އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ. --ފޮޓޯ:އޭއެފްޕީ
02 ޑިސެމްބަރ 2019 - 12:11
ބަޣުދާދު (ޑިސެމްބަރު 2) - ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަކުރިތާ އެތައް ދުވަހެއް ފަހުން އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހުދީ ހުށަހެޅުއްވި އިސްތިއުފާ އެ ގައުމުގެ ޕާލަމެންޓުން އިއްޔެ ގަބޫލްކޮށްފި އެވެ.
މަހުދީގެ ބަދަލުގައި ބޮޑު ވަޒީރުކަމާ ދެން ހަވާލުވާނީ ކާކު ކަމެއް އަދި ނޭނގެ އެވެ. ޕާލަމެންޓުގެ ރައީސް ވިދާޅުވީ އާ ބޮޑު ވަޒީރެއް ހަމަޖައްސާނީ ރައީސް ބަރުހަމް ސޯލިހު ކަމަށެވެ.
ބޮޑު ވަޒީރުގެ އިސްތިއުފާއާ މެދު ނިންމާނެ ގޮތެއް އިރާގުގެ މިހާރުގެ ގާނޫނުތަކުގައި ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް އިއްޔެ ބާއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަށް ފަހު އެވެ. އިރާގުގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ބޮޑު ވަޒީރުގެ މަގާމަށް ބޭފުޅެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް ދެއްވަން ޖެހޭނީ ޕާލަމެންޓުގެ އެންމެ ބޮޑު ޕާޓީއަށެވެ. އާ ބޮޑު ވަޒީރަކު ހަމަޖައްސަން މަހުދީގެ ސަރުކާރު ވަގުތީ ކެބިނެޓެއްގެ ގޮތުގައި ދެމިއޮންނާނެ އެވެ.
އިރާގުގެ ހަމަނުޖެހުންތައް ވަނީ ވެރިރަށް ބަޣުދާދާއި އެހެން ސިޓީތަކަށް ފެތުރިފައި. --ފޮޓޯ: އީޕީއޭ
މުޒާހަރާގައި މީހުން މެރި މައްސަލާގައި ސަރުކާރާ މެދު ހިތްހަމަނުޖެހި، ޝިއައީންގެ އިސް ލީޑަރު ވަނީ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިޔަކަން ވެސް އިއުލާނުކޮށްފަ އެވެ.
ސަރުކާރުގެ އެކި ކަންކަން އިސްލާހުކުރުމަށް ގޮވާލައި އޮކްޓޫބަރު 1 އިން ފެށިގެން މުޒާހަރާކުރަމުން އަންނަ އިރު ހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 450 އަށް އަރައިފަ އެވެ. މުޒާހަރާކުރާ މީހުން އަންނަނީ ސަރުކާރުގައި ކޮރަޕްޝަން އާންމުވެފައި އޮތުމާއި ހިދުމަތްތައް ދޯދިޔާ ވުމާއި ވަޒީފާ ނުލިބުމުގެ މައްސަލަތައް ވެސް ހައްލުކުރުމަށް ގޮވާލަމުންނެވެ. މުޒާހަރާކުރާ މީހުން ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ބަޑި އާއި ކަރުނަ ގޭސް ބޭނުންކުރަމުންނެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން މަހުދީ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ކަންކަން އިސްލާހު ކުރާނެކަމުގެ ވައުދާ އެކު އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ހަގީގަތަކަށްވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy