ބެއިޖިން (ޖެނުއަރީ 28) - ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް މި ދުވަސްވަރު ދަތުރު ނުކުރުމަށް ޗައިނާ ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.
ނޭޝަނަލް އިމިގްރޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެހެން ބޭނުންވެގެން ނޫނީ ޗައިނާ މީހުން އެހެން ގައުމުތަކަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރީ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނާއި ޗައިނާ މީހުންގެ އިތުރުން ބޭރު ގައުމުތަކުގެ މީހުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
"އެއް ގައުމު ހުރަސްކޮށް އަނެއް ގައުމަށް ދަތުރުކުރުން ހުއްޓުވިއްޖެ ނަމަ ބަލި ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ،" އެޖެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ ޑޮމެސްޓިކް އަދި ބޭރު ގައުމުތަކަށް ކުރާ ޗައިނާ މީހުންގެ ގްރޫޕް ޓުއާތައް މި ވަގުތަށް ހުއްޓުވައިފަ އެވެ.
ޒިންހުއާ ނިއުސް އެޖެންސީން މެއި މަހު ބުނި ގޮތުގައި ޗައިނާ މީހުން 2018 ވަނަ އަހަރު ވަނީ 150 ދަތުރު ގައުމުން ބޭރަށް ކޮށްފަ އެވެ. ޗައިނާ މީހުން ދަތުރު ކުރުން ހުއްޓާލައިފި ނަމަ ބައިނަލްއަގުވާމީ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑު ލޮޅުމެއް އަންނާނެ އެވެ. ރިސާޗް ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިކޮނޮމިކްސް އިން ބުނީ 2003 ވަނަ އަހަރުގެ ފަހުން ޗައިނާގެ ޓޫރިސްޓުންގެ އަދަދު ވަނީ 10 ގުނަ އިތުރުވެފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން ޗައިނާ އިން މިހާތަނަށް 106 މީހުން މަރުވެފައިވާ އިރު ބަލި ވަނީ 4،515 މީހުންނަށް ޖެހިފަ އެވެ.