އިޒްްރޭލުން ބުނެފައި ވަނީ ގާޒާ ހަމަލާ އަމާޒުކުރީ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިއަކަށް ކަމަށް. --ފޮޓޯ:އީޕީއޭ
26 ޑިސެމްބަރ 2019 - 11:01
ގާޒާ (ޑިސެމްބަރު 26) - މިދިޔަ ނޮވެމްބަރު އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދިން ހަމަލާތަކުގައި އެއް އާއިލާއަކުން ނުވަ މެންބަރުން ޝަހީދުކޮށްލެވުނީ އޮޅުމަކުން ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.
ފަލަސްތީން އޮތޯރިޓީގެ އިސް މެންބަރެއް ކަމަށްވާ ރަސްމީ އަބޫ މަލްހޫސް އާއި އޭނާގެ ކޮއްކޮ މުހައްމަދު ދިރިއުޅޭ ގެއަށް ނޮވެމްބަރު 14 ވަނަ ދުވަހު ދިން ހަމަލާގައި ސަވަރްކާ އާއިލާ އިން ޝަހީދުވި ނުވަ މީހުންގެ ތެރޭގައި ފަސް ކުޑަ ކުދިން ހިމެނެ އެވެ.
ގާޒާގެ މެދުތެރޭގެ ދައިރު އަލް ބަލާހު ޓައުނަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ރަސްމީ އާއި އޭނާގެ ދެ ވަނަ އަނބި މަރިޔަމް، 45، އާއި އެ ދެމަފިރިންގެ 11 ކުދިންގެ ތެރޭން ތިން ކުދިން ޝަހީދުވި އެވެ. ޝަހީދުވި ކުދިންގެ ތެރޭގައި ތިން އަހަރުގެ ސާލިމް އާއި 12 އަހަރުގެ މުހައްމަދު އަދި ތިން މަހުގެ ފިރާސް ހިމެނެ އެވެ. ބޮމުގެ ހަމަލާތަކުގައި މުހައްމަދުގެ އަންހެނުން ޔޫސްރާ، 39، އާއި އެ ދެމަފިރިންގެ ދެ ފިރިހެން ކުދިން ކަމަށްވާ ހަތް އަހަރުގެ މުއާޒް އާއި 13 އަހަރުގެ ވަސީމް ވެސް ވަނީ ޝަހީދުވެފަ އެވެ. މުހައްމަދު ޝަހީދުވީ އޭނާ އަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެނިކޮށް ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.
ނޮވެމްބަރު މަހު އިޒްރޭލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ 34 މީހުން ޝަހީދުކޮށްލި އިރު އެއް އާއިލާއަަކުން ނުވަ މެންބަރުން ވަނީ ޝަހީދުކޮށްލާފައި. --ފޮޓޯ:އަލް ޖަޒީރާ
ނޮވެމްބަރު މަހު މެދުތެރޭ، ގާޒާ އަށް އިޒްރޭލުން ދެ ދުވަސްވަންދެން ދިން ވައިގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 34 މީހުން ޝަހީދުވެފަ އެވެ. ހަމަލާތައް ފަށާފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާގެ އެޕާޓްމަންޓަށް ހަމަލާދީ އޭނާ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
އިޒްރޭލުން ބުނެފައި ވަނީ އެއް އާއިލާއަކުން ނުވަ މެންބަރުން ޝަހީދުވީ އޮޅިގެން ދިން ހަމަލާއަކުން ކަމަށެވެ. އެ ހަމަލާގެ އަމާޒެއް ކަމަށް އިޒްރޭލުން ބުނެފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަސްމީގެ ގެއަށް ވައިގެ ހަމަލާ ދިނީ އެއީ އިސްލާމިކް ޖިހާދުގެ އަސްކަރީ މަރުކަޒެއް ކަމަށް ހީކޮށް ކަމަށެވެ. އަދި އެ ގޮތަށް މައުލޫމާތު ދީފައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ އިން ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަލާ ދިނީ އެ ތަނަކީ އިސްލާމިކް ޖިހާދުގެ މަރުކަޒަކަށްވާތީ އެ ތަނަށް އާއްމުން ވަދެ ނޫޅޭނެ ކަމަށް ބަލައިފައި ކަމަށް ވެސް އިޒްރޭލުން ބުނެފައިވެ އެވެ.
