ޗައިނާގެ ވުހާން ސިޓީން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ހޮން ކޮން އެއާޕޯޓުގައި ވަނީ ފަށާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
06 ޖެނުއަރީ 2020 - 14:59
ބެއިޖިން (ޖެނުއަރީ 6) - ޗައިނާގެ މެދުތެރޭގެ ހިސާބުތަކުގައި ފެތުރެމުންދާ ވައިރަލް ހުމަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ނޫން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
އޮފިޝަލުން ބުނީ މެދުތެރޭގެ ވުހާން ސިޓީގައި ފެތުރެމުން ދަނީ ދޫނި ރޯގާ ނުވަތަ މިޑްލްއީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމެއް ވެސް ނޫން ކަމަށެވެ. ވުހާން އިން ބަލިވެގެން 59 މީހުން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ.
ވުހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީގައި ފެތުރެމުން ދަނީ ކޮން ބާވަތެއްގެ ރޯގާއެއްތޯ ބަލަން ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެ ބަލި އިންސާނުން ގައިންގަޔަން ނުޖެހޭ ކަމަށެވެ. އަދި ބަލި ޖެހިފައި ވަނީ ސިޓީގެ ސީފުޑް މާކެޓުގައި މަސައްކަތް ކުރި މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ސިންގަޕޫރާއި ހޮން ކޮންގައި މިހާރު ވަނީ ޗައިނާގެ ވުހާން އިން އަންނަ މީހުން ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.
ސާސް ރޯގާ 2002-2003 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy