ޗައިނާގެ އެކްޓިވިސްޓް ޒޫ ހައްޔަރު ކުރީ ކޮރޯނާވައިރަހުގެ މައްސަލާގައި އަޅާ ފިޔަވަޅުތަކާ ގުޅިގެން ރައީސް ޝީ ޖިންޕިން އިސްތިއުފާ ދިނުމަށް ގޮވާލުމުން. --ފޮޓޯ:ރޮއިޓާސް
18 ފެބުރުއަރީ 2020 - 13:50
ވޫހާން (ފެބްރުއަރީ 18) - ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން ފިޔަވަޅު އަޅުއްވަމުން ގެންދަވާ ގޮތާ މެދު ފާޑުކީ އެކްޓިވިސްޓަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ މަޝްހޫރު އެކްޓިވިސްޓް ޒޫ ޒިޔޮންގް ފުލުހުން ހައްޔަރުކުރީ ޑިސެމްބަރު މަހުން ފެށިގެން އޭނާ ފިލައިގެން އުޅެނިކޮށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ގުއާންގްޒޫ އިންނެވެ.
ޗައިނާގެ ވެރިކަމަށް ރައީސް ޝީ 2012 ވަނަ އަހަރު ވަޑައިގަތް ފަހުން، ސަރުކާރާ ދެކޮޅަށް ފާޑުކިޔަމުންދާ އެކްޓިވިސްޓުން ހައްޔަރު ކުރުމަށް ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮރޯނާވައިރަހުގެ ސަމާލުކަން އެންމެ ފުރަތަމަ ގެނައި ޑޮކްޓަރު މި މަހު މަރުވުމާ ގުޅިގެން، ޗައިނާ އަށް ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި ސިޔާސީ ބަދަލުތައް ބޭނުންވާ ކަމަށް ބުނެ އަޑުއުފުލުން ވަނީ އިތުރުވެފަ އެވެ.
ޗައިނާ އަށް އިސްލާހީ ބަދަލުތައް ގެންނަން ބޭނުންވާ ކަމަށް ބުނެ އެކްޓިވިސްޓުންގެ ބަޔަކު އިރުމަތީގެ ޒިއަމެން ސިޓީގައި ޑިސެމްބަރު މަހު ބޭއްވި ބައްދަލުވުމަކަށް ފަހު ޒޫ އުޅުނީ ފިލައިގެންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ވަކީލުންނާއި އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފަ އެވެ. ފިލައިގެން އުޅެމުން ވެސް ޒޫ ދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޗައިނާ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ކޮރޯނާވައިރަހާ ގުޅިގެން ޗައިނާގެ ރައީސް އަޅުއްވާ ފިޔަވަޅުތައް ފެއިލްވެފައިވާ ކަމަށް ބުނެ ރައީސް ޝީ އިސްތިއުފާ ދިނުމަށް ޒޫ ވަނީ މި މަހު 4 ވަނަ އާއްމުކުރި ލިޔުމެއްގައި ގޮވާލައިފަ އެވެ.
"މެޑިކަލް ސަޕްލައި ވަނީ ހުސްވެފައި. ހޮސްޕިޓަލްތައް ވަނީ ބަލި މީހުން ގިނަވުމުން ފުރިފައި. ބަލިޖެހިފައިވާ މީހުންގެ ބަލި ދެނެގަނެވޭނެ ގޮތެއް ނެތް،" ޒޫގެ ލިޔުމުގައި ބުނެފައިވެ އެވެ.
ގާނޫނާޚިލާފު އެއްވުމެއް ބޭއްވި ކަމަށް ބުނެ ޒޫ ވަނީ 2013 ވަނަ އަހަރު ހައްޔަރުކޮށްފަ އެވެ. އޭނާ ދޫކޮށްލީ ހަތަރު އަހަރު ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާފުށިން ޔާމީނު
18 February 2020
ތިގޮތަށް މަވެސް ވެރިކަން ކުރަން އުޅެނިކޮއް ރައްޔިތުން ނޫނެކޭ ބުނީ. ކަލޯ ޝީ ވަގުތު އޮއްވާ އިސްލާހުވޭ.
ބަބުރުލް ސަލީމް
18 February 2020
ޝީ ! މީތި ކަޑައޭ.