އިޒްރޭލް ސިފައިން ބުނެފައި ވަނީ އެ މީހުންނަށް ހެދޭ ގޯހުން ފިލާވަޅު ލިބިގަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްގެފާނުު
27 December 2019
އޮޅުމަކުން އެހެންވެއްޖެޔާ އެމީހުން ދިރުވޭނެތަ އިޒްރޭލަށް؟ ތިޔައީ އޮޅުމެއްނޫން.
ބާލައާދަނު
27 December 2019
ތިޔަކީ އޮޅިގެން ކުރެވޭ ކަންތައްތަކެއް ނޫނެވެ. ތިޔަބައި މީހުންނަކީ މާޒީ އިން އިބުރަތް ލިބިގަންނަން އެނގޭ ބައެއް ނޫނެވެ. ހެދޭ ގޯހުން ފިލާވަޅު ލިބިގަނެވޭނީ މާޒީ އިން އިބުރަތް ހާސިލްކުރަން އެނގިގެންނެވެ.
ފަލަސްތީން
26 December 2019
ފަލަސްތީނަށް ބޮން އަޅަނީވެސް އޮޅިގެންބާ
ފާފުކީ
26 December 2019
ހަރުލަށި އިޒްރޭލް
ރަބަރު
26 December 2019
ގިނަގިނައިން އޮޅުންއަރާ އަދި އެހާމެ ބޮޑެތި އޮޅުންއަރާ އެތައް އިންސާނުންގެ ފުރާނަ އޮޅުމަކުން ދުއްވާލާ މި މީހުންނަށް މިނިވަން ދައުލަތެއް ހަދައިދީގެން އުޅެން ހެޔޮނުވާނެ. މާދަމާ އޮޅުމަކުން ނިއުކްލިއާ ހަތިޔާރުވެސް ބޭނުންކޮށްފާނެ.
ޝޮކްތެރަޕީ
26 December 2019
މުސްލިމުން އިސްސަފަ އަރަން ޖެހޭ. އެމީހުން ބަލިކުރެވޭނީ ހަގުރާމަކޮއްގެން.
ބަބުރަންޖީ ހާޖީ
26 December 2019
އޮޅުމަކުންވެސް ޝަހީދުކުރެވޭތަ؟
މަގު
26 December 2019
އިންޝާ ﷲ ކަލޭމެންނަށް ރަނގަޅު ފިލާވަޅެއް ލަސްތަކެއްނުވެ ދައްކަވާނެ
އީވޯ މޮރާލޭސް
26 December 2019
ޗައިނާގެ ވީގާ މުސްލިމުންނޭ ކިޔާފަ މިހާރު އަބަދު އަޑުގަދަކުރާ ބޭރުގެ މީޑިޔާތަކަށް މިމަންޒަރުތަކެއް ނުފެނޭ. އަޅާ ކިޔާއިރު މިމީހުންގެ ހާލު އެތައްހާސް ގުނައެއް ދަށްވިޔަސް. ކަޝްމީރުގެ ހާލަތެއްވެސް ނުފެނޭ. އެހެންވީމަ އެމީހުންގެ އަސްލު މަގްސަދަކީ ސިޔާސީ މަގްސަދެއް.
ގަޑުބަޑު
26 December 2019
ތިކަން ނިމޭނީ ދުނިޔެ ނިމުނީ މައެވެ. ފަލަސްތީނު ރައްޔިތުންގެ ހާލަށް ވުރެ އިޒްރޭލު ރައްޔިތުން ދުނިޔޭގައި ވެސް އުޅެންޖެހޭ ބިރުވެރި ކަމާއި އެކަނި ވެރި ކަން ކުޑައެއް ނުވާނެއެވެ. ތ