ސަންއާ (ޖެނުއަރީ 20) - ޔަމަނުގެ މެދުތެރޭގައި ދިން މިސައިލް އަދި ޑްރޯން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ހަމަލާ ދިން ކަމަށް ތުހުމަތުކޮށްފައި ވަނީ ހޫތީ ހަނގުރާމަވެރިންނަށެވެ. ޔަމަނުގެ ސަރުކާރުން ބުނެފައި ވަނީ ވެރިރަށް ސަންއާގެ އިރުން 105 މޭލު ދުރުގައިވާ މެދުތެރޭގެ މަރިބް ޕްރޮވިންސްގެ މިސްކިތަކަށް ހޫތީން ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ސިފައިންނާއި އާއްމުން ހިމެނޭ ކަމަށް ޔަމަނުގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
މިއީ ޔަމަނު ހަނގުރާމައިގައި 2014 ވަނަ އަހަރުގެ ފަހުން އެއް ހަމަލާގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.
ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ހޫތީން ދިން ހަމަލާގެ ބަދަލު އެ މީހުންގެ ކިބައިން ހިފާނެ ކަމަށެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ ހޫތީން އުފުލައިފައެއް ނުވެ އެވެ.
ޔަމަނުގެ ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީ ވިދާޅުވީ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.