ ތެރޭން އެކަކު ވަނީ ސަލާމަތްވެފަ އެވެ. ހަމަލާ ދިން މީހުން ނިސްބަތްވަނީ ބަންގްލަދޭޝްގައި މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް މުޖާހިދީން ބަންގްލަދޭޝް (ޖޭއެމްބީ) އަށެވެ.

މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ނުވަ މީހުންނާއި ޖަޕާނުގެ ހަތް މީހުން ހިމެނެ އެވެ. ފުލުހުންގެ ދެ މީހަކު ވެސް މަރުވި އެވެ. ބާރަ ގަޑިއިރަށް ފަހު އެ ހަމަލާ ނިމުމަކަށް ގެނައީ އަސްކަރީ ކޮމާންޑޯއިން ކެފޭ އަށް ވަދެ މީހުން ސަލާމަތް ކުރުމުންނެވެ. ހަމަލާ ދިން ފަސް މީހުން ވަނީ މަރާލައިފަ އެވެ